
ހިފާފައިވާ ހުޅަނގު އައްސޭރިގައި ޔަހޫދީން ވަޒަންވެރިކުރުމުގެ ޕްލޭން - ފަލަޞްޠީނު ދައުލަތުގެ ކަފުނަށް ވެދާނެބާ!
މި ޕްލޭން ތަންފީޒުކޮށްފިނަމަ އިރުމަތީ ގުދުސް އިޒްރާއިލްގެ ފުރިހަމަ ބާރުގެ ދަށަށް ދާނެ
ދުނިޔޭގެ ގިނަ ގައުމުތަކަކުން ނުރުހުން ފާޅުކުރަމުން ދަނިކޮށް އިޒްރާއިލްއިން ހިފާފައިވާ ހުޅަނގު އައްސޭރި ވަކިކޮށް އެސަރަހައްދުގައި ޔަހޫދީން ވަޒަންވެރިކުރުމުގެ ޕްލޭން އިޒްރާއިލްއިން ފާސްކޮށްފިއެވެ. ހިޔާލު ތަފާތުވުން އުފެދިފައިވާ ޕްލޭން ކުރިއަށް ގެންދިއުމަށް އިޒްރާއިލް އިން ނިންމުމާއެކު މިއީ ފަލަޞްޡީން ދައުލަތެއްގެ ގޮތުގައި ދެމިއޮތުމުގެ ފަހު ދުވަސްތަކަށް ވެދާނެކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.
އިޒްރާއިލްގެ މާލީ ވަޒީރު, ބެޒާލެލް ސްމޮޓްރިޗް މި ޕްލޭން އިއުލާންކުރި މިމަހު 14 ވަނަ ދުވަހުއެވެ. މިއީ ހުޅަނގުގެ ބާރުގަދަ ބައެއް ޤައުމުތަކުން ފަލަޞްޠީނުގެ ދައުލަތް އަންނަ މަހު ރަސްމީކޮށް ބަލައިގަންނާނެކަން އިއުލާންކޮށްފައިވާ ވުމަށް ގޮންޖެހުމުގެ ގޮތުން އިޒްރާއިލްއިން ނިންމި ހީލަޔްތެރި އަދި އެހާމެ ނުރައްކާތެރި ނިންމުމެކެވެ.
"މި ޕްލޭން ތަންފީޒު ކުރެވޭއިރު ދައުލަތެއްގެ ގޮތުގައި ފަލަޞްޠީނުގައި ބައިގަންނާނެ އެއްޗެއް ނޯންނާނެ. ފަލަޞްޠީނުގެ ދައުލަތުގެ ވާހަކަ މޭޒުން މި ފޮހެލީ ސްލޯގަންތަކަކުން ނޫން. އެކަން އަމަލުން ދައްކައިގެން ކުރާނީ. ކޮންމެ ވަޒަންވެރިއަކީ, އެތާގައި ބިނާކުރާ ކޮންމެ ގެއަކީ އަދި އާބާދީއަކީ އެ ނުރައްކާތެރި ހިޔާލު (ފަލަޞްޠީނުގެ ދައުލަތް) ގެ ސަންދޯކުގަ ޖަހާ މޮހޮރެއް" ފަލަޞްޠީނުގެ މިނިވަންކަމަށް ދުނިޔެއިން ކުރަމުންދާ މަސައްކަތްތަކަށް މަލާމާތް ކުރަމުން ކަނާތުފިޔައިގެ ހައްދުފަހަނައެޅިސްމޮޓްރިޗް ބުނެފައި ވެއެވެ.
ސޮމޮޓްރިޗް މި ޕްލޭން އިއުލާކޮށްފައިވާއިރު އިޒްރާއިލްއަށް އެންމެ ވާގިވެރިވާ ވިލާތުގެ އަދި ދުނިޔޭގެ ބޮޑެތި ގައުމުތަކުން ފާއިތުވި ދެތިން ހަފްތާގެ ތެރޭގައި ވަނީ އަންނަ މަހު ފަލަޞްޠީނުގެ ދައުލަތް ރަސްމީކޮށް ބަލައިގަންނާނެކަން އިއުލާންކޮށްފައެވެ. އޭގެތެރޭގައި ފްރާންސް, އިނގިރޭސިވިލާތް, ކެނަޑާ އަދި އޮސްޓްރޭލިއާ ވެސް ހިމެނެއެެވެ.
އީއައި-1 ގެސަރަހައްދުގެ ގޮތުގައި އިރުމަތީ ގުދިސްގެ ބޮޑު ސަރަހައްދެއް ހިމެނޭ މި ޕްލޭނަށް އަމަލުކުރުން ފާއިތުވި 20 އަހަރުގެ ތެރެގައި ވަނީ އެމެރިކާގެ ކުރީގެ ސަރުކާރުތަކުގެ ފިއްތުންތަކާއެކު ޕާކްކުރެވިފައެވެ. އަދި އެ ބިންތަކުގައި ޔަހޫދީ ވަޒަންތައް އެޅުމަކީ ބައިނަލްއަޤުވާމީ ޤާނޫނާވެސް މުޅިން ހިލާފްކަމެކެވެ.
އިޒްރާއިލްގެ މި ޕްލޭންގެ ދަށުން ޔަހޫދީ އާބާދީތަކަށް 3500 ގެ އެސަރަހައްދުގައި އެޅުމަށް ވަނީ ހަމަޖެހިފައެވެ. ކުރިއަށް ދެތިން މަސް ތެރޭގައި މަސައްކަތް ފަށާނެކަމަށް އިޒްރާއިލްއިން ވަނީ އިއުލާންކޮށްފައެވެ. މި ޕްލޭނާއެކު އާބާދީތައް ގުޅިގެންދާނީ މިހާރު މައާލީ އަޑުމިންގައި ހުރި ޔަހޫދީ ވަޒަންތަކާ ގުޅިގެންނެވެ.
އީއައި- 1 ސަރަހައްދަކީ ޖިއޮގްރަފީ ގޮތުން ފަލަޞްޡީނުގެދައުލަތުގެ ހާއްސަ ސަރަހައްދެކެވެ. އެއީ ހފާފައިވާ ހުޅަނގު އައްސޭރީގެ އުތުރުން ރާމަالله އާއި ދެކުނު ބެތެލެމް ގުޅުވައިިދޭ ސަރަހައްދެވެ. ސަރަހައްދުގެ މެދުގައި ހުރީ މުސްމލިމުންގެ މުޤައްދަސް ބިނާ; ފުރަތަމަ ޤިބްލަ އަދިން ތިންވަނަ ހަރަމްފުޅު ކަމުގައިވާ މަޞްޖިދުލް އަޤްޞާއެވެ.
މި ޕްލޭނާ ގުޅިގެން ދުނިޔޭގެ ގިނަ ޤައުމުތަކާއި ބައިނަލްއަޤުވާމީ ޖަމާއަތްތަކުން ފާޑުކިޔަމުން ދާއިރު އިޒްރާއިލްގެ ސުލްހައަށް މަސައްކަތް ކުރާ "ޕީސް ނައު" އިންވެސް ވަނީ މި ޕްލޭން ކޮށްވެރިކޮށްފައެވެ. "އީއައި-1 ގައި ވަޒަންވެރި ކުރުމުގެ ޕްލޭންގެ އިތުރު މަޤްޞަދެއްނެއް ސިޔާސީ ހައްލަށް ހުރަސް އެޅުން ނޫން" އެ ޖަމާއަތުން ބުނެފައި ވެއެވެ.
އިޒްރާއިލްގެ މި ޕްލޭން އަނބުރާ ގެންދިއުމަށް ފާއިތުވި ހަފުތާގައި އދ ންވެސް ވަނީ ގޮވާލާފައެވެ.
"އެ ކަމުގެ ސަބަބުން ދެ ދައުލަތުގެ ޙައްލު ހޯދުމުގެ މަސައްކަތް ހުއްޓޭނެ. އެ ޔަހޫދީ އާބާދީ ތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ހިލާފް ކަމެއް" އދ ގެ ތަރުޖަމާނު ސްޓެފާން ޑުރާޖިކް ބުނެފައި ވެއެވެ.
މި ޕްލޭން ތަންފީޒުކުރުމާ ދެކޮޅަށް އިޒްރާއިލް އަސްކަރިއްކާގެ ކުރީގެ ސިފައިންގެ ޖަމާއަތަކުންވެސް ވަނީ ވާހަކަދައްކާފައެވެ. "އެކަމުގެ ސަބަބުން ފަލަޞްޠީނުގެ ސަރަހައްދުގެ ބައެއް ގެއްލޭނީ އެކަންޏެއް ނޫން. އެއީ ފަަލަޞްޠީނު އަޅުވެރިކުރުން އިތުރުކުރުން" އެ ޖަމާއަތުން ބުނެފައި ވެއެވެ.
މިހާރުވެސް ފަލަޞްޠީނުގެ ބިންތަކުގައި, ހާއްސަކޮށް ހިފާފައިވާ ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި ގަދަކަމުން ބިންފޭރިގަނެގެން އިޒްރާއިލްގެ 700,000 އެއްހާ މީހުން ވަނީ ވަޒަންވެރިވެފައެވެ. އޭގެތެރޭގައި ސްމޮޓްރިޗް ވެސް ހިމެނެއެވެ.
ރިއެކްޝަންސް






