ރައްޔިތުންގެ ގާތަށް ރައީސް: ޝުޢޫރާއި ރައީސާ ދެމެދު ހުރަހެއް ނެތް

ރައްޔިތުންގެ ގާތަށް ރައީސް: ޝުޢޫރާއި ރައީސާ ދެމެދު ހުރަހެއް ނެތް

ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުންތަކުގައި ކޮންމެ ރައްޔިތަކަށްވެސް އެއްވެސް ހިފެހެއްޓުމެއް ނެތެވެ.

5 hours ago - 09:27
Dec 7, 2025 - 09:30

ގައުމެއްގެ އެންމެ އިސްވެރިޔާއާ ބައްދަލު ކޮށްލުމަކީ ދުނިޔޭގެ އެއްވެސް ތަނެއްގައި ކުރަން އެހާ ފަސޭހަ ކަމެއް ނޫނެވެ. އަދި ވެރިއަކަށް ހުންނަވާ ބޭފުޅަކު އާންމު ރައްޔިތުންނާ ވަކިވަކިން ބައްދަލުކުރައްވާ އެމީހުންގެ ޝުޢޫރުތައް ވެރިމީހާއާ ޙިއްސާކުރުމަކީ މި ޒަމާނުގައި ދުނިޔޭގެ އެއްވެސް ގައުމެއްގައި ހިނގާ ކަމެއް ނޫނެވެ. އެއީ ގައުމެއްގެ އެންމެ އިސްވެރިއެއްގެ ސަލާމާތީ ކަންކަން ތަރުތީބުކުރެވިފައިވާ ގޮތަށް ބަލާއިރު ކުރަންވެސް ބޮޑެތި ގޮންޖެހުންތަކެއް ހުރެދާނެ ކަންކަމެވެ.

އެހެން ނަމަވެސް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތު ފެނިގެން މިދަނީ ތަފާތު ގޮތަކަށެވެ. ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެންވެސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވަނީ "އަޅުގަނޑު ހުންނާނީ ރައްޔިތުންގެ ފަޅީގައި" ކަމަށެވެ.

ވެރިކަމުގެ ފުރަތަމަ ދެއަހަރު ނިމުނު އިރު އެމަނިކުފާނު އެވަޑައިގަންނަވަނީ އެކަން ޢަމަލީ ގޮތުން ދައްކަވަމުންނެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އަމިއްލަފުޅަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވައިފިއެވެ. ރައްޔިތުންގެ ޝުޢޫރު ޢަޑު އައްސަވައި ރައްޔިތުންގެ ބޭނުންވާ ކަންކަން ތަރުތީބުކުރައްވައިފިއެވެ. ރައްޔިތުންގެ އެދުމާއި އެއްގޮތަށް ރަށްރަށުގެ ކުރިއެރުމާއި ތަރައްގީއަށް ބޭނުންވާ ކަންކަން އިސްކަންދިނުމުގެ ސިޔާސަތު ތަންފީޒު ކުރައްވައިފިއެވެ.

447322_a59090bf-6_.jpg

Advertisement

އަތޮޅުތެރޭގެ ހުރިހާ ރަށަކަށް ވަޑައިގަތުމަށްފަހު ވެރިރަށް މާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ސިލްސިލާ ފައްޓަވައިފިއެވެ. ގިނަބަޔަކު ހީކުރި ގޮތާ ޚިލާފަށް ރައީސުލްޖުމްހޫރިއްޔާގެ މި ބައްދަލުކުރެއްވުންތައް އެއޮތީ ތަންމިނަށް ހުޅުވާލާފައެވެ. ބައްދަލުވުމުގައި ބައިވެރިވުމަށް އޮތީ ޢާންމު ދައުވަތެކެވެ. ޢުމުރަކަށް، ޖިންސަކަށް، އެންމެ އާދައިގެ ނިކަމެއްޗެއް މުއްސަންޖެއް ތަފާތެއް ނެތެވެ. ވަކި ސިޔާސީ ޕާޓީއެއް ވަކި ކުލައެއް ތަފާތެއް ނެތެވެ. އޮތީ އެންމެ ޝަރުތެކެވެ. އެރެއަކު ބައްދަލު ކުރައްވާ އަވަށެއްގެ ރައްޔިތަކަށް ވުމެވެ. ނުވަތަ އެއަވަށުގައި ދިރިއުޅޭ ފަރާތަކަށް ވުމެވެ.

447226_658960ee-2_.jpg

ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުންތަކުގައި ކޮންމެ ރައްޔިތަކަށްވެސް އެއްވެސް ހިފެހެއްޓުމެއް ނެތެވެ. އެމީހެއްގެ ހިތުގެ ހުރިހާ ޝުޢޫރެއް ރައީސްގެ ކުރިފުޅުމަތީގައި ބަންޑުން ކޮށްލަންވީއެވެ. އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފުނުވާ ގޮތަށް ދައްކަވާ ހުރިހާ ވާހަކައެއް ކަނުލައި ރައީސް އަޑު އައްސަވައެވެ. އެއަށް ވަގުތުން ޖަވާބުވެސް ދެއްވައެވެ.

