މަޖިލިސް އިންތިޚާބަށް ރީ-ރަޖިސްޓަރީ ކުރުމަށް 1257 މީހުން ހުށަހަޅައިފި. މިއީ ނިސްބަތުން މަދު އަދަދެއް
އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުތައް ދައްކާގޮތުން 2019 ވަނައަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރީ-ރަޖިސްޓަރީ ކޮށްފައިވަނީ 20848 މީހުން
މާޗު ސަތާރަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރުމަށް މިހާތަނަށް 1257 މީހަކު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަ ކުރައްވައިވިއެވެ.
މީޑިއާއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ މިހާތަނަށް ރަޖިސްޓަރީ ކުރުމަށް ހުށަހަޅާފައިވާ މީހުންގެ ތެރެއިން 1060 މީހަކު ރަޖިސްޓަރީ ކޮށްފައިވާ ކަމަށެވެ.
އަދި އެކި ސަބަބުތަކާހެދި 197 މީހަކު ހުށަހަޅާފައިވާ ހުށަހެޅުން ބަލައިނުގަނެ އަނބުރާ ފޮނުވާލާފައިވާ ކަމަށްވެސް ހަބީބް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ރީ-ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަތް ވަނަ ދުވަހުގެ ހަވީރު ހަތަރެއް ޖެހުމާ ހަމައަށެވެ.
އެހެން ފަހަރުތަކާ ޚިލާފަށް އިލެކްޝަންސް ކޮމިޝަނުން ރީ-ރަޖިސްޓަރީ ކުރުމަށް ހުޅުވާލާފައިވަނީ އޮންލައިން ކޮށް ކޮންމެ މީހަކުވެސް އެމީހެއްގެ އީ ފާސް މެދުވެރިކޮށް ނުވަތަ އިންތިޚާބާ ބެހޭ މައި މަރުކަޒަށް ގޮސްގެންނެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ރިސޯޓުތަކާއި ޖަލުތަކާއި ސިނާއީ މަސައްކަތްކުރާ ތަންތަނަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް ފިޔަވައި އެހެން މީހުން ރަޖިސްޓަރީވެފައި އޮންނާނީ މިދިޔަ ރިޔާސީ އިންތިޚާބުގައި ރަޖިސްޓަރީވެފައި އޮތްތަނަށް ކަމަށެވެ.
އެކޮމިޝަނުންވަނީ ރީ-ރަޖިސްޓްރީ ކުރަަން ހުށަހެޅުމުގެ ކުރިން މިހާރު ރަޖިސްޓްރީ ވެފައިވާ ތަން ޗެކްކުރުމަށް އެދިވަޑައިގެންފައެވެ.
ރަޖިސްޓަރީވެފައިވާ ތަން 1414އަށް އެސްއެމްއެސް ކޮށްގެން ބެލޭނެއެވެ.
އެހެން ފަހަރުތަކާ ޚިލާފަށް ރީ-ރަޖިސްޓަރީ ކުރުމުގެ ކަންކަން ކޮންމެ މީހަކުވެސް އީ-ފާސް މެދުވެރިކޮށް އެކަނި ކުރަންޖެހުމަކީ ރީ-ރަޖިސްޓަރީވާ މީހުން މަދުވެދާނެ ކަމެއް ކަމަށް ސިޔާސީ ޕާޓީތަކުން އަންނަނީ ބުނަމުންނެވެ.
އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުތައް ދައްކާގޮތުން 2019 ވަނައަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި
ރީ-ރަޖިސްޓަރީ ކޮށްފައިވަނީ 20848 މީހުންނެވެ.
ރިއެކްޝަންސް