މިނިސްޓަރ ސަޢީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

މިނިސްޓަރ ސަޢީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

12 minutes ago - 17:27

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު އެމްޑީޕީގެ މެންބަރުން ހުށަހެޅުއްވި، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން މިއަދު ބޭރުކޮށްލައިފިއެވެ.


މިދިޔަ އޮގަސްޓު މަހު އެމްޑީޕީގެ 13 މެންބަރަކު ސޮއިކުރައްވައި ހުށަހެޅުއްވި މި މައްސަލައިގައި މިއަދު މަޖިލީހުގައި ނެގި ވޯޓުގައި، ވަޒީރު ސަޢީދުގެ އިތުބާރު އޮތް ކަމަށް 54 މެންބަރުން ވޯޓު ދެއްވިއެވެ. އަދި ވަޒީރުގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ އެންމެ 10 މެންބަރުންނެވެ.


މަޖިލީހުން ވަޒީރު ވަކިކުރުމަށް ހުށަހެޅި މި މައްސަލައަށް ޖަވާބުދާރީވެވަޑައިގަންނަވަމުން، ވަޒީރު ސަޢީދު ވަނީ އިދިކޮޅު އެމްޑީޕީން ކޮށްފައިވާ ހުރިހާ ތުހުމަތުތަކަށް އިންކާރުކުރައްވައި އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ.


މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ނިމިދިޔަ ސަރުކާރުގެ ފަހު ތިން އަހަރު ރަސްމީ ރޭޓުގައި އާންމުންނަށް ދޫކޮށްފައި ވަނީ 1.75 މިލިއަން ޑޮލަރު ކަމަށާއި، ނަމަވެސް މި ސަރުކާރުން މިހާތަނަށް 1.9 ބިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށެވެ.


"ކުރީ ސަރުކާރުގެ ފަހު ތިން އަހަރު ޑޮލަރު ދޫކުރި ވަރަށް ވުރެ މި ތިން އަހަރު މަހަކަށް ޑޮލަރު ދޫކުރި ވަރު ހުރީ މަހަކަށް ގާތްގަނޑަކަށް 97 ޕަސެންޓުން އިތުރުވެފައި،" ވަޒީރު ސަޢީދު ވިދާޅުވިއެވެ.


މީގެއިތުރުން، ވޭތުވެދިޔަ 4 ދައުރުގެ ތެރޭގައި ރާއްޖޭގައި ރަޖިސްޓްރީކުރެވުނު ބޭރުގެ އިންވެސްޓްމެންޓްތަކުގެ (ފޮރިން އިންވެސްޓްމެންޓް) އަދަދުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ މި ކުރު މުއްދަތުގެ ތެރޭގައި 313 އިންވެސްޓްމެންޓް ހޯދިފައިވުމަކީ ފާހަގަކޮށްލެވޭ ބޮޑު ރެކޯޑެއް ކަމަށެވެ.


ހަމައެއާއެކު، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއަކީ ސަރުކާރުގެ މަޢުލޫމާތުތައް ހާމަކުރުމުގައި އަބަދުވެސް ނަމޫނާ ދައްކަމުން އަންނަ ވުޒާރާއެއް ކަމަށް ވެސް ވަޒީރު ސަޢީދު މިއަދުގެ މަޖިލިސް ޖަލްސާގައި ވިދާޅުވިއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow