
ހަލާލް ޓޫރިޒަމްއަށް ޚާއްޞަ ރަށްތަކެއް ކަނޑައަޅަން ސަރުކާރުން ނިންމަވައިފި
ރާއްޖޭގައި ހަލާލް ޓޫރިޒަމް ތަޢާރަފްކުރުމަށް, އެކަމަށް ޚާއްޞަ ރަށްތަކެއް ކަނޑައަޅަން ސަރުކާރުން ނިންމަވައިފިއެވެ. އެކަން މިއަދު އިއުލާނުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުއެވެ.
ހަލާލް ޓޫރިޒަމް ތަޢާރަފްކުރައްވަން ނިންމެވިކަން އިއުލާނުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެކަމުގެ ތަފްސީލާއި, ޕްލޭންތައް ކުރިއަށް އޮތް ހަފްތާގައި ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާއްމުކުރައްވާނެ ކަމަށެވެ. ހަލާލް ޓޫރިޒަމް ތަޢާރަފްކުރަން ތައްޔާރުވެފައިވާކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ އަމާޒަކީ ހަލާލް ޓޫރިޒަމްގެ މަންޒިލެއްގެ ގޮތުގައިވެސް ދުނިޔޭގެ މަގްބޫލްކަން ހޯދުމަށް ކަމަށެވެ.
ރާއްޖެއަކީ ފަތުރުވެރިކަމުގައި ދުނިޔޭގައި މަގްބޫލް މަންޒިލެއްކަން ރައީސް ފާހަގަކުރެއްވިއެވެ. ފަތުރުވެރިކަމުގައި ރާއްޖެ މަގްބޫލްވެފައިވަނީ މެހުމާންދާރީ އާއި ދެމެހެއްޓެނިވި ގޮތެއްގައި ސިނާއަތް ކުރިއަރުވާ ގައުމެއްގެ ގޮތުގައެވެ.
ހަލާލް ޓޫރިޒަމް ތަޢާރަފްކުރާއިރު އިންވެސްޓް ކުރާ ފަރާތްތަކަށް އިނާޔަތްތަކާއި ބޮޑަތި ލުއިތަކެއް ދޭނެކަންވެސް ވަނީ ފާހަގަކުރައްވާފައެވެ. އިންވެސްޓަރުންނަށް ރާއްޖެއިން މަރުހަބާ ކިޔަން ތައްޔާރަށް އޮތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރިއެކްޝަންސް






