
މަސައްކަތްތެރިންގެ ދުވަސް: ޓީޗަރުން ގޮވާލީ ހޮނިހިރު ދުވަސް ރަސްމީ ދުވަހަކަށް ނުހެދުމަށް
މޭޑޭގެ ހިނގާލުމުގައި ޓީޗަރުންގެ ފަރާތުން ވާހަކަ ދެއްކެވީ މަޝްހޫރު އެސް.އެސް.ސީ ގާބެ ސަރ
ހޮނިހިރު ދުވަހަކީ ރަސްމީ މަސައްކަތު ދުވަހެއްގެ ގޮތުގައި ނުހެއްދެވުމަށް ސަރުކާރަށް ދިވެހި މުދައްރިސުން ގޮވާލައިފިއެވެ. މިދިޔަ ބުރާސްފަތި ދުވަހު ފާހަގަކުރި ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން މާލޭގައި ބޭއްވި ހިނގާލުމުގައި ތައުލީމީ ދާއިރާގެ ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި މަޝްހޫރު އެސް.އެސް.ސީ އިސްލާމް މުދައްރިސް، ގާސިމް މުޙައްމަދު ވަނީ ދިވެހި ރާއްޖޭގެ ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ މުދައްރިސުންގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފައެވެ.
މާލޭގެ މަގުތަކުގައި ކުރިއަށް ގެންދިޔަ ހިނގާލުމުގައި ވާހަކަ ދައްކަވަމުން ގާސިމް މުޙައްމަދު ވިދާޅުވީ ކްލާސްރޫމުގައި ކިޔަވައިދޭ ގަޑި ނިމުނަސް، ގެއަށް ދިޔަޔަސް ޓީޗަރުންނަކީ ސައުވީސް ގަޑިއިރު އުނގަންނައިދިނުމާއި އެކަމާ ގުޅުންހުރި މަސައްކަތްކަތް ހުއްޓާނުލާ ކުރާ ބައެއް ކަމަށެވެ.
އޭނާ ވިދާޅުވީ ހުކުރުދުވަސް ބަންދުކޮށްފައި ހޮނިހިރު ދުވަހަކީ ރަސްމީ މަސައްކަތު ދުވަހެއްގެ ގޮތުގައި ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ޓީޗަރުންނަށް އެކަމުގެ ސަބަބުން އިތުރު ބުރައެއް ތަހައްމަލު ކުރަންޖެހޭ ކަމެއް ކަމަށެވެ. އެހެން ކަމުން ގާސިމް ވަނީ ހޮނިހިރު ދުވަހަކީ އިޚްތިޔާރީ ދުވަހެއްގެ ގޮތުގައި ހައްދަވައިދެއްވުމަށް އެންމެހައި ޓީޗަރުންގެ ނަމުގައި ތައުލީމީ ވުޒާރާއަށް ގޮވާލައްވާފައެވެ.
ގާސިމް ވަނީ އޭގެ އިތުރުންވެސް ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ މަސައްކަތްތެރިންގެ ކަންބޮޑުވުންތަކުގެ އަޑު އުފުލާފައެވެ. އެގޮތުން ސަރުކާރުގެ އެހެން ބައެއް ދާއިރާތަކުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަމުގެ ސްކީމްތަކާއި ބޭސްފަރުވާގެ ސްކީމްގެ އިތުރުން ރިޓަޔާމެންޓް ޕެންޝަން ސްކީމްފަދަ ޚާއްސަ ކުރެވިފައިވާ އިނާޔަތްތައް ފާހަގަ ކުރައްވައި އެފަދަ އިނާޔަތްތައް ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ މަސައްކަތްތެރިންނަށް ހަމަޖެހިފައި ނޯންނަކަމުގެ ކަންބޮޑުވުން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އިތުރު ގަޑީގެ ފައިސާ ދިނުމުގައި މިހާރު ކަނޑައަޅާފައިވާ ލިމިޓު އުވާލުމަށާއި ކުރާ މަސައްކަތަކަށް ހައްގުވާ އުޖޫރަ ދިނުމަށްވެސް އޭނާ ވަނީ ޓީޗަރުންގެ ފަރާތުން ގޮވާލައްވާފައެވެ.
"30 އަހަރަށްވުރެ ގިނަ ދުވަހު ދާއިރާގައި މަސައްކަތް ކުރުމަށްފަހު ރިޓަޔާ ކުރާ މުދައްރިސުވެސް ގެއަށް ދާންޖެހެނީ ހުސްއަތާ. ލޯލާރިއެއްވެސް، އިނާޔަތެއް ނޯވޭ. މިއީތޯ ގައުމު ބިނާ ކުރުމުގެ އެންމެ އިސްދައުރު އަދާ ކުރައްވާ ފަރާތްތަކަށް ހައްގުވާ މިންވަރަކީ؟" ގާސިމް މުޙައްމަދު ވިދާޅުވިއެވެ.
ރާއްޖޭގައި މަސައްކަތް ކުރައްވާ އެތައް ސަތޭކަ ޓީޗަރުންގެ ބަސް އިއްވަމުން ގާސިމް މުޙައްމަދު ގާބެ ވިދާޅުވީ ސަރުކާރުތަކުން ތައުލީމީ ދާއިރާގެ މަސައްކަތްތެރިންނާމެދު ކޮންމެ ގޮތަކަށް އަމަލު ކުރެއްވި ނަމަވެސް އެދާއިރާގެ މަސައްކަތްތެރިން މަސައްކަތް ކުރާނީ އިޚްލާސްތެރިކަމާއި ތެދުވެރިކަމާއެކު ގައުމުގެ ކުރިމަގު އުޖާލާކޮށް ބައްޓަން ކުރުމުގެ މަތިވެރި މަސައްކަތް ކަމަށާއި އެކަން ޒިންމާދާރު ކަމާއި އަމާނާތްތެރިކަމާއެކު ކުރުންމަތީ ދިވެހި އެންމެހާ ލޮބުވެތި ޓީޗަރުން ތިއްބަވާނެ ކަމަށް ރާއްޖެއަށް މަޝްހޫރު އެސް.އެސް.ސީ ގާބެ ސަރ ވަނީ ވިދާޅުވެފައެވެ.
މިހާރު ސީ.އެޗް.އެސް.ސީގައި އިސްލާމް މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ގާބެ ވަނީ މަސައްކަތްތެރިންގެ ދުވަހުގެ ހިނގާލުމުގައި ބައިވެރިވެ ދިވެހި ހުރިހާ ޓީޗަރުންގެ ފަރާތުން އަޑު އުފުއްލަވާފައެވެ. އަދި މިއަދުގެ ތައުލީމީ ވަޒީރާއި ސަރުކާރުން ޓީޗަރުންގެ ކަންބޮޑުވުންތައް އަޑު އައްސަވައި އެކަމަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވުމަށް ގޮވާލެއްވިއެވެ.
ރިއެކްޝަންސް






