ފުވައްމުލަކު ސިޓީ ކައުންސިލްގެ އިހުމާލުން އެއާޕޯޓުގެ އޮޕަރޭޝަން ހުއްޓިދާނެ ކަމުގެ ބިރު
ފުވައްމުލައް އެއަޕޯރޓް

ފުވައްމުލަކު ސިޓީ ކައުންސިލްގެ އިހުމާލުން އެއާޕޯޓުގެ އޮޕަރޭޝަން ހުއްޓިދާނެ ކަމުގެ ބިރު

5 hours ago - 13:24
Jun 26, 2025 - 13:24
Advertisement
Advertisement

ފުވައްމުލަކު އެއާޕޯޓުގެ ރަންވޭ ކައިރީގައި އިމާރާތް ކުރަމުންދާ ގެއެއް، ހުއްދަދީފައިވާ މިންގަނޑަށްވުރެ މައްޗަށް ނަގަމުންދާ މައްސަލަ ހުއްޓުވުމުގައި ފުވައްމުލަކު ސިޓީ ކައުންސިލުން އިހުމާލުވަމުން ދިއުމުގެ ސަބަބުން ފުވައްމުލަކު އެއާޕޯޓުގެ އޮޕަރޭޝަން ހުއްޓިދާނެ ކަމުގެ ބިރު ބޮޑުވެފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

އިތުބާރު ހުރި ގޮތަކަށް އަމާޒު ނޫހަށް އެނގިފައިވާ ގޮތުގައި 2021 ވަނަ އަހަރު ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ ފުވައްމުލަކު އެއާޕޯޓު ކައިރީގައި އޮތް ގޯއްޗެއްގައި ގެ އިމާރާތް ކުރުމަށް ހުއްދަ ދީފައެވެ.

އެހެން ނަމަވެސް އެ ގޯއްޗަކީ އެއާޕޯޓު ކައިރީގައި އޮތް ގޯއްޗެއްކަން ސިޓީ ކައުންސިލަށް ފާހަގަ ކުރެވުމާއެކު އިމާރާތް ކުރުމަށް ކައުންސިލުން 2021 ވަނަ އަހަރު އެގޯއްޗަށް ދިން ހުއްދަ ބާޠިލް ކޮށްފައިވާކަން ވަނީ ކަށަވަރު ވެފައެވެ.

Advertisement
Advertisement

އަދި އެއީ ވައިގެ ބަނދަރަކާ ކައިރީގައި އޮތް ގޯއްޗެއް ކަމުން ސިވިލް އޭވިއޭޝަން އޮތޯރިޓީން ހުއްދަކުރާ އުސްމިނަށް ކުރެހުން ބަދަލު ކުރުމަށްފަހު ހުއްދައަށް އެދުމަށް ގޯތީގެ ވެރިފަރާތަށް ސިޓީ ކައުންސިލުން އަންގާފައިވީ ނަމަވެސް އިތުރަށް ހުއްދަ ހޯދުމެއް ނެތި މަސައްކަތް ކުރަމުންދާ މައްސަލަ ފެންމަތިވެ ސިވިލްއޭވިއޭޝަން އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

އެގޮތުން 2 ޝީޓު އަޅައިނިމި އިތުރު ޝީޓެއް އެޅުމަށް މިހާރުވެސް ތަނބު ޖެހުމަށް މަސައްކަތް ކުރަމުންދާ ފުވައްމުލަކު "ލެވިން" ނަމަކަށް ކިޔާ ގޯތީގެ މަސައްކަތް ހުއްޓުވުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން އެކަށީގެންވާ ފިޔަވަޅުތަކެއް މިހާތަނަށް އަޅާފައިވާތަން ނުފެންނަ ކަމަށް ފުވައްމުލަކުން ވާހަކަ ދެއްކި މީހަކު މައުލޫމާތު ހިއްސާ ކުރިއެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑު ބުނާ ގޮތުން އެއާޕޯޓުގެ ރަންވޭއާ ކައިރި ހިސާބުތަކުގައި އިމާރާތް އުސްކުރެވޭނެ އެންމެ މަތީ މިންގަނޑަކީ 7.9 މީޓަރެވެ. ނަމަވެސް ލެވިން ކިޔާ ގޯއްޗަށް ފުވައްމުލަކު ސިޓީ ކައުންސިލުން ހުއްދަ ދީފައިވަނީ (ފަހުން ބާޠިލް ކުރި) 12.1 މީޓަރުގެ އުސް މިނުގެ ކުރެހުމެއް ހިމެނޭ އިމާރާތެއް އެޅުމަށެވެ.

މި މައްސަލައިގައި ފާހަގަ ވެފައިވާ ބައެއް ކަންކަން:

- އިމާރާތް ކުރުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ދިން ހުއްދަ ބާތިލް ކުރުމުންވެސް މަސައްކަތް ކުރިއަށް ގެންދިއުން. އެހެން ނަމަވެސް އެކަން ފުވައްމުލަކު ސިޓީ ކައުންސިލަށް ނުހުއްޓުވުން.

- މިކަމާ ގުޅިގެން ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އެހީއަށް ފުވައްމުލަކު ސިޓީ ކައުންސިލުން އެދިފައިވުން. 

ސިވިލް އޭވިއޭޝަން އޮތީރީޓީގެ މިންގަޑާ ޚިލާފަށް ރަންވޭއާ ކައިރި ސަރަހައްދުތަކުގައި އިމާރާތްތައް އުސްކޮށް އަޅާނަމަ އެއާޕޯޓެއްގައި ސަލާމަތީ ގޮތުން ފުރިހަމަވެފައި ހުންނަންޖެހޭ ކަންކަން ފުރިހަމަ ނުވުމަކީ ފްލައިޓު އޮޕަރޭޝަން ހުއްޓާލަން ޖެހޭނެ ފަދަ ކަމެކެވެ.

ފުވައްމުލަކު އެއާޕޯޓުގެ ރަންވޭ ކައިރި ހިސާބެއްގައި ކުރަމުންދާ އިމާރާތުގެ މައްސަލަ ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުން ބަލަމުންދާކަން އަމާޒު ނޫހަށް ވަނީ ކަށަވަރު ވެފައެވެ.

އެގޮތުން މިކަން ވަގުތުން ހުއްޓުވައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް އެއާޕޯޓުގެ ސަލާމަތީ ކަންކަން ބަލަހައްޓަވާ ފަރާތްތަކަށް ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިންޑިރެކްޓަރ އަޙްމަދު މުބީން އަންގަވާފައިވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

އޭގެ ތެރޭގައި އެ މަސައްކަތް ވަގުތުން ހުއްޓުވުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ފުލުހުންނަށް އެންގުމަށާއި އަދި އެމައްސަލަ ތަހުގީގު ކޮށްދިނުމަށް ފުލުހަށް ހުށަހެޅުން ހިމެނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement