ރިޔާސީ އިންތިޚާބައި ރައްޔިތުން މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށް ކޮމިޓީން ފާސްކޮށްފި
ރިޔާސީ އިންތިޚާބާއި ރައްޔިތުން މަޖިލީހުގެ އިންތިޚާބު އެއްކޮށް ބާއްވައި، މަޖިލީހުގެ ދައުރު މިހާރަށް ވުރެން ކުޑަކުރުމަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މި ބިލު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފައިވަނީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ހުށަހެޅުނު ބިލާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ އިލެކްޝަންސް ކޮމިޝަނާއި، ބަންޑާރަ ނައިބުގެ އޮފީހާއި، ސިޔާސީ ޕާޓީތަކާ މަޝްވަރާކޮށްފައެވެ.
މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަމުން، އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާޙީމް ފަލާހު ވިދާޅުވީ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމުން ދައުލަތަށް 80 މިލިޔަނެއްހާ ރުފިޔާ ސަލާމަތް ކުރެވޭނެކަމަށެވެ.
މި ބިލުގައިވާ ގޮތުން ޤާނޫނު އަސާސީގެ 110ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކުރިއަށް އޮތްތަނުގައި ބާއްވާނީ، ރިޔާސީ އިންތިޚާބާއި އެކުގައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 5 އަހަރު ދުވަހުގެ މުއްދަތެއް ކަމަށާއި، އެ މުއްދަތު ހަމަވުމުން މަޖިލިސް އުވޭނެ ކަމަށްވެސް މި ބިލުގައި ހުށަހަޅާފައިވެއެވެ.އެގޮތުން މި ބިލް ފާށްވުމާއެކު، މި ހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އުމުރު 1 ޑިސެންބަރ 2028 އަށް ހަމަވާނެ ކަމަށާއި، އެ ތާރީޚަށް އިންތިޚާބު ބާއްވައި މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ޖެހޭނެ ކަމަށްވެސް މި ބިލުގައި ހުށަހަޅާފައިވެއެވެ.
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަކީ، މި ދެ އިންތިޚާބަށް ކުރަންޖެހޭ ޚަރަދު ވަރަށް ބޮޑުތަނުން ކުޑަ ވެގެންދާނެ ކަމެއް ކަމަށް ސަރުކާރުން ދެކެއެވެ. އަދި މި ބިލަށް ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންގެ ތާޢީދުވެސް ވަނީ ލިބިފައެވެ.
ރިއެކްޝަންސް