ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ބަދަލުތަކެއް ގެނެސްފި
ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ބައެއް ކޮމިޓީތަކުގައި ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ތަމްސީލުކުރައްވާ މެންބަރުންނަށް މުހިންމު ބަދަލުތަކެއް ގެނެސްފިއެވެ.
މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް ޕީއެންސީގެ ފަރާތުން ގެނައި މި ބަދަލުތައް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން ވަނީ ރަސްމީކޮށް އިއުލާނުކުރައްވާފައެވެ.
މިގޮތުން ގެނެވުނު ބަދަލުތަކުގެ ތެރޭގައި، ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ކުރިން އިންނެވި ށ. ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙުގެ ބަދަލުގައި، އެ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ގއ. ވިލިނގިލި ދާއިރާގެ މެންބަރު ޢާޒިމް ޢަބްދުލްޢަޒީޒު ވަނީ ހަމަޖައްސަވާފައެވެ.
މީގެ އިތުރުން، މަޖިލީހުގެ އެންމެ ނުފޫޒުގަދަ އަދި މުހިންމު އެއް ކޮމިޓީ ކަމަށްވާ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށްވެސް ވަނީ ބަދަލެއް ގެނެސްފައެވެ. އެގޮތުން، އެ ކޮމިޓީގައި ޕީއެންސީ ތަމްސީލުކުރައްވަމުން ގެންދެވި ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤުގެ ބަދަލުގައި، 241 ކޮމިޓީއަށް މިހާރު ހަމަޖައްސަވާފައިވަނީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދެވެ.
ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް ސިޔާސީ ޕާޓީތަކުން މެންބަރުން ކަނޑައަޅައި، ގެންނަ މިފަދަ ބަދަލުތަކަކީ މަޖިލީހުގެ ގަވާއިދުގެ ދަށުން އެ ޕާޓީއަކަށް ލިބިދޭ އިޚްތިޔާރުގެ ތެރެއިން ގެންނަ ބަދަލުތަކެކެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮންނަނީ ސަރުކާރު ހިންގާ ޕީއެންސީގެ އަތުގައެވެ.
ރިއެކްޝަންސް

