އިއްބެގެ "ޑްރީމްސް" - ހަމައެކަނި ހުވަފެނެއް ނޫން. ވަރުގަދަ ބްރޭންޑެއް

އިއްބެގެ "ޑްރީމްސް" - ހަމައެކަނި ހުވަފެނެއް ނޫން. ވަރުގަދަ ބްރޭންޑެއް

ޑްރީމްސްއޭ ބުނެފިއްޔާ ޚިދުމަތުގެ ފެންވަރާމެދު ސުވާލެއް ނުއުފައްދާނެ ކަމީ ވިޔަފާރި ކަސްޓަމަރުން ބަލައިގަތްކަމުގެ އެންމެ އަލިގަދަ ހެކިކަމުގައި އިއްބެ ފާހަގަ ކުރެއްވިއެވެ.

7 months ago - 10:50
Jun 20, 2024 - 15:30

އެއީ މީގެ ފަންސަވީހަކަށް އަހަރު ކުރިއެވެ. އުފަންރަށް ފުވައްމުލަކުން ފުރައިގެން މާލެއައީ ހަމައެކަނި ތައުލީމީ ހަޔާތެއް ހޯދާކަށެއް ނޫނެވެ.

އޮނަވިހިސަތޭކަ ނުވަދިހައިގެ އަހަރުތަކުގައި މައިންބަފައިންނާއި އާއިލާ ދޫކޮށް މާލެ ބަދަލުވީ ފިސާރި ވަރުގަދަ އަޒުމެއްގައެވެ. ދިރިއުޅުމުގައި ކާމިޔާބު މީހަކަށް ވުމުގެ ފޮނި އެހާމެ ބޮޑު ހުވަފެނެއްގައެވެ.

ފުވައްމުލަކު ފަޅަގަޑިގެއަށް އުފަން އިބްރާހީމް ޙުސައިން ނުވަތަ ޑްރީމްސް އިއްބެ ތައުލީމީ ހަޔާތުގައިވެސް ގަދައަޅައި ބުރަކޮށް މަސައްކަތް ކުރި ކުއްޖެކެވެ. އެދުވަސްވަރު މާލޭގައި ދިރިއުޅޭ ރާއްޖެތެރެއަށް ނިސްބަތްވާ ކޮންމެ ކޮންމެ ކުއްޖަކުވެސް ތަޖުރިބާ ކުރަންޖެހުނު، މާލޭގައި ދިރިއުޅޭ ގޭގޭގެ "ނޯކަރީ"ކަން އިއްބެވެސް ތަޖުރިބާ ކުރިއެވެ. އެހެން ނަމަވެސް ބުރަމަސައްކަތާއެކު ސިކުނޑީގައި ބެހެއްޓީ މާލެ އައުމުގެ މަގްސަދެވެ. ހިތްވަރު ކުރީ އެހުވަފެނުގައި ކޮންމެވެސް ދުވަހަކުން ކުލަޖެއްސުމަށެވެ.

ތަޢުލީމީ ހަޔާތުގެ ފުރަތަމަ މަރުހަލާ، ނުވަތަ ސްކޫލް ދައުރު އިއްބެ ނިންމާލީ ބައްޕައާއި އާއިލާގެ އެހެން މެންބަރުންނާއެކު ފެއްޓެވި އާއިލީ ވިޔަފާރީގެ ފެށުމުންނެވެ. މާލޭގައި އެންމެ ފުރަތަމަ ފެށީ ފައިވާނާއި ބޫޓުގެ ވިޔަފާރިއެވެ. އާދައިގެ ކުޑަ ފިހާރައެއްގައި ފެށި ވިޔަފާރި 6 ފިހާރައަށް ފުޅާ ކުރުމުގެ މައި ސިކުނޑިއަކީ އިއްބެއެވެ. "ފުޓް ސެޓް، އެވަރ 1، އެވަރ 2، އަލައިކް، ވަންސް އޯން، އަނިއު ފަދަ ފިހާރަތަކަކީ އޭރު މާލޭގައި އެންމެ ފުޅާކޮށް ފައިވާނާއި ބޫޓު ވިއްކާ އަދި އެންމެ މަޝްހޫރު ފިހާރަތަކުގެ ތެރޭގައި ހިމެނޭ ފިހާރަތަކެވެ. ވިޔަފާރީގެ ވެއްޓަށް އަންނަ ޒަމާނީ ބަދަލުތައް ވިޔަފާރީގެ ތެރެއަށް ތަޢާރަފްކޮށް ވިޔަފާރި ހިންގުމުގެ އެންމެ އިސްދައުރެއް އަދާކުރީ ސީދާ އިއްބެއެވެ.

ދިހަވަރަކަށް އަހަރުތެރޭ އާއިލީ ވިޔަފާރި ފުޅާކުރުމަށްފަހު އެވިޔަފާރި އާއިލީ ތިންބެއިންގެ މެދުގައި ބަހާލައި އިއްބެ ވަނީ ވިޔަފާރީގެ މިސްރާބު މުޅިން އެހެން ދިމާއަކަށް ބަދަލުކޮށްލާފައެވެ. ޑްރީމްސް ގެ ނަމުގައި އަމިއްލަ ކުންފުންޏެއް 2008 ވަނަ އަހަރު އުފައްދަވައި ރާއްޖޭގެ ވިޔަފާރީގެ ބާޒާރުގައި ނުފޫޒުގަދަ ކުންފުންޏަކަށް ހެއްދެވިއެވެ. އެގޮތުން މާލޭގައި އެންމެ ފުޅާ ދާއިރާއެއްގައި މޮބައިލް ފޯނާއި އެސެސަރީސް ވިއްކުމުގެ ނަތީޖާއަކީ މޮބައިލް ފޯނުގެ ބާޒާރުގައި ރާއްޖޭގެ އެއްވަނަ ބްރޭންޑް ޑްރީމްސް މޯބައިލް އާއި ޑްރީމްސް މޯބައިލް ލައިޓް އަދި ޑްރީމްސް މޯބައިލް ޕްލަސް އިން ރާއްޖޭގެ މޮބައިލް ފޯނުގެ ވިޔަފާރީގެ ބާޒާރުގައި ރައްޔިތުން އެންމެ އިތުބާރު ކުރާ ބްރޭންޑްގެ ގޮތުގައި ވުމެވެ.

އިއްބެގެ ޑްރީމްސްގެ ދަށުން މިހާރު ހިންގަނީ ހަމައެކަނި މޮބައިލް ފޯނާއި އެއާގުޅުންހުރި ސާމާނެއްވެސް ނޫނެވެ. އިއްބެވަނީ ވިޔަފާރި އެހެން ދާއިރާތަކުގައިވެސް ތަޖުރިބާ ކުރަން ފަށްޓަވާފައެވެ. އެގޮތުން ޑްރީމްސް ޑައިނާ ގެ ނަމުގައި މާވެޔޮ މަގާއި މަޖީދީމަގު ކަންމަތީގައި ހުޅުވާފައިވާ ކެފޭ/ރެސްޓޯރަންޓަކީ މާލޭގައި މިހާރު ހުރި އެފަދަ ތަންތަނުގެ ތެރެއިން ކަސްޓަމަރުންގެ މެދުގައި އެންމެ މަގުބޫލު އެއްތަނެވެ. ތިން ފަންގިފިލާއަކަށް ހަދާފައިވާ ޑްރީމްސް ޑައިނާގައި އޯޕަން އެއާގެ އިތުރުން އޭސީ ބައިބައިވެސް ހިމެނެއެވެ.

ޑްރީމްސް ޕިއްޒާއަކީ މިހާރު މާލޭގައި އެންމެ މަޝްހޫރު ޕިއްޒާ ބްރޭންޑެވެ. މިކަން އެންމެ ބޮޑަށް އެނގެނީ ކަސްޓަމަރުންގެ ފަރާތުން ލިބެމުން އަންނަ "ފީޑްބެކް"ގެ އިތުރުން ޕިއްޒާއަށް އޮންނަ ޑިމާންޑުންނެވެ. ޑްރީމްސް ޕިއްޒާ އާއެކު އިއްބެ ވަނީ ހުޅުމާލޭގައިވެސް ރެސްޓޯރެންޓެއް ހުޅުވައި ކަސްޓަމަރުންނަށް މީރު އަދި އިތުބާރުކުރެވޭ ފެންވަރުގެ ޚިދުމަތެއް ދޭން ފަށާފައެވެ. އިއްބެގެ ރެސްޓޯރަންޓްތަކުގެ ތެރެއިން މާލޭ ފުޑް ކޯޓުގައި ހިންގަމުން އަންނަ ބިރިޔާނީ ރޯޔަލް އަކީ އިންޑިއަން ފުޑް އަށް ޚާއްސަ އަދި އެހެނިހެން އެކިވައްތަރުގެ ކާނާވެސް ލިބޭ، ކަސްޓަމަރުންގެ މެދުގައި މަގްބޫލު ރެސްޓޯރެންޓެކެވެ.

