ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރުމާ މެދު މެމްބަރުގެ ވިސްނުން!
ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރަން ރައީސުލްޖުމްހޫރިއްޔާ މިހާރު އެވަނީ ނިންމަވާފައެވެ. އެކަން އެވަނީ ޢާއްމުކޮށް އިއުލާނުވެސް ކުރައްވާފައެވެ. އަދި އެކަމަށް ވަކި ތާރީޚެއްވެސް އެވަނީ ދެއްވާފައެވެ. ދުންފަތާއި ސިނގިރޭޓުން ނަގާ ޓެކްސް ބޮޑުކުރައްވަން ނިންމަވާފައި ވަނީ ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. ބާކީ އޮތީ އެންމެ 9 ދުވަހެވެ.
ރައީސް ދުރާލާ ތާރީޚެއް ދެއްވީ އެތާރީޚަށް އެކަން ކުރަން ފެށުމަށް އެއްވެސް ހުރަހެއް ނެތުމުންނެވެ. ރައްޔިތުންގެ މަޖިލިހުން ޤާނޫނެއް, ޤާނޫނެއްގެ މާއްދާއެއް ފާސްކުރަން ސަރުކާރަށް ގިނަ ވަގުތެއް ބޭނުމެއް ނުވެއެވެ. އޮތީ ސަރުކާރުގެ ސުޕަރ މެޖޯރިޓީއެވެ. ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރުމަށް ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް އެމަޖިލިހުން އެދަނީ ކުރަމުންނެވެ. އެބަހުސް އެދަނީ ހިނގަމުންނެވެ.
ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރުމުގައި ހުރިހާ މެމްބަރުންވެސް އިއްތިފާގުވާ އެއް ކަމެއް އެބައޮތެވެ. އެއީ އެބަދަލުން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އަދަދު މަދުވާނަމަ ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން ކުރާ މިންވަރު މަދުވާނަމަ އެއީ މުހިއްމުކަމެއްކަމެވެ. ސުވާލަކީ ޑިއުޓީ ބޮޑުކުރުމުން އެބަދަލު އާދޭތޯއެވެ. މިހާރު ދުންފަތުގެ އަގު ހެވީތޯއެވެ.
މެމްބަރުންގެ ރޫހާއި, ވިސްނުން ހުރި ގޮތަށް ބަލާއިރު މަޖިލިހުގެ ނައިބުރައީސް އަހުމަދު ނާޒިމް ކަންބޮޑުވުން ފާޅުކުރެއްވީ އަގުހެޔޮ ސިނގިރޭޓް އެތެރެކޮށް ދައުރުކުރަން ފަށާފާނެތީއެވެ. ދަށް ކޮލިޓީގެ ސިނގިރޭޓްގެ ސަބަބުން ލިބޭ ސިއްޙީ ގެއްލުން އިތުރަށް ބޮޑުވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
" އެހެންވީމަ އަޅުގަނޑު ގަބޫލުކުރާގޮތުގައި މިގަވާއިދުތައް ރަނގަޅަށް ތަންފީޒުކުރެވި ބްލެކްމާކެޓްގައި އެއެއްޗިހި ނުގަނެވޭނެ ގޮތަށް ރާވާ އަދި ހަމައެއާއެއްކޮށް, ސްމަގްލް ނުކުރެވޭނެ ގޮތްތައްވެސް އަޅުގަނޑުމެން އެބަޖެހޭ ރާވަން." ނާޒިމް ވިދާޅުވިއެވެ.
ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވީ ދުންފަތާއި, ވޭޕްފަދަ ސިއްހަތަށް ގެއްލުންހުރި ތަކެތި ބޭނުން ކުރުން ހަނިވާގޮތަށް މަސައްކަތް ކުރުމަކީ ރަނގަޅު ކަމެއް ކަމަށެވެ. އެކަމަކު ސިގިރޭޓްގެ ޓެކްސް ބޮޑުކޮށްގެން ދެންވާނީ ކޮންގޮތެއްތޯ އޭނާ ސުވާލު އުފެއްދެވިއެވެ.
"މީގެކުރިންވެސް އައީ ދުންފަތާއި ދުންފަތުގެ ބާވަތްތަކުގެ ޓެކްސްތައް ބޮޑުކުރަމުން. އެހެންނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި މިބިލަށް ބަހުސްކުރެވޭއިރު ވަރަށް ރަނގަޅު, ވަރަށް މުހިއްމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން ކިހާވަރެއްގެ ބަދަލެއްތޯ, އިމްޕެކްޓެއްތޯ އައިސްފައިވަނީ ކޮންމެ ފަހަރަކު ޓެކްސް ބޮޑުކުރުމާ ގުޅިގެން" މައުރޫފް ވިދާޅުވިއެވެ.
އެމްޑީޕީގެ މެމްބަރު ވައިކަރަދޫ ދާއިރާގެ ހުސައިން ޒިޔާދު (ފިއްޓޭ) ވެސް ސުވާލު ކުރެއްވީ އިމްޕޯރޓް ޑިއުޓީ ބޮޑުކޮށްގެން އޭގެން ނެރެން އުޅޭ ނަތީޖާ ނިކުމޭތޯއެވެ. ޑިއުޓީ ބޮޑުކޮށްގެން މިހާތަނަށް ފެންނަންހުރި ނަތީޖާއަކީ ކޮބައިތޯ އޭނާ ސުވާލު ކުރެއްވިއެވެ.
"އަޅުގަނޑަށް ފެންނަން އޮތީ ކަސްޓަމްސްގެ ހިސާބުތަކުންނާއި, މިހެން ނެރޭ ހިސާބުތަކުން ފެންނަނީ އަގަށް ގެންނަ ބަދަލަކުން މިއަކަށް އަދި ބަދަލެއް ނާންނަކަން" ފިއްޓޭ ވިދާޅުވިއެވެ.
މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުޙައްމަދު މުސްތަފާ އިބްރާހީމް ވިދާޅުވީ ދުންފަތުގެ ބާވަތްތަކުން ނަގަން ނިންމާފައިވާ ޓެކްސް ބޮޑުކުރުމުންވެސް އަވަށްޓެރި އެހެން ގައުމުތަކަށްވުރެ ރާއްޖެއިން ސިގިރެޓް ފޮއްޓެއް ގަންނަން ލިބޭ އަގު ހެޔޮ ކަމަށެވެ. ދުންފަތަކީ ވަރަށްބޮޑު ވަބާއެއްކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެހެންކަމުން ދުންފަތް ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތަކަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
"ރާއްޖޭގައި ކެންސަރު ގިނަވެގެން އެބަދޭ, ކެންސަރާ ވަރަށްބޮޑަށް ގުޅުންހުރިކަމެއް ކަމަށް އަޅުގަނޑަށް ފާހަގަކުރެވޭ އެއްކަމެއް މިއީ ދުންފަތް ބޭނުންކުރަމުން ގެންދިއުން. ހަގީގަތުގައި ޒުވާނުން ބޭނުމެއް ނުވޭ ދުންފަތުގެ ޝިކާރައަކަށް ވާކަށް." މުސްތަފާ ވިދާޅުވިއެވެ.
ވެލިދޫ ދާއިރާގެ އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު މުޙައްމަދު އައްބާސް ވިދާޅުވީ މިއަދު ދިމާވަމުންދާ ބޮޑަތި ބަލިތަކުގެ އަސްލަކީ ދުންފަތް ކަމަށްވުމުން, ދުންފަތް ކޮންޓްރޯލް ކުރަން ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ. އޭނާ ވަނީ ސިގިރޭޓްގެ ޓެކްސް ބޮޑުކުރަނީ ދައުލަތަށް އާމްދަނީ ހޯދަން ކަމަށް ބައެއް މެންބަރުން ވާހަކަދައްކަވާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ވިދާޅުވީ އެއީ ރައްޔިތުންނަށް އޮޅުވާލަން ދައްކަވާ ވާހަކަ ކަމަށެވެ. އައްބާސް ވިދާޅުވީ ރައްޔިތުންގެ ވެސް ނިންމުމަކީ ދުންފަތާއި ވޭޕް ހުއްޓުވަން ފިޔަވަޅު އެޅުން ކަމަށެވެ.
" މިއީ ޒުވާން ޖީލަށް ކޮށްދޭ ހެޔޮކަމެއް. މިއީ އަންނަން އޮތް ޖީލަށް ކޮށްދޭ ހެޔޮކަމެއް. މިއީ މިއަދުގެ ކިޔަވާ ތުއްތު ކުދިންނަށް ކޮށްދޭ ހެޔޮކަމެއް. މިއީ މިމުޅި ގައުމަށް ކޮށްދޭ ހެޔޮ ކަމެއް" އައްބާސް ވިދާޅުވިއެވެ.
މިއާއެކު އައްބާސް ވަނީ މިޤާނޫނު ތަންފީޒު ކުރަން ފެށުމާއެކު އޭނާވެސް ދުންފަތުގެ އިސްތިއުމާލް ކުރުން ހުއްޓާލައްވާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމަކީ ދުންފަތުގެ ޓެކްސް ބޮޑުކުރުމާއެކު ވޭޕާއި, ވޭޕްގެ ބާވަތްތައް އެތެރެ ކުރުންވެސް މަނާކުރުމެވެ. އަދި ވޭޕް ބޭނުން ކުރުންވެސް މަނާކުރުމެވެ.
ރިއެކްޝަންސް