
ހުއްޓިފައިވާ މަޝްރޫޢު ތަކާއެކު ކުޅުދުއްފުށީފައި 3400 ހައުސިންގ ޔުނިޓްގެ ޕްރޮޖެކްޓެއް!
700 ހައުސިންގ ޔުނިޓް އަޅަނީ ގޯތި އޮވެ ގެ އެޅިފައި ނެތް ގޯތި ތަކުގައި
ހުއްޓިފައިވާ މަޝްރޫޢު ތަކާއެކު ކުޅުދުއްފުށީފައި 3400 ހައުސިންގ ޔުނިޓްގެ ޕްރޮޖެކްޓެއް ކުރިއަށްދާނެކަން އިއުލާނުކުރައްވާ މަސައްކަތްތައް ފަށައިފިއެވެ. ކުޅުދުއްފުށި ސިޓީގައި ރޭ އެސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 3400 ހައުސިން ޔުނިޓްގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށެވެ.
3400 ހައުސިންގ ޔުނިޓްގެ ތެރޭގައި މިދިޔަ ސަރުކާރުން އަމަލީ މަސައްކަތް ފަށާ ސަރުކާރު ބަދަލުވުމުން ހުއްޓިފައިވާ މަޝްރޫއުތައްވެސް ހިމެނެއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިން ސޮއިކޮށްފަ އޮތް މަޝްރޫއަކާއި, ހުއްޓުފަ އޮތް މަޝްރޫއަކާއި އަލަށް ފަށާ 2000 ހައުސިންގ ޔުނިޓްގެ މަޝްރޫއާ އެކު 3400 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ކުޅުދުއްފުށި ސިޓީގައި ކުރިއަށްދާނެ ކަމަށެވެ.
މިސަރުކާރު ހަވާލުވިއިރު އެކި ސަބަބުތަކާހެދި ކުރިއަށް ނުގޮސް އޮތީ 400 ހައުސިންގ ޔުނިޓްގެ މަޝްރޫއެކެވެ. އެމަޝްރޫއު އަލުން ފަށަން ވަރަށްގިނަ ދަތިތައް ކުރިމަތިވިކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެކަންކަން ހައްލުކޮށް މިހާރު އެޗްޑީސީއާ ހަވާލުކުރެވިފައިވާ ކަމަށެވެ. އޭގެއިތުރުން އަލަށް ފަށާ 2000 ހައުސިންގ ޔުނިޓްގެ މަސައްކަތްވެސް ހަވާލުކުރީ އެޗްޑީސީއާއެވެ. އެ 2000 ހައުސިންގ ޔުނިޓްގެ ތެރެއިން 700 ހައުސިންގ ޔުނިޓް އަޅަން ނިންމާފައިވަނީ އަމިއްލަ ގޯތީގައި ގެދޮރު އިމާރާތްކުރެވިފައި ނެތް މީހުންގެ ގޯތީގައެވެ. އެއީ 3 ކޮޓަރީގެ ގެއެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އެފަދަ ގޯތިތައް ދެނެގަތުމުގެ މަސައްކަތް ކައުންސިލާ މިނިސްޓްރީއާއި އެޗްޑީސީ ގުޅިގެން ކުރެވުމުން މިއަހަރު އަމަލީ މަސައްކަތް ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެކަމަށް އެއްވެސް ހުރަހެއް މިހާރު ނެތް ކަމަށެވެ.
އަނެއް 1300 ފްލެޓް އަޅާނީ އެކަމަށް ކަނޑައަޅާފައިވާ ބިމުގައި ކަމަށް ތަފްސީލް ދެއްވަމުން ރައީސް ވިދާޅުވިއެވެ.
ރިއެކްޝަންސް