މީރު ކާނާ ދިވެހިރައްޔިތުންނަށް ފޯރުކޮށްދިނުމުގައި އިއްބެ ގެންގުޅުއްވަނީ ތަފާތު ވިސްނުންތަކެކެވެ. އެގޮތުން ރާއްޖޭގައި ތިބެގެންވެސް ރާއްޖެއިން ބޭރުގެ މަޝްހޫރު ބްރޭންޑްތަކުގެ ކާބޯތަކެތި ހޯދައިދިނުމަކީ އިއްބެ ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެކެވެ. އެގޮތުން ދުނިޔޭގެ މަޝްހޫރު ކޭކް ބްރޭންޑެއް ކަމަށްވާ "ރެއްލާ ކޭކްސް"ގެ ރާއްޖޭގެ މާސްޓަރ ޑިސްޓްރިބިއުޓާ އަކަށް ޑްރީމްސް ހަމަޖައްސައި ރާއްޖޭގައި 2021 ވަނަ އަހަރުން ފެށިގެން ރެއްލާ ކޭކް އަންނަނީ ވިއްކަމުންނެވެ. މީގެ އިތުރުން މަޝްހޫރު ފްރެންޗައިސް ބްރޭންޑް ކެނީ ރޮޖަރސްގެ ރޯސްޓަރސްގެ މާސްޓަރ ފްރެންޗައިޒް ޑިސްޓްރިބިއުޓާރ ގެ ގޮތުގައިވެސް 2022 ވަނަ އަހަރު ޑްރީމްސް ވަނީ ހަމަޖެހިފައެވެ. 

އިއްބެގެ ޑްރީމްސްގެ ކުޑައިގެ ދަށުގައިވާ އަނެއް ވިޔަފާރިއަކީ ހުޅުމާލޭގައި އިއްބެގެ އަމިއްލަ ބިމުގައި އިމާރާތްކޮށް ހުޅުވާފައިވާ ލަގްޒަރީ ގެސްޓް ހޮޓާ، ޑްރީމްސް ގްރޭންޑް އެވެ.

މިއަދު އެތައް ސަތޭކަ މުވައްޒަފުންނެއް ގޮވައިގެން މަސައްކަތް ކުރައްވާ އިއްބެގެ ޑްރީމްސްގެ ކުޑައިގެ ދަށުގައި ހިމެނޭ ކޮންމެ ވިޔަފާރިއަކީ އެންމެ ޒަމާނީ ޓެކްނޮލިޖީއާ އެއްގޮތަށް ހިންގަމުން އަންނަ ވިޔަފާރިތަކެކެވެ. ކޮންމެ ވިޔަފާރިއަކީވެސް ކަސްޓަމަރު ފިހާރައަށް ގޮސް ވިޔަފާރި ކުރާ އުސޫލުން އޮންލައިންކޮށް ވިޔަފާރި ކުރެވެންހުރި ވިޔަފާރިތަކެކެވެ. އެއީ މޮބައިލް ފޯނާއި ފޯނާ ގުޅުންހުރި ސާމާނުކަމަށްވިއަސް ޕިއްޒާ އާއި އެނޫންވެސް އެހެން ކާއެއްޗެއް ނަމަވެސް ވެބްސައިޓުން އޯޑަރުކޮށް ސީދާ ގޭގެއަށް ގެންގޮސްދެވޭ ފެންވަރަށް ޚިދުމަތް ދެމުން އަންނަ ވިޔަފާރިތަކެކެވެ.

އިއްބެ ފާހަގަ ކުރެއްވި ގޮތުގައި ވިޔަފާރީގައި ލިބުނު އެންމެ ބޮޑު ކުރިއެރުމަކީ ކަސްޓަމަރުންގެ އިތުބާރެވެ. ޑްރީމްސްއޭ ބުނެފިއްޔާ ޚިދުމަތުގެ ފެންވަރާމެދު ސުވާލެއް ނުއުފައްދާނެ ކަމީ ވިޔަފާރި ކަސްޓަމަރުން ބަލައިގަތްކަމުގެ އެންމެ އަލިގަދަ ހެކިކަމުގައި އިއްބެ ފާހަގަ ކުރެއްވިއެވެ.

އާއިލާ ދޫކޮށް މާލެ ބަދަލުވެ އިއްބެ ދެކެންފެށީ ހުވަފެނެކެވެ. ނަމަވެސް މިއަދު އެއީ ހަމައެކަނި ހުވަފެނެއް ނޫނެވެ. މިއަދު އިއްބެގެ "ޑްރީމްސް" އަކީ ރާއްޖޭގެ އެންމެ މަޝްހޫރު އެއްވިޔަފާރި ބްރޭންޑެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow