ސިޔާސީ ގޮތުން މަޝްވަރާކުރަން ރާއްޖެ-ފްރާންސް ދެމެދު އެއްބަސްވުމެއް
ދިވެހި ސަރުކާރާއި ފްރާންސް ސަރުކާރާ ދެމެދު ސިޔާސީ ގޮތުން ގަވާއިދުން މަޝްވަރާކުރުމަށް މަގުފަހިކުރާ "ލެޓާ އޮފް އިންޓެންޓް" (އެލްއޯއައި) އެއްގައި އިއްޔެ ސޮއިކޮށްފިއެވެ.
ޚާރިޖީ ވުޒާރާގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި، "ލެޓާ އޮފް އިންޓެންޓް އޮން ދަ އެސްޓެބްލިޝްމަންޓް އޮފް ޕޮލިޓިކަލް ކޮންސަލްޓޭޝަންސް" ގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލެވެ. ފްރާންސް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރެމީ ލެމްބާޓްއެވެ.
މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ހާރިޖީ ގުޅުން އިތުރަށް ބަދަހިވެ، ދެ ގައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅުން ހަރުދަނާކުރުމަށްޓަކައި ގަވާއިދުން މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް މަގުފަހިވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި މިއީ ދެ ގައުމުގެ ގުޅުން އާ ހަރުފަތަކަށް ގެންދިއުމަށް ދެ ފަރާތުން ވެސް ބޭނުންވާ މިންވަރު ދައްކުވައިދޭ ކަމެއް ކަމަށް އެ މިނިސްޓްރީން ފާހަގަކުރިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ ރާއްޖެއާއި ފްރާންސާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައިފަ އެވެ. އަދި ބައިނަލްއަގުވާމީ ބޮޑެތި މައްސަލަތަކުގައި ދެ ގައުމުން ދެކޭ ގޮތް އެއްގޮތްކަން ފާހަގަކުރައްވައި، ހާއްސަކޮށް ފަލަސްތީނުގެ މައްސަލައިގައި ފްރާންސުން ކުރަމުންދާ މަސައްކަތްތައް ބަލައިގަންނަ ކަމަށް ވެސް ވިދާޅުވިއެވެ.
ރިއެކްޝަންސް





