ރިއަލް އެސްޓޭޓް ބިލަށް ސިޔާސީ ޕާޓީތަކާއި އެންޖީއޯތަކުގެ ޚިޔާލު ހޯދަން ނިންމައިފި

ރިއަލް އެސްޓޭޓް ބިލަށް ސިޔާސީ ޕާޓީތަކާއި އެންޖީއޯތަކުގެ ޚިޔާލު ހޯދަން ނިންމައިފި

12 minutes ago - 19:34

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު ފުރިހަމަކޮށް ދިރާސާކުރުމަށްޓަކައި، ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމްޢިއްޔާތައް (އެންޖީއޯ) ތަކުގެ ޚިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.


ރިއަލް އެސްޓޭޓް ދާއިރާ ހަރުދަނާ އުސޫލުތަކެއްގެ ދަށުން ހިންގުމަށް މަގުފަހިކުރުމުގެ ގޮތުން ސަރުކާރުން އެކުލަވައިލި މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން އެވެ.


މި ބިލު ދިރާސާކުރުމުގެ މަރުހަލާގައި، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ ލިޔުމުން ޚިޔާލު ހޯދުމަށް ކޮމިޓީން މީގެކުރިން އޮތީ ނިންމައިފައެވެ. އޭގެ ތެރޭގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓްރީ އޮފް ފައިނޭންސް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، އެޓާނީ ޖެނެރަލްގެ އޮފީސް އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ހިމެނެއެވެ. ނަމަވެސް، މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޓީން ނިންމާފައިވަނީ، ބިލާ ގުޅޭގޮތުން މެންބަރުން އޮޅުންފިލުވަން ބޭނުންވާ ކަންކަން ފުޅާ ދާއިރާއެއްގައި ސާފުކުރުމަށްޓަކައި އެ ހުރިހާ އިދާރާތަކެއް ކޮމިޓީއަށް ހާޒިރުކުރުމަށެވެ.


މީގެއިތުރުން، މި ބިލަށް ސިޔާސީ ޕާޓީތަކާއި އެންޖީއޯތަކުގެ މަޝްވަރާ ހޯދުމަށް ހުށަހެޅުއްވީ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގެ މުޤައްރިރު، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ.
މި ހުށަހެޅުން ހުށަހަޅުއްވަމުން ޝުޖާއު ވިދާޅުވީ، މިއީ މަޖިލީހުގައި ހިމެނޭ މައިނޯރިޓީ ޕާޓީތަކުގެ އަޑުއަހައި އިހުތިރާމްކުރުމުގެ ގޮތުން ނިންމެވި ނިންމެވުމެއް ކަމަށެވެ. އެގޮތުން، ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު އެމްޑީޕީގެ މެންބަރު، ތޮއްޑޫ ދާއިރާގެ ޙުސައިން ސަމީރު މީގެކުރިން ބޭއްވި ބައްދަލުވުމެއްގައި މިފަދަ ހުށަހެޅުމެއް ހުށަހަޅުއްވާފައިވާތީ، އެއީ ބިލު ފުރިހަމަކުރުމަށް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ.


ކޮމިޓީގެ އިއްތިފާޤުން ފާސްކުރި މި ނިންމުމާ އެއްގޮތަށް، ކޮމިޓީއަށް ހާޒިރުވެ ބިލާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރަން ބޭނުންވާ ސިޔާސީ ޕާޓީތަކަށާއި އެންޖީއޯތަކަށް، އެ ފުރުސަތަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ސުންގަޑިއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow