'ގްލޯބަލް ސައުތް' އަކީ އިޒްރާއިލްގެ ހައްދުފަހަނައެޅުން ހުއްޓުވާނެ އާ އުއްމީދަށް ވެދާނެބާ!!!
ދި ހޭގް ގްރޫޕްގެ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ކޮލަމްބިއަން ރިޕޯޓްސް

'ގްލޯބަލް ސައުތް' އަކީ އިޒްރާއިލްގެ ހައްދުފަހަނައެޅުން ހުއްޓުވާނެ އާ އުއްމީދަށް ވެދާނެބާ!!!

6 hours ago - 16:37
Jul 17, 2025 - 16:40

ކޮލަމްބިއާގެ ވެރިރަށް ބޮގޯޓާގައި ކުރިއަށް ދިޔަ ބޮގޮޓާ ސަމިޓްގައި ދި ހޭގް ގްރޫޕްގަައި ހިމެނޭ 12 ގައުމުން އިޒްރާއިލްގެ ހައްދުފަހަނައެޅުން ހުއްޓުވުމަށް އިޒްރާއިލްއަށް ހަތިޔާރުފޯރުކޮށްދިނުން ހުއްޓުވުމަށް ވީ އަހުދާއެކު 'ގްލޯބަލް ސައުތް' އަކީ އިޒްރާއިލް އިން ޣައްޒާގައި ހިންގަމުން ގެންދާ ޤަތުލް އާންމު ހުއްޓުވުމުގެ އާ އުއްމީދުކަމަށް ބެލެވިދާނެކަމަށް ބައެއް ފަރާތްތަކުން ދެކެންފަށައިފިއެވެ.

މިއީ ޣައްޒާ ހަނގުރާމަ ފެށު ފަހުން ގިނަ ގައުމުތަކެއް ގުޅިގެން އިޒްރާއިލްއާ ދެކޮޅަށް މިބާވަތުގެ ނިންމުމެއް ނިންމަން ކެރުނު ފުރަތަމަ ފަހަރުވެސް މެއެވެ. 32 ގައުމަކުން މަންދޫބުން ބައިވެރިވި މި ސަމިޓްގައި ގިނައިން ހިމެނެނީ ގްލޯބަލް ސައުތްގެ ގައުމުތަކެވެ. މި ގައުމުތަކުގެ ކޯލިޝަނުން ވަނީ ހަނގުރާމައިގެ ޖަރީމާތަކަށް އިޒްރާއިލް ޖަވާބުދާރީ ކުރުވާނެކަމަށް ވެސް ވައުދުވެފައެވެ. 

ދެ ދުވަހަށް ކުރިއަށް ދިޔަ މި ސަމިޓް އިއްޔެ ނިންމާލާފައިވާއިރު ޤައުމުތަކުން ވަނީ އެއްބަސްވުމަށް އަހުދުވެވުނު ކަންކަން ތަންފީޒުކުރުމަށް 6 ފިޔަވަޅެއް އެޅުމަށް އެއްބަސްވެފައެވެ. މައިގަނޑު މަޤްޞަދަކީ އިޒްރާއިލްއިން ހިފާފައިވާ ފަލަޞްޠީނުގެ ބިންތަކުގައި އިޒްރާއިލްއިން ފަލަޞްޠީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތައް ހުއްޓުވުމެވެ.

އެގޮތުން އެންމެ މުހިއްމު ފިިޔަވަޅެއްގެ ގޮތުގައި އެއްބަސްވެވިފައިވަނީ އިޒްރާއިލްއަށް ހަތިޔާރު ފޯރުކޮށްދޭ މަގުތައް ބަންދުކުރުމެވެ. އެއީ ހަތިޔާރު ހިފައިގެން އިޒްރާއިލްއަށް ދަތުރުކުރާ އެއްވެސް ބޯޓަކަށް އެޤައުމުތަކުގައި ބަނދަރުކުރުމުގެ ހުއްދަ ނުލިބޭގޮތަށް ނިންމާފައިވާ ނިންމުމެކެވެ. މީގެ އިތުރުން އެދައުލަތް ތަކުގެ އެންމެ ލޯލާރިއެއްވެސް މިދެންނެވި ބާވަތުގެ އެއްވެސް ކަމަކަށް ބާރުލިބޭ ގޮތަށް ހަރަދުކުރުން ހުއްޓާލުމެވެ.

Advertisement

މި 12 ގައުމުގެ ތެރޭގައި ހިމެނެނީ ބޮލީވިއާ, ކޮލަމްބިއާ, ކިއުބާ, އިންޑޮނީޝިއާ, އިރާޤު, ލީބިޔާ, މެލޭޝިއާ, ނެމީބިއާ, ނައިކަރަގުއާ, އޮމާން, ސެއިންޓް ވިންސެންޓް އެންޑް ގްރެނެޑައިންސް އަދި ދެކުނު އެފްރިކާއެވެ. 

އެހެން ޤައުމުތަކަށް މިކޯލިޝަންއާ ގުޅުމުގެ ފުރުޞަތު 20 ސެޕްޓެމްބަރ ގައި އދ އާންމު މަޖިލިސް ފެށުމުގެ ކުރިން ވަނީ ހުޅުވާލާފައެވެ. 

"އަހަރެމެން ޤަބޫލުކުރީ މިކަމަކަށް ކޮންމެވެސް ބަޔަކު އިސްނަގަންޖެހޭކަން. އެއީ މިކަމަށް އެދިއެދި ތިއްބަސް މިކަމެއް ނުވާނެ" ސަމިޓް އިންތިޒާމްކުރި ދި ހޭގް ގްރޫޕްގެ އެގްޒެކެޓިވް ސެކްރެޓަރީ ވަރްޝާ ގާންދިކޯޓާ-ނެއްލޫޓުލާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މިއަދު މިފެށުނީ ހެޔޮނުބައި ވިސްނިގެން ސަރުކާރުތަކެއް ގުޅިގެން އިޒްރާއިލްގެ މި ނުބައި ޖަރީމާތައް ހުއްޓުވުމުގެ ފެށުންކަމުގައެވެ. ގްރޫޕުން އެޅުމަށް ހަމަޖެހިފައިވާ ފިޔަވަޅުތަކުގެ ތެރޭގައި"ޔުނިވަރސަލް ޖުރިސްޑިކްޝަން މެންޑޭޓް" ވެސް ހިމެނޭކަން ފާހަގަކޮށް އެނާ  ވިދާޅުވިއެވެ.

ޔުނިވަރސަލް ޖުރިސްޑިކްޝަން މެންޑޭޓަކީ ބައިނަލްއަޤުވާމީ ސީރިއަސް ކުށްތަކާގުޅިގެން އެކުށް ކުރާފަރާތަކާ މެދު އެއީ ކޮންމެތަނެއްގައި ހިންގި އަމަލެއްކަމުގައިވިއަަސް މި މެންޑޭޓްގެ ތެރެއިން ދައުލަތްތަކާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުން އެފަރާތަކާމެދު ޖިނާއީ ފިޔަވަޅު އެޅުމުގެ ބާރު ލިބިދޭ މެންޑޭޓެކެވެ.

މިއަހަރުގެ ޖެނުއަރީ މަހު އުފެދުނު މިގްރޫޕްގެ އަމާޒަކީ ގްލޯބަލް ސައުތްގެ ވީހާވެސް ގިނަ ގަައުމުތަކުން  މިކޯލިޝަންގައި ބައިވެރިވެ އިޒްރާއިލްއިން ޣައްޒާގައި އަދި ހިފާފައިވާ ފަލަޞްޠީނުގެ ބިންތަކާއި, ނުހައްގުން އަނިޔާލިބޭ އެހެން ޤައުމުތަކުގެ ހިމާޔަތުގައި ދުނިޔޭގެ ފެންވަރުގެ ކޯލިޝަންއެއް ބިނާކުރުމެވެ. ގްލޯބަލް ސައުތަކީ ކުރިއަރަމުން އަންނަ އިޤްތިޞާދުތަކުގެ ގޮތުގައި ބަލަމުން އަންނަ ޤައުމުތަކެވެ.

އިންސާނީ ހައްޤުތަކުގެ ޗެމްޕިއަނުންކަމަށް އަބަދުވެސް ދައުވާކުރާ ހުޅަނގުން އިޒްރާއިލްގެ އަނިޔާވެރިކަމަށް ފާޅުގައި ވާގިވެރިވަމުންދާއިރު, ހުޅަނގުގެ ބައެއް ގައުމުތަކުން ވަނީ މި ސަމިޓްގައި ބައިވެރިވެފައެވެ. އޭގެތެރޭގައި ފަލަޞްޠީނުގެ މިނިވަންކަމަށް އެންމެ ބޮޑަށް ވަކާލާތުކޮށް, އިޒްރާއިލްއިން ޣާއްޒާގައި ހިންގަމުންގެންދާ ޤަތުލްއާންމާ ދެކޮޅަށް ދައުލަތެއްގެ ފެންވަރުގައި އެންމެ ބޮޑެތި ފިޔަވަޅުތައް މިހާތަނަށް އަޅާފައިވާ ސްޕެއިން އަދި އަޔަލެންޑް ހިމެނެއެވެ.

ސަމިޓް ނިންމާލުމުގެ ގޮތުންބައިވެރިންނާ މުހާތަބުކޮށް ވާހަަދެއްކެވި އދ ން ހިފާފައިވާ ފަލަޞްޠީނުގެ ބިންތަކަށް ކަނޑއަޅުއްވާފައި ހުންނަވާ ހާއްސަ މަންދޫބު, ފްރާންސެސްކާ އަލްބަނީސީ ވެސްވަނީ އިޒްރާއިލްގެ ހަނގުރާމަިއގެ ޖަރީމާތައް ހުއްޓުވުމަށް ގްލޯބަލް އެކްޝަން އެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

"ކޮންމެ ޤައުމަކުންވެސް އެބަޖެހޭ ވަކި ވަކިން ކަންކަން ބަލާ އެގައުމެއްގެ ހައިސިއްޔަތުން މިކަން ހުއްޓުވަން ކުރެވޭނީ ކޮންކަމެއްތޯ ބަލާ, އެކަމަށް ފިޔަވަޅު އަޅަން. އަދި އެޤައުމުތަކުގެ ޕްރައިވެޓް ސެކްޓަރ ތަކުންވެސް އެމަގަށް މަސައްކަތް ކުރުވޭނެ ގޮތްތަކެއް ހޯދަން" އިޒްރާއިލްއިން ވާގިވެރިވާ ގިނަ ކުންފުނިތަކެއްގެ ނަން ހާމަކޮށް ދާދި ފަހުން ރިޕޯޓެއް ނެރުއްވި އަލްބަނީސީ ވިދާޅުވިއެވެ. 

ފަަލަޞްޠީނުން އދ ށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބަސެޑަރު, ރިޔާދް މަންސޫރުވެސް ވަނީ ގްލޯބަލް ސައުތްގެ ޤައުމުތަކުގެ މި ނިންމުމަށް މަރުހަބާ ވިދާޅުވެ އެއީ ވަރަށް ތާރީޚީ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. 

"ފަލަޞްޠީނުގެ މިނިވަންކަމަށްޓަކައި, އިޒްރާއިލްގެ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށްޓައި ނިންމާ ކޮންމެ ނިންމުމަކަށް މަރުހަބާ. މިއީ ކޮންމެހެންވެސް ފަށަންޖެހޭ ދަތުރެއް. ދަތުރުގެ ފެށުމަކީ އަބަދުވެސް އުނދަގޫ މަރުހަލާއެއް. އެއީ އެކި ކަހަލަ ފަސްޖެހުންތަކާއި, އެކި ކަހަލަ ފިއްތުންތަކުގެ ބިރުވެސް އޮންނާނެތީ. އެކަމަކު ބިރުކަނޑާލާފަ މިބާވަތުގެ ހިތްވަރުގަދަ ފިޔަވަޅުތައް ނަގަންފެށުމަކީ ޤައުމުތަކުން ބައިނަލްއަޤުވާމީ ޤާނޫނު ނަގަހައްޓަން އޮތް ޒިންމާ އަދާކުރަން ފެށުން. އަދި އެއީ އެގައުމުތަކުގެ ހައިބަތު އިތުރުވެގެންދާކަމެއް. އަދި ބައިނަލްއަޤުވާމީ ދުނިޔޭގައި އެޤައުމުތަކުގެ ނުފޫޒުކުޑަނުކުރެވޭނެކަމުގެ މިސާލެއް. މި ގްރޫޕުން މިކަން ފަށާއިދިނުން މީ އެތައްބަޔަކަށް ހުޅުވައިދިން ދޮރެއް" ރިޔާދް މަންސޫރު ވިދާޅުވިއެވެ.

ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ބުނަމުންދަނީ ހުޅަނގުގެ ބައިވެރިވުންނެތި ސިޔާސީ އަދި ޑިޕްލޮމަސީ ގޮތުން ފިއްތުންތައް ކުރިމަތިނުކޮށްކުރާ އެއްވެސް ކަމަކީ އޭގެ އާހިރު ނަތީޖާ މާއެދެވޭގޮތެއްގައި ނިކުންނާނެ ކަންކަމެއް ނޫންކަމުގައެވެ. އަދި އެމެރިކާއިން މަލްޓި ބިލިއަން ޑޮލަރުގެ ބޮޑެތި އެހީތައް ލިބިގެން އުޅޭ ކުދި އިޤްތިޞާދުތައް އެމެެރިކާ އާ ދެކޮޅަށް އެމީހުންގެ އިޤްތިޞާދު ރިސްކަކަށް ވައްޓާލަން ކެތްކުރެވޭނީ ކިހާވަރަށްތޯވެސް ފާޑުކިޔާ ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ.

 އެހެންކަމުން ޤައުމުތަކުން އަޅަން ނިންމި ފިޔަވަޅުތައް އެންމެ އެދެވޭ ގޮތުގައި ތަންފީޒުކުތެވިދާނެތޯ އަދި އޭގެ ނަތީޖާ މަޤްޞަދަށް ވާސިލްކޮށްދޭނެތޯ މިއީ އުފެދޭ ސުވާލެވެ. އަދި އިޒްރާއިލް ހަނގުރާމައިގެ ޖަރީމާތަކަށް ޖަވާބުދާރީ ކުރުވުމުމާއި, އަނިޔާވެރިކަން ހުއްޓުވުމުގައި ގްލޯބަލް ސައުތުގެ އުއްމީދު ވާފަށް ވަަރުގަދަކުރެވެނީ ކިހާ ހަމައަކަށްތޯ މިއީ ކުރިއަށް އޮތްތަނަށް ދޫކޮށްލާ ސުވާލެކެވެ!

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow