ރެކޯޑު އަދަދަކަށް މެންބަރުން ހަމަކޮށް، 1 ލައްކަ މެންބަރުންނާއެކު ކޮންގްރެސް ޕާޓީ ތާރީޚުގެ ތެރެއަށް!
ދިވެހިރާއްޖޭގެ މަލްޓި ޕާޓީ ޑިމޮކްރަސީގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި އެއްލައްކަ މެންބަރުން ހަމަކޮށް، ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ރާއްޖޭގެ ސިޔާސީ ތާރީޚުން ބޮޑު ޖާގައެއް ހޯދައި އައު ރެކޯޑެއް ޤާއިމުކޮށްފިއެވެ. މިއީ ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދި ހިންގަން ފެށިފަހުން މިހާތަނަށް އެއްވެސް ޕާޓީއަކަށް ހާސިލުކުރެވިފައި ނުވާ ވަރުގެ ބޮޑު ކާމިޔާބީއެކެވެ.
އިލެކްޝަންސް ކޮމިޝަންގެ އެންމެ ފަހުގެ ރަސްމީ ދަފްތަރުން ދައްކާ ގޮތުގައި، ކޮންގްރެސް ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 100,083 (އެއްލައްކަ އަށްޑިހަ ތިނެއް) އަށް އަރާފައެވެ. މިއީ މިއަހަރު ނިމުމުގެ ކުރިން ޕާޓީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އިތުރުކުރުމަށް އެ ޕާޓީން ކަނޑައެޅި އަމާޒަށް ވާސިލުވުމަށް ކުރި ބުރަ މަސައްކަތުގެ ނަތީޖާއެވެ.
ޖަނަވަރީ 31، 2019 ގައި ރަޖިސްޓްރީކުރި ކޮންގްރެސް ޕާޓީގެ މެންބަރުންގެ އަދަދު މިހާ ބޮޑަށް އިތުރުވެގެން ގޮސްފައިވަނީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައެވެ. ރައީސުލްޖުމްހޫރިއްޔާ އަދި އެ ޕާޓީގެ ރައީސް، ޑރ. މުޙައްމަދު މުޢިއްޒު، ނޮވެންބަރު 17، 2023 ގައި ވެރިކަމުގެ ހުވާކުރެއްވިއިރު އެ ޕާޓީގައި ތިބީ އެންމެ 3،000 އެއްހާ މެންބަރުންނެވެ. ނަމަވެސް، ޕާޓީގެ ލީޑަޝިޕުން ކުރި ހަރުދަނާ މަސައްކަތްތަކާއި، ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުންގެ ފަރާތުން ލިބުނު ތާއީދާއެކު، ވެރިކަމަށް ތިން އަހަރުވީއިރު މިވަނީ އެ ޢަދަދު އެއްލައްކަ ފަހަނައަޅައި ގޮސްފައެވެ.
މިއީ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތާރީޚުގައި ވެސް ފެނިގެންދިޔަ އެންމެ ހަލުވި އަދި އެންމެ ބޮޑު ކުރިއެރުމެވެ. މީގެ ކުރިން ރާއްޖޭގައި އުފެදුނު އެއްވެސް ސިޔާސީ ޕާޓީއަކަށް މެންބަރުންގެ އަދަދު އެއްލައްކައާ ގާތްކުރެވިފައެއް ވެސް ނުވެއެވެ. މި ރެކޯޑާއެކު ކޮންގްރެސް ޕާޓީ ވެގެން ގޮސްފައިވަނީ ރާއްޖޭގެ ސިޔާސީ މަސްރަޙުގައި މިހާތަނަށް އެންމެ ގިނަ ޢާންމު މެންބަރުން ތަމްސީލުކުރާ އެންމެ ބޮޑު ސިޔާސީ ބާރަށެވެ.
ޕާޓީގެ އިސް ސަފުގައި މަސައްކަތްކުރައްވާ ބޭފުޅުން ފާހަގަކުރައްވާ ގޮތުގައި، މި އަމާޒަށް ވާސިލުވެވުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދިޔަ މެންބަރުން އިތުރުކުރުމުގެ ޚާއްޞަ ހަރަކާތްތަކާއި، ޕާޓީގެ ޢާންމު ޖަލްސާތަކާއި ބައްދަލުވުންތަކަށް ރައްޔިތުންގެ ފަރާތުން ލިބުނު ފުރިހަމަ ތަރުޙީބުގެ ސަބަބުންނެވެ. މި ބޮޑު ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ޕާޓީގެ ފަރާތުން ކުރިއަށް އޮތް ތަނުގައި ޚާއްޞަ ހަރަކާތްތަކެއް ބޭއްވުމަށް ވެސް ދަނީ ތައްޔާރުވަމުންނެވެ.
ރިއެކްޝަންސް

