ފުވައްމުލަކުގައި ކުރީ ސަރުކާރުން ފެށި 400 ހައުސިންގ ޔުނިޓުގެ މަސައްކަތް ލަސް، ނަމަވެސް މި ސަރުކާރުގެ 75 ހައުސިންގ ޔުނިޓުގެ މަސައްކަތް ދަނީ ބާރަށް ކުރިއަށް: ވަޒީރު މުއްޠަލިބް
ފުވައްމުލަކު ސިޓީގައި ވޭތުވެދިޔަ ސަރުކާރުން ހަވާލުކުރި 400 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުރިއަށްދާ ދުވެލި ވަރަށް ބޮޑަށް ލަސް ނަމަވެސް، މި ސަރުކާރުން ހަވާލުކުރި 75 ހައުސިންގ ޔުނިޓުގެ މަސައްކަތް ބާރު މިނުގައި ކުރިއަށްދާ ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. އެގޮތުން، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ޙުސައިން ވަނީ އެ ސިޓީގައި އަޅަމުންދާ ފްލެޓްތަކުގެ މަސައްކަތް އިންތިހާއަށް ލަސްވަމުންދާތީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުރިކަން ފާހަގަކުރައްވާފައެވެ. އަދި އެ މަސައްކަތް އަވަސްކުރުމަށްޓަކައި ވުޒާރާއިން އަޅަމުންދާ ފިޔަވަޅުތަކާއި، އަލަށް ފެށުމަށް ހަމަޖެހިފައިވާ ހައުސިންގ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށްދެއްވުމަށް މެންބަރު ވަނީ އެދިވަޑައިގެންފައެވެ.
މެންބަރުގެ ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވީ، ނިމިދިޔަ ސަރުކާރުން ފުވައްމުލަކުގައި އެޅުމަށް ހަވާލުކުރި 400 ހައުސިންގ ޔުނިޓުގެ މަޝްރޫޢަކީ ފެށުނީއްސުރެ ވެސް ތަންފީޒުކުރުމުގައި ބޮޑެތި ލަސްތަކެއް ކުރިމަތިވެފައިވާ ޕްރޮޖެކްޓެއް ކަމަށެވެ. އެ މަސައްކަތުގެ ދުވެލި އެކަށީގެންވާ ވަރަށްވުރެ ލަސްކަން ސަރުކާރަށް ވެސް ފާހަގަކުރެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނަމަވެސް، މި ސަރުކާރުން އެ ސިޓީގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން އަލަށް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްގެން ކުރިއަށްގެންދާ 75 ހައުސިންގ ޔުނިޓުގެ އަމަލީ މަސައްކަތް ތާވަލާ އެއްގޮތަށް، ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާކަމުގެ ޔަގީންކަން ވަޒީރު ވަނީ މަޖިލީހުގައި ދެއްވާފައެވެ.
ރިއެކްޝަންސް

