ދަނގެތީގައި ފިއުލް ސްކިޑް ޤާއިމުކޮށް، އެސްޓީއޯ ރޭޓުގައި ތެޔޮ ދޫކުރަން ފަށައިފި
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެސްޓީއޯގެ ރޭޓުން ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢުގެ ދަށުން، އދ. ދަނގެތީގައި ޤާއިމުކުރި ފިއުލް ސްކިޑްގެ މަސައްކަތް ނިންމައި އެތަނުން ރަސްމީކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ވިދާޅުވީ، ދަނގެތީގައި ބެހެއްޓި މި ފިއުލް ސްކިޑުން މި މަހުގެ 6 ވަނަ ދުވަހުން ފެށިގެން އާންމުންނަށާއި މަސްވެރިންނަށް ތެޔޮ ދޫކުރަން ފަށާފައިވާ ކަމަށެވެ. މިއީ އެ ރަށުގެ އިތުރުން އެ ސަރަހައްދުގެ ދަތުރުވެރިންނާއި މަސްވެރިންނަށް ލިބިގެންދިޔަ ބޮޑު ލުއިފަސޭހައެކެވެ.
ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) މެދުވެރިކޮށް، ރާއްޖޭގެ ހުރިހާ އަތޮޅަކުން ވެސް އެސްޓީއޯއިން ތެޔޮ ވިއްކާ އެންމެ ހެޔޮ އަގުގައި ތެޔޮ ލިބޭނެ މަގު ތަނަވަސްކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މި މަޝްރޫޢު ބާރުދުވެލީގައި ކުރިއަށްދާއިރު، މިހާރު ދެ އަތޮޅެއް ފިޔަވައި ރާއްޖޭގެ ހުރިހާ އަތޮޅަކުން ވެސް މި ޚިދުމަތް ވަނީ ފަހިކޮށްދެވިފައެވެ.
ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އެފްއެސްއެމްގެ ތެޔޮ ޝެޑުތައް ޤާއިމުކުރުމުގެ ބޮޑު މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ އިފުތިތާޙުކޮށްދެއްވީ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައެވެ. މީގެ މައިގަނޑު މަޤްޞަދަކީ އެއްވެސް ތަފާތުކުރުމެއް ނެތި، މުޅި ރާއްޖެއަށް އެއް ހަމައެއްގައި ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމެވެ.
މީގެއިތުރުން، މެދުއިރުމަތީގެ މަސްރަޙުގައި ހިނގަމުންދާ ހަނގުރާމައާއި ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނު ނަމަވެސް، މަސްވެރިންނަށް އެކަމުގެ ތަކުލީފު ކުޑަކުރުމުގެ ގޮތުން ސަރުކާރުން ވަނީ ތެލުގެ އަގު ސަބްސިޑައިޒްކޮށް، ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދިނުމަށް ޚާއްޞަ އިސްކަމެއް ދީފައެވެ.
ރިއެކްޝަންސް





