
އޮގަސްޓް 1 ން ފެށިގެން ބީއެމްއެލްގައި އިންޑިއަން ރުޕީ އެކައުންޓް ހުޅުވޭނެ
އޮގަސްޓް 1 ން ފެށިގެން ބީއެމްއެލްގައި އިންޑިއަން ރުޕީ އެކައުންޓް ހުޅުވޭނެކަން އިއުލާނުކޮށްފިއެވެ. އެކަމުގެ ތަފްސީލް ހިއްސާކުރަމުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނީ އިންޓަރނެޓް ނުވަތަ މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު އެކައުންޓް ހުޅުވާނެ ކަމަށެވެ.
ރާއްޖެއިން ބޭރުން އިންޑިއަން ރުޕީއިން އެކައުންޓަށް ފައިސާ ގެނެވޭނެ ކަމަށްވެސް ބީއެމްއެލްއިން ބުންޏެވެ. އަދި ބީއެމްއެލްގެ އެކައުންޓް ތަކުގައި ފަސޭހަކަމާއެކު ފައިސާ ޓްރާންސްފަރ ކުރެވޭނެ ކަމަށްވެސް ބޭންކުން ބުންޏެވެ.
މިކަން ހަމަޖެހި ރަސްމީކޮށް އިއުލާނުކުރެވިގެން މިދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ ދައުވަތަކަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. އެކަމަކު ރާއްޖޭގައި އިންޑިއަން ރުޕީސް އަދި އިންޑިޔާގައި ދިވެހި ރުފިޔާ ބޭނުންކުރެވޭނެ ގޮތް ހަމަޖައްސަވަމުން ދާކަމާއި, އެކަން ހަމަޖެހޭނެކަން މީގެކުރިން ވަނީ އިއުލާނުކޮށްފައެވެ.
ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް މިއަދު ވިދާޅުވީ ބީއެމްއެލްގައި އިންޑިއަން ރުޕީސް އެކައުންޓް ހުޅުވަން ފެށުމަކީ ފަޚުރެއް ކަމަށެވެ.
"މީގެ ސަބަބުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ވިޔަފާރި އާއި އިންވެސްޓްމެންޓްގެ އާ ފުރުސަތުތަކާއި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުގައި ވެސް ފަސޭހަތަކެއް ލިބިގެންދާނެ. ގައުމީ ބޭންކުގެ ހައިސިއްޔަތުން، އާންމު ފަރުދުންނާއި ވިޔަފާރިތަކުގެ ބޭނުންތަކަށް ސަމާލުކަންދީ، ބޭންކިން ދާއިރާ އާ ހަރުފަތްތަކަށް ގެންދިޔުމުގައި އަޅުގަނޑުމެން ދެމިތިބޭނަން" ޝަރީފް ވިދާޅުވިއެވެ.
ރިއެކްޝަންސް






