ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން: ނަޝީދު

ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން: ނަޝީދު

8 hours ago - 18:05

ދިވެހިރާއްޖޭގައި ރެސިޑެންސީ ޕްރޮގްރާމެއް ހިންގުމަށް ތާއީދުކުރެއްވި ނަމަވެސް، ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.


މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރުން ރަސްމާލޭގައި ހިންގުމަށް ރާވާފައިވާ މަޝްރޫއާ ގުޅޭގޮތުން އެކަށީގެންވާ މައުލޫމާތު ރައްޔިތުންނަށް ސާފުނުވާ ކަމަށެވެ. އަދި އެމްޑީޕީގެ ކޮންގްރެސްއިން ފާސްކޮށްފައިވާ "ބޮޑު ބަދަލު" ސިޔާސަތުގައި ވެސް މުހިންމު ކަންކަމުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް އިސްކަންދީފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


ރައީސް ނަޝީދު ވިދާޅުވީ، ކަންކަން ނިންމުމުގައި ރައްޔިތުންނަށް ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ހުށަހަޅައި، ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ކުރިއަށް ދާންޖެހޭ ކަމަށާއި، ރައްޔިތުން ގަބޫލުނުކުރާ ތަސައްވުރެއް ބަލައިނުގަނެވޭނެ ކަމަށެވެ.


ރަސްމާލެ މަޝްރޫއާ ގުޅިގެން ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރައްވައި، ރައީސް ނަޝީދު ވަނީ އެ މަޝްރޫއާ މެދު ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ތަކުރާރުކޮށް ގޮވާލައްވާފައެވެ. އަދި މިފަދަ ވޯޓަކާ ނުލައި އެ މަޝްރޫއު ކުރިއަށް ގެންދިއުމަކީ ރާއްޖެއަށް އިއާދަނުކުރެވޭ ފަދަ ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހިދާނެ ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.


މީގެއިތުރުން، މި މަޝްރޫއާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުންނާއި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ބާރުއެޅުމަށްޓަކައި، ކުރިއަށް އޮތް ނޮވެމްބަރު 26 ވަނަ ދުވަހު އެމްޑީޕީން އިހުތިޖާޖަށް ނިކުންނާނެކަންވެސް އެމަނިކުފާނު ވަނީ އިއުލާނުކުރައްވާފައެވެ.
ފެންނަ ނުފެންނަ ވޯޓަކާ ނުލައި މި މަޝްރޫއު ކުރިއަށް ގެންގޮސްފިނަމަ އެމްޑީޕީން އެކަން ބަލައިގަންނާނެތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ދައުލަތުން ސޮވަރިން އެއްބަސްވުމެއްގައި ސޮއިކޮށްފައި އޮއްވައި އެ އެއްބަސްވުން ބާތިލުކޮށްފިނަމަ އޭގެ ބޮޑު ގެއްލުމެއް ރައްޔިތުންނަށް ފޯރާފާނެ ކަމަށެވެ. އެހެންނަމަވެސް، އެފަދަ ހާލަތްތަކުގައި ވެސް ކަންކަން މުރާޖައާ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

                    

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow