ހަމަލާތައް މެދުކަނޑާލަން އެއްބަސްވުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުތަނުން ދަށް ވެއްޖެ
ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތައް ދެ ހަފުތާގެ މުއްދަތަށް މެދުކަނޑާލަން އެއްބަސްވުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް ދަށަށް ދާން ފަށައިފިއެވެ.
މި ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމަކަށް އައިސްފައިވަނީ، އީރާނަށް ދެމުންދާ އުދުވާނުތައް އިތުރަށް ވަރުގަދަކޮށް، މުޅި ގައުމު އެކީގައި ސުންނާފަތިކޮށްލާނެ ކަމުގެ އިންޒާރާއެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ސުންގަނޑި ހަމަވާން ކައިރިވެފައި ވަނިކޮށެވެ.
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ އިޢުލާނު ކުރެއްވި ގޮތުގައި، ކުރިއަށް އޮތް ދެ ހަފްތާގެ މުއްދަތަށް ހަމަލާތައް މެދުކަނޑާލުމަށް އެމެރިކާއިން ހުށަހެޅި ހުށަހެޅުމަށް އީރާނުން މިހާރު ވަނީ އެއްބަސްވެފައެވެ. އަދި އީރާނަށް ހަމަލާ ނުދޭނަމަ، އެ އެއްބަސްވުމަށް އީރާނުން ފުރިހަމައަށް އިޙްތިރާމް ކުރާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވިއެވެ.
ހަމަލާތައް މެދުކަނޑާލުމަށް އެމެރިކާއިން ކުރި ޝަރުތުތަކުގެ ތެރޭގައި، ބައިނަލްއަގުވާމީ ގޮތުން މުހިންމު މަގަކަށްވާ ހުރުމުޒް ކަނޑުއޮޅި ހުޅުވާލުން ހިމެނެއެވެ. މިކަމާ ގުޅިގެން އަރާގްޗީ ވިދާޅުވީ، އެ މުއްދަތުގެ ތެރޭގައި އީރާނުގެ އަސްކަރިއްޔާގެ ބެލުމުގެ ދަށުން، ރައްކާތެރިކަމާއެކު އުޅަނދުފަހަރަށް އެ ސަރަހައްދުން ދަތުރުކުރެވޭނެ ކަމަށެވެ.
މި ނިންމުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. އެންމެ ފަހުގެ ރިޕޯޓުތައް ބުނާގޮތުން ތެލުގެ އަގު މިހާތަނަށް ވަނީ 8 އިންސައްތަ ދަށަށް ގޮސްފައެވެ. ވަކިން ހާއްސަކޮށް އެމެރިކާގެ ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 16 އިންސައްތަ ވެއްޓިފައެވެ. އިއްޔެ 117 ޑޮލަރަށް ހުރި ތެޔޮ ފީފާއެއްގެ އަގު މިހާރު ހުރީ 95.59 ޑޮލަރުގައެވެ.
މި ހަމަލާތަކާ ގުޅޭގޮތުން އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ބުނެފައިވަނީ، 40 ދުވަހުގެ ވަރުގަދަ ހަނގުރާމައަށް ފަހު، އެ ގައުމުގެ އަސްކަރިއްޔާއިން މި ހަނގުރާމައިގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ކަމަށެވެ.
ރިއެކްޝަންސް