މިހާތަނަށް ކުރިއަށް ގެންދިޔަ ބައްދަލުވުން ތަކުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ ކަންބަޑުވުންތަކަށް ހައްލު ހޯއްދަވައި ދެއްވުމަށް ވަގުތުން ފިޔަވަޅުތައް އަޅުއްވަން ފައްޓަވާފައެވެ. ރައްޔިތުންގެ ޚިޔާލާއި އެދުނު ފަދައިން ކަންކަން ނިންމަވައި ދެއްވާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.

މީގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ކުރެވުނު އެއް ކަމަކީ ވިލިމާލޭގައި ހުރި ނިކަ ގަހެއްގެ މައްސަލައަށް ހައްލު ހޯދުމަށް ރައްޔިތުން އެދުނު ގޮތަށް އެކަން ކޮށްދެއްވުމަށް ރައީސް ނިންމެވި ނިންމެވުމެވެ. މީގެ އިތުރުންވެސް ބޯހިޔާވަހި ކަމުގެ ދަތިކަމާއި ސިއްޚަތާއި ވަޒީފާއާއި އަދި އާންމު ދިރިއުޅުމުގެ ކަންކަމާ ގުޅިގެން ރައްޔިތުން އޮއްސާލި ޝަކުވާތަކަށް ރައީސް ކެތްތެރިކަމާއެކު ދެއްވި ޖަވާބާއި އެކަންކަން ހައްލުކުރެއްވުމަށް ރައްޔިތުންނަށް ދެއްވި ޔަގީންކަމަކީ މި ބައްދަލުވުން ތަކަކީ ކާމިޔާބު ބައްދަލުވުން ތަކެއްކަން ރައްޔިތުންވެސް ބަލައިގަންނަ ސަބަބެކެވެ. ސިލްސިލާ ބައްދަލުވުން ތަކުގެ ތެރެއިން ކުރިއަށްވެސް މިފަދަ ބައްދަލުވުންތައް އޮތީ ރޭވިފައެވެ.

މިއީ ދިވެހި ތާރީޚުގައި މިފަދަ ގޮތަކަށް ވެރިއަކު ރައްޔިތުންގެ ގާތަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ރައްޔިތުންގެ ޝުޢޫރުތައް ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމައްޗަށް ބަންޑުންކޮށްލަން މީގެ ކުރީގެ އެއްވެސް ވެރިއަކު ފުރުސަތު ދެއްވާފައި ނުވެއެވެ. މިއީ މިރާއްޖެފަދަ ސިޔާސީ ފިކުރާއި ސިޔާސީ ވާދަވެރިކަން އިންތިހާއަށް ބޮޑު ގައުމެއްގައި ވެރިއަކު ކުރައްވާނެ އެންމެ ހިތްވަރުގަދަ ނަމޫނާ މަސައްކަތެކެވެ.

447310_597d8a3f-4_.jpg 

ބައްދަލުންތަކަށްފަހު މީޑިއާއާ ވާހަކަ ދެއްކި އާންމުން ފާހަގަ ކުރި ގޮތުގައި މިއީ އެއްވެސް ބަޔަކު އުއްމީދުވެސް ކުރި ކަމެއް ނޫނެވެ. ރައީސުލްޖުމްހޫރިއްޔާއަކު މިގޮތަށް ރައްޔިތުންގެ ޝުޢޫރު އަޑުއައްސަވަން އެކަމަށް ޚާއްސަކޮށްގެން ވަގުތު ހުސްކުރައްވައިގެން ރައްޔިތުންގެ ގާތަށް ވަޑައިގަންނަވާނެ ކަމަށް އެފަރާތްތަކުން ދުވަހަކުވެސް އުއްމީދު ނުކުރެއެވެ. އަދި "ރައީސް އަޑު އައްސަވަން ކެތްތެރިކަމާއެކު އެ ހުންނެވި ހުންނެވުމަކީ އެއީ މީގަ ވަރަށް ބޮޑު ތަފާތެއް" ކަމަށް އެފަރާތްތަކުން ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިވަނީ ތަފާތު ދައްކަވާފައެވެ. ވަޒީރުކަން ކުރެއްވި ދުވަހުވެސް އަމަލީ ގޮތުން ދެއްކެވީ ނަތީޖާ ނެރުމުގައި ތަފާތެވެ. މޭޔަރު ކަމުގައިވެސް ނަތީޖާ ނެރެދެއްވީއެވެ. ރައީސުލްޖުމްހޫރިއްޔާ ކަމުގައި މިއަދު އެވަޑައިގަންނަވަނީ ތާރީޚު ބަދަލު ކުރައްވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ހުންނެވީ ރައްޔިތުންގެ ފަޅީގައި ރައްޔިތުންނާއެކުގައި ކަން ރައްޔިތުންނަށް ސާބިތު ކޮށްދެއްވަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow