
ކެންސަރު ފަދަ ބޮޑަތި ބަލިތަކަށް ޒަކާތު ފަންޑުން އިންޝުއަރެންސް ދޭން ނިންމައިފި
ކެންސަރުފަދަ ބޮޑަތި ބަލިތަކަށް ޒަކާތު ފަންޑުން އިންޝުއަރެންސް ތަޢާރަފްކުރަން ނިންމައިފިއެވެ. އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ އިންޝުއަރެންސް ދެނީ ޒަކާތު ފަންޑުގެ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ކެންސަރު ފަދަ ދާއިމީ ބޮޑެތި ބަލިތައް ތަހައްމުލުކުރަމުންދާ ފަރާތްތަކަށް ކަމަށެވެ. އެފަރާތްތަކުގެ ބޭސް ފަރުވާއަށް، އިންޝުއަރެންސް ދެނީ މިއަދުން ފެށިގެންނެވެ. މިކަން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އެލައިޑް އިންޝުރެންސާ ގުޅިގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"އެފަރާތްތަކަށް އިންޝުރެންސް ތަޢާރަފްކުރަނީ އާސަންދަ ކަވަރ ނުކުރާ ކަންކަމަށް އަމިއްލަ އަށް ހޭދަކުރުމަށާއި ބައެއް ފަހަރު ފުރާނަ ސަލާމަތްކުރުމަށްޓަކައި ރާއްޖެއިން ބޭރުން ކުރަންޖެހޭ ފަރުވާއާއި ގެންނަން ޖެހޭ ބޭސް ގެނައުމަށް މަގު ފަހިކުރުމަށެވެ. މާތް ﷲ ގެ ހެޔޮ ރަޙުމަތްފުޅުން ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގައި ޒަކާތަށް ޚާއްޞަ އިދާރާއެއް ޤާއިމުކޮށް ޒަކާތުގެ ނިޒާމް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ." މިނިސްޓަރ ވިދާޅުވިއެވެ.
މި ދިޔަ އަހަރަކީ މުދަލުޒަކާތަށް އެންމެ ގިނަ އަދަދަކަށް ފައިސާ ލިބުނު އަހަރެވެ. ޒަކާތު ފަންޑުން ފަޤީރުންނަށް ބޮޑު ޚަރަދެއް ކުރެއެވެ. އޭގެ ތެރޭގައި ދިރިއުޅުމުގެ ޟަރޫރީ ކަންކަމަށް އެހީވުމަށަ ކޮންމެ އަހަރަކު ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ނަޤުދު ފައިސާގެ އެހީ ފޯރުކޮށްދިނުމާއި ފަޤީރުންގެ ބޭސް ފަރުވާއަށް ހޭދަކުރުން ހިމެނެއެވެ.
ޒަކާތު ފަންޑުގެ ފަޤީރުންގެ ދަފްތަރުގައި މިހާތަނަށް ރަޖިސްޓަރީ ވެފައިވާ 2852 ފަޤީރުންނަށް، ކޮންމެ މީހެއްގެ ބޮލަކަށް އިއްޔެ ވަނީ 5000 ރުފިޔާ ދީފައެވެ މިދިޔަ އަހަރު ބޮލަކަށް ޖެހުނީ 4000 ރުފިޔާއެވެ.
ރިއެކްޝަންސް






