އިޖުތިމާޢީ ޚިދުމަތަށް އައިންތު ހަދިޔާކުރި ހިނިތުން

އިޖުތިމާޢީ ޚިދުމަތަށް އައިންތު ހަދިޔާކުރި ހިނިތުން

އެއީ އިޖުތިމާޢީ ޚިދުމަތްތެރިއެއް. ހޭންޑްބޯޅަ ކުރިއަރުވަން މަސައްކަތް ކުރާ ކޯޗެއް

13 hours ago - 11:32
Nov 24, 2025 - 11:38

މަންމައެއްގެ ޒިންމާ ފުރިހަމައަށް އަދާކުރަމުން، ރަސްމީ ވަޒީފާއެއްގެ މަސްއޫލިއްޔަތާއެކު އިޖުތިމާޢީ ޚިދުމަތުގައި އޭނާ އެއަންނަނީ ތަފާތު ދައްކަމުންނެވެ. ހޭންޑް ބޯޅަ ކުޅުމަށް ދަރިފުޅުގެ ހިތުގައި އުފެދުނު ޝައުގުވެރިކަމާއެކު އެކުޅިވަރަށް ޚިދުމަތް ކުރުމަށް އޭނާގެ ހިތުގައި ލޯބި އުފެދުނެވެ. އެއީ ހިލޭ ސާބަހަށް މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ ސަދަން ކޮމިއުނިޓީ އެމްޕަވަރމެންޓްގެ ފުވައްމުލައް ޗެޕްޓާރގެ ޗެއާޕާސަން އެވެ.

ފުވައްމުލައް ސިޓީ، ހޯދަޑަށް އުފަން އެއަވަށު ސިވިލައިޒް އާމިނަތު ޢަބްދުﷲ، އާންތުގެ ޢިޖުތިމާޢީ ޚިދުމަތަކީ މިއަދު އެރަށުގައި ފާހަގަ ކޮށްލެވޭ މަސައްކަތެކެވެ. އެކަކު އަނެކަކަށް އެތީހެރިވެ އަޅާލާ މަންޒަރު ފުރަތަމަ ފެނުނީ އޭނާގެ ޅައުމުރުގެ ދުވަސްވަރު މައިންބަފައިންގެ ފަރާތުންނެވެ. އެހެން ނަމަވެސް އެފަދަ ކަންކަމަށް މާބޮޑު ޝައުގުވެރިކަމެއް އޭރު ނެތް އައިންތު، އިޖުތިމާޢީ މަސައްކަތަށް ޝައުގުވެރިވީ ކުޑައިރު އެކީ އުޅު ރައްޓެހިންގެ ތެރޭގައި އެކަކު އަނެކަކާމެދު ތަފާތު ކުރެވޭ މަންޒަރު ފެނި އެކަމާ ދެކޮޅަށް ތެދުވި ހިސާބުންނެވެ.

"ކުޑައިރު ގޭތެރެއިން މަންމަ އާއި ބައްޕަ އަވަށްޓެރިންނަށް އެހީތެރިވެއުޅޭ މަންޒަރު ވަރަށް ކައިރިން ތަޖުރިބާކުރެވުނު. އެހެން ނަމަވެސް އޭރަކު ނެތް އިޖުތިމާޢީ ކަންކަމުގައި ހަރަކާތްތެރިވުމުގެ މާބޮޑު ޝައުގެއް. އެހެން ނަމަވެސް ޒުވާން އުމުރުފުރައަށް އެޅިއިރު ރައްޓެހިންގެ ތެރޭގައި ކަންކަން ހިނގަމުންދިޔަ ގޮތް ފެނިފައި ލީޑާޝިޕް ނަގައިގެން މިކަމަށް ނުކުތުމަށް ހިތްޖެހުނީ" އިޖުތިމާޢީ ކަންކަމަށް ނުކުތުމަށް ކަންކަން ދިމާވި ގޮތް އައިންތު ހިއްސާކުރިއެވެ.

Advertisement
Advertisement

ފުވައްމުލަކަކީ އާބާދީ ބޮޑު ރަށެކެވެ. އިޖުތިމާޢީ ހަރަކާތްތަކަށް އިންތިހާއަށް ބޭނުންވެފައިވާ ރަށެކެވެ. އެހެންކަމުން އައިންތު ޚިޔާރު ކުރީ އޭނާއަށް ވެވުނު ގޮތަކަށް ރަށުގެ މުޖުތަމައަށް ހިލޭ ސާބަހަށް ޚިދުމަތް ކުރުމަށެވެ. ފުރަތަމަ މަސައްކަތް ކުރީ ނޫސްވެރިކަމުގެ ތެރެއިން އާންމުން ހޭލުންތެރި ކުރުވަމަށެވެ. އެއަށްފަހު ދެކުނުގެ އަތޮޅުތަކަށް ޚާއްސަކޮށްގެން ހިންގަމުން އަންނަ ސަދަން ކޮމިއުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ސްކީމްގެ އާންމު މެންބަރަކަށް ވުމުގެ ފުރުސަތު ލިބުނު ހިސާބުން ރަސްމީ ސިފައެއްގައި އިޖުތިމާޢީގޮތުން ޙަރަކާތްތައް ފުވައްމުލަކުގައި ހިންގަން ފެށިއެވެ. ގޮންޖެހުންތަކަށް ހިތްވަރާއެކު ކުރިމަތިލިއެވެ. ހިނިތުންވުމާއެކު ކުރަންފެށި ހީވާގި މަސައްކަތުގައި އޭނާއަށް ލިބުނު އެންމެ ބޮޑު އެއް ކުރިއެރުމަކީ ޖަމްޢިއްޔާގެ ފުވައްމުލަކު ޗެޕްޓާރގެ ޗެއަރޕާސަންގެ މަގާމަށް އޭނާ ހޮވުމެވެ.

Ainthu 4.jpg

އެއާއެކު ޖަމްޢިއްޔާގެ ހަރަކާތްތައް އިތުރު ކުރިއެވެ. ރަށުގައި ސަރުކާރުގެ އެކި މުވައްސަސާތައް ގުޅިގެން ހިންގާ އިޖުތިމާޢީ ކަންކަމުގައި އެންމެ އިސްސަފުގައި ހަރަކާތްތެރިވިއެވެ. ރަށުގެ ޒުވާނުންނާއި އަންހެނުންނަށް އަމާޒު ކޮށްގެން ހޭލުންތެރި ކުރުމާއި އަންހެނުން ބާރުވެރި ކުރުވުމަށް ގިނަ ޕްރޮގްރާމްތަކެއް ހިންގިއެވެ.

"އެންމެ ބޮޑަށް ފާހަގަކޮށްލެވުނު އެއް ޕްރޮގްރާމަކަށްވާނެ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގުނު ޕަބްލިކް ސްޕީކިން ޕްރޮގްރާމް. މީގެ އިތުރުންވެސް ކުޅިވަރުގެ އެކިއެކި ޕްރޮގްރާމްތަކެއް ވަނީ ހިންގިފަ" އައިންތު ކިޔައިދިނެވެ.

ހިލޭސާބަހަށް މަސައްކަތް ކުރުމަށާއި އެހެން މީހުންނަށް އެހީތެރިވުމަށް އޮންނަ ލޯބީގެ ބޮޑުކަމުން އައިންތު ވަނީ ސަރުކާރުން އަންހެނުންގެ ތަރައްގީއަށް ދޫކުރި ލޯން އެޕްލިކޭޝަންތައް އިކޮނޮމިކް މިނިސްޓްރީއަށް ލުމުގައި އެހިތީތެރިކަން ބޭނުންވި އެތައް ސަތޭކަބަޔަކަށް އެކަމުގައި އެހީތެރިވެދީފައެވެ. އެގޮތުން އައިންތު ވަނީ 600 އަށްވުރެ އެޕްލިކޭޝަން ފޯރމު ފުރުމުގައި އެފަރާތްތަކަށް ބެނުންވި ފަންނީ އެހީތެރިކަން ދީފައެވެ. މިއަދު އޭގެތެރެން އެންމެން ކަހަލަ ގޮތަކަށް އެ އެހީލިބި އެއިން އާމްދަނީ ހޯދަމުން އަންނަކަމީ އައިންތުއަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމެއް ކަން އޭނާ ފާހަގަ ކުރިއެވެ.

Ainthu 2.jpg

ދިރާގުގެ ފުވައްމުލަކު ބްރާންޗްގައި ޒިންމާދާރު ވަޒީފާއެއް އަދާކުރަމުން އަންނަ އައިންތުގެ އިޖުތިމާޢީ ޚިދުމަތުގެ އިތުރުން ކުޅިވަރުގައިވެސް މިއަދު އައިންތު އަކީ ފާހަގަ ކުރެވޭ ޚިދުމަތެއް ފުވައްމުލަކަށް ދެމުން އަންނަ ފަރާތެކެވެ. ޓީން ޝާކްގެ ނަމުގައި އޭނާ ހިންގަމުން އަންނަ ހޭންޑްބޯޅަ އެކަޑަމީއަކީ އޭގެ އެއް ހެއްކެވެ.

ހަގު ދެދަރިން ސްކޫލުގެ ހޭންޑް ބޯޅަ މުބާރާތުގައި ބައިވެރިވެ ޕްރެކްޓިސް ކުރިއިރު ހޭންޑްބޯޅައަކީ އައިންތު އެހާ ފަރިތަ އެއްޗެއް ނޫނެވެ. އެހެން ނަމަވެސް ދަރިންގެ މެދުގައި އެކަމަށް އޮތް ޝައުގުވެރިކަން ފެނި އެކުދިންނަށް އެކަން ރަނގަޅަށް ކުރެވޭނެ ގޮތެއް ރަށުގައި ނެތުމަކީ އޭރު އޭނާގެ ބޮލުގެ ރިހުމަކަށްވިއެވެ. ކަންދިމާކުރި ގޮތުން ހޭންޑްބޯޅަ އެސޯސިއޭޝަނާއި ފުވައްމުލަކު ސިޓީ ކައުންސިލް ގުޅިގެން ހޭންޑްބޯޅަ ކޯޗުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް އެދުވަސްވަރު ފުވައްމުލަކުގައި ބާއްވަން ހަމެޖެހުން ވެގެން ދިޔައީ އަނެއްކާވެސް ހުޅުވުނު އާދޮރަކަށެވެ.

ފުރުސަތުގެ ބޭނުން ހިފައި އައިންތު ނުކުތީ ހޭންޑް ބޯޅަ ކޯޗަކަށް ވުމަށެވެ. ކޯޗިން ޕްރޮގްރާމުން ފާސްވެ ކޯޗަކަށްވުމުން ސްކޫލްތަކާއި ރަށުގެ ޒުވާނުންނަށް ކޯޗުކޮށްދީ ރަށުގައި ބޭއްވޭ މުބާރާތްތަކަށް ކުދިން ތަމްރީނު ކުރަން ފެށިއެވެ. އެކަމަށް ޖެހުނު ލޯތްބާއި ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި އޮތް ތަރުޙީބަށް ބަލައި އައިންތުވަނީ ޓީން ޝާކްސްގެ ނަމުގައި ހޭންޑްބޯޅަ އެކަޑަމީއެއް ފުވައްމުލަކުގައި ހިންގަން ފަށާފައެވެ. މިއަދު އެ އެކަޑަމީގައި އައިންތުގެ ކޯޗު ކަމުގައި އުމުރުން 5 އަހަރާއި 16 އަހަރާއި ދެމެދުގެ 40 އަށްވުރެ ގިނަ ކުދިން އަންނަނީ ހޭންޑްބޯޅަ ތަމްރީނު ހަދަމުންނެވެ.

Ainthu 6.jpg

އައިންތު ފާހަގަ ކުރި ގޮތުގައި އިޖުތިމާޢީ މަސައްކަތަކީ ފުވައްމުލައް ފަދަ ބޮޑު އާބާދީއެއް އޮތް ރަށަކަށް ނުހަނު މުހިންމު ކަމެކެވެ. މުޖުތަމައުގައި ހުރި އެކިއެކި ކަންކަމަށް ރައްޔިތުން ހޭލުންތެރި ކުރުމުގައި އަމިއްލަ ޖަމްޢިއްޔާތަކާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ ފަރާތްތަކުގެ ދައުރު ބޮޑެވެ. މުޖުތަމައު އެކަތިގަނޑަކަށް ހަދައި އުފާވެރި މުޖުތަމައެއް ބިނާކުރެވޭނީ އެންމެން އެންމެންގެ އަތްތައް ގުޅާލައި ކުރެވޭ އިޚްލާސްތެރި މަސައްކަތަކުންނެވެ. މިހެން ކުރެވޭ ކަންކަމަށް ހުރި އެންމެ ބޮޑު ދައްޗަކީ އައިންތު ފާހަގަ ކުރި ގޮތުގައި ފައިސާގެ ދަތިކަމެވެ. ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ޚަރަދު ކުރާނެ ބަޖެޓެއް ނެތުމެވެ. ސްޕޮންސާ ލިބުމުގައި ހުރި ގޮންޖެހުންތައް ބޮޑުކަމެވެ.

Ainthu 5.jpg

ގޮންޖެހުންތަކާއި ދަތިތަކާއެކު އައިންތު ދައްކާ ތަފާތަކީ އަމިއްލަ ދިރިއުޅުމާއި ވަޒީފާ އާއި އިޖުތިމާޢީ މަސައްކަތަށް ހަމަކަމާއެކު ވަގުތު ދިނުމެވެ. އިޖުތިމާޢީ ގޮތުން ހަރަކާތްތެރިވުމާއި ކޯޗިންގ ދާއިރާގައި އައިންތު ދައްކަމުން އަންނަ ލީޑާޝިޕްގެ ފަހަތުގައި ވަނީ އޭނާގެ ފިސާރި ވަރުގަދަ ހިތްވަރާއި ހިނިތުން ވުމެވެ. އެއީ އޭނާ މުޖުތަމައަށް ދޫކޮށްލާ އެންމެ ބޮޑު ހަދިޔާއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow