ފުރަތަމަ ފަހަރަށް ގެދޮރުވެރިކަމަށް ހިލޭ މާލީ އެހީ ދޭ ސަރުކާރަކަށް މި ސަރުކާރު ވެގެންދާނެ: ރައީސް

ފުރަތަމަ ފަހަރަށް ގެދޮރުވެރިކަމަށް ހިލޭ މާލީ އެހީ ދޭ ސަރުކާރަކަށް މި ސަރުކާރު ވެގެންދާނެ: ރައީސް

16 hours ago - 10:09

ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް، އަނބުރާ ދައްކަން ނުޖެހޭ ގޮތަށް ބޯހިޔާވަހިކަމުގެ ދާއިރާއިން ރައްޔިތުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ފުރަތަމަ ސަރުކާރަކީ މި ސަރުކާރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.


މި ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ހަމައެކަނި ފްލެޓާއި ގޯތި ދޫކުރުން ނޫން ކަމަށެވެ. އޭގެ އިތުރުން އަމިއްލައަށް ގެދޮރު ބިނާކުރަން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، އަންނަ އަހަރު މުޅިން ހިލޭ މާލީ އެހީ ދިނުމުގެ ދެ ޕްރޮގްރާމެއް ފަށްޓަވާނެ ކަމަށް އެމަނިކުފާނު އިޢުލާނު ކުރެއްވިއެވެ.


ރައީސް ވިދާޅުވީ، މިގޮތުން ތަޢާރަފުކުރާ ދެ ސްކީމަކީ "ހެލްޕް ޓު ބައި" އަދި "ހެލްޕް ޓު ބިލްޑް" ކަމަށެވެ. މިއީ އަމިއްލައަށް ގެދޮރު އިމާރާތްކުރުމަށާއި، ފްލެޓް ގަންނަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ހިންގާ ދެ ޕްރޮގްރާމެވެ. މި ދެ ސްކީމަށް އަންނަ އަހަރުގެ ބަޖެޓުން ގާތްގަނޑަކަށް އެއް ބިލިޔަން ރުފިޔާ ޚަރަދުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.


" 'ހެލްޕް ޓު ބައި އަދި ހެލްޕް ޓު ބިލްޑް' މި ދެ ސްކީމް މި ތަޢާރަފުކުރަނީ. މިއީ ރާއްޖޭގެ ތާރީޚުގައި ވެސް އަނބުރާ ދައްކަން ނުޖެހޭގޮތަށް ބޯހިޔާވަހިކަމުގެ ދާއިރާއިން ދޫކުރާ ފުރަތަމަ ފައިނޭންސް ފެސިލިޓީ،" ރައީސް ވިދާޅުވިއެވެ.


މީގެއިތުރުން، ބޯހިޔާވަހިކަމަށް ދޫކުރާ ލޯނުތަކުގެ އިކުއިޓީ 20 އިންސައްތައިން 5 އިންސައްތައަށް ކުޑަކުރުމަށް ސަރުކާރުން މީގެކުރިން ވަނީ ނިންމާފައެވެ. އަލަށް ތަޢާރަފުކުރާ ދެ ފައިނޭންޝަލް ފެސިލިޓީގެ ދަށުން، މި ޕްރޮގްރާމަށް ހޮވޭ ފަރާތްތަކުގެ ކަނޑައެޅޭ ލިމިޓްގެ ތެރެއިން ބޭންކް އިކުއިޓީ ސަރުކާރުން ހަމަޖައްސައިދޭނީ އަނބުރާ ދައްކަން ނުޖެހޭ ހިލޭ އެހީއެއްގެ ގޮތުގައެވެ.
މި އެހީ ދޫކުރާނެ އުޞޫލު ތަފްޞީލުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ކޮންމެ ބޮލަކަށް ދެ ލައްކަ ރުފިޔާ ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އެއް އާއިލާއަކުން ފަސް މީހުން ބައިވެރިވާނަމަ، އެއް މިލިއަން ރުފިޔާގެ އެހީ ލިބިގެންދާނެ ކަމަށާއި، މީގެ ސަބަބުން އެތައް ހާސް ރައްޔިތުންނަކަށް އޭގެ ފައިދާ ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. މި މަޝްރޫޢަށް އަންނަ އަހަރުގެ ބަޖެޓުގައި 750 މިލިއަން ރުފިޔާ ހިމަނާއިރު، މިހާރު ވެސް އެ ފަންޑުގައި 250 މިލިއަން ރުފިޔާ ހުރިކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow