މިދިޔަ އަހަރާ އަޅާބަލާއިރު އޮކްޓޫބަރު މަހު ދައުލަތުގެ ޖުމްލަ ޚަރަދު 6 އިންސައްތަ ދަށްވެއްޖެ
މި އަހަރުގެ އޮކްޓޫބަރު މަހު ދައުލަތުން ކުރި ޖުމްލަ ޚަރަދުތައް ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 6 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް ރަސްމީ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިނިސްޓްރީ އޮފް ފައިނޭންސުން އާންމުކޮށްފައިވާ "މަންތްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން، މި އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ދައުލަތުން ޚަރަދުކޮށްފައިވަނީ ޖުމްލަ 3.60 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ދައުލަތުން ހޭދަކުރި 3.83 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 229.3 މިލިއަން ރުފިޔާ ނުވަތަ 6.0 އިންސައްތައިގެ ދަށްވުމެކެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، ދައުލަތުގެ ރިކަރަންޓް ޚަރަދުތަކަށް އޮކްޓޫބަރު މަހު 3.06 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ރިކަރަންޓް ޚަރަދަށް ހޭދަވި 3.16 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 3.0 އިންސައްތަ ކުޑަ އަދަދެކެވެ.
ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ދަށްވުމެއް ފާހަގަކުރެވިފައިވަނީ އިދާރީ އަދި ހިންގުމުގެ ޚަރަދުތަކުންނެވެ. އެގޮތުން، އިދާރީ އަދި ހިންގުމުގެ ޚަރަދުތަކަށް ހޭދަވި މިންވަރު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 1.92 ބިލިއަން ރުފިޔާއިން މި އަހަރުގެ އޮކްޓޫބަރު މަހު ވަނީ 1.67 ބިލިއަން ރުފިޔާއަށް ތިރިކުރެވިފައެވެ. މި ބައިން ފާހަގަކޮށްލެވޭ އެންމެ މުހިންމު ކަމަކީ ސަބްސިޑީތަކަށް ކުރި ހޭދަ 364.3 މިލިއަން ރުފިޔާއިން 122.8 މިލިއަން ރުފިޔާއަށް ކުޑަކުރެވިފައިވުމާއި، އާސަންދައިގެ ޚަރަދު 297.4 މިލިއަން ރުފިޔާއިން 168.0 މިލިއަން ރުފިޔާއަށް ދަށްކުރެވިފައިވުމެވެ.
ހިންގުމުގެ ޚަރަދުތައް ދަށްކުރެވުނު ނަމަވެސް، ސަރުކާރު މުވައްޒަފުންގެ މުސާރައާއި އެލަވަންސް އަދި ޕެންޝަނަށް ކުރި ހޭދަ ވަނީ އިތުރުވެފައެވެ. އެގޮތުން، ވޭތުވެދިޔަ އަހަރުގެ އޮކްޓޫބަރުގައި މުސާރައާއި ޕެންޝަނަށް 1.23 ބިލިއަން ރުފިޔާ ހޭދަވި ނަމަވެސް، މި އަހަރުގެ އޮކްޓޫބަރު މަހު މި އަދަދު ވަނީ 1.39 ބިލިއަން ރުފިޔާއަށް އުފުލިފައެވެ.
މީގެއިތުރުން، ތަރައްޤީގެ މަޝްރޫޢުތަކާއި ކެޕިޓަލް އިންވެސްޓްމަންޓްތައް ހިމެނޭހެން ކެޕިޓަލް ޚަރަދުތަކަށް ބަލާއިރު، މި އަހަރުގެ އޮކްޓޫބަރު މަހު ހޭދަކޮށްފައިވަނީ 542.4 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރުގައި ހޭދަކުރި 677.5 މިލިއަން ރުފިޔާއާ އަޅާބަލާއިރު 19.9 އިންސައްތައިގެ ދަށްވުމެކެވެ. ކެޕިޓަލް ޚަރަދު މި މިންވަރަށް ދަށްވި މައިގަނޑު ސަބަބަކީ މަގުހެދުމާއި، ބަނދަރު އަދި އެއާޕޯޓް ފަދަ އިންފްރާސްޓްރަކްޗާ އެސެޓްތަކަށް ކުރި ހޭދަ 435.9 މިލިއަން ރުފިޔާއިން 154.7 މިލިއަން ރުފިޔާއަށް ތިރިވެފައިވުމެވެ.
ރިއެކްޝަންސް

