ހިސާބު ޓީޗަރެއްގެ ގޮތުގައި ރާޒީ ރަށަށް ބަދަލުވާން ޖެއްސެވި ހިސާބު

ހިސާބު ޓީޗަރެއްގެ ގޮތުގައި ރާޒީ ރަށަށް ބަދަލުވާން ޖެއްސެވި ހިސާބު

ނަތީޖާ ނެރެދޭ ޓީޗަރެއްގެ ގޮތުގައި ދަރިވަރުންނާއި ބެލެނިވެރިން ވަނީ ރާޒީ ބަލައިގެންފަ.

19 hours ago - 08:54
Jul 31, 2025 - 10:52

ދިރިއުޅުމަކީ އަޖައިބެއްފަދަ ކަމެކެވެ. ތިމާއަށް އެންމެ އުނދަގޫ ކަންތައް އެންމެ ފަސޭހަ ކަމަކަށް ބަދަލުވެދެއެވެ. އުނދަގޫ ނިންމުންތަކާއި ރިސްކްތަކުން ދިރިއުޅުން މުޅިން ބަދަލުކޮށްލާ މާއުފާވެރި ކޮށްދެއެވެ. އެބަދަލު ގެނައުން މާފަސްވެއްޖެ ކަމަށް އިހުސާސްވާ ފަހަރުވެސް މަދެއް ނޫނެވެ. އުފާވެރި ދިރިއުޅުމަކަށް އެންމެ ބޮޑަށް ހުރަސްއަޅާ އެއް ދާއިރާއަކީ ޓީޗިންގ ކަމަށް ބުނާތީ އިވޭ އަޑުތައް ގިނައެވެ. މަސައްކަތުގެ ބުރަކަމާއި ވަގުތު ހުސްކުރަންޖެހޭ މިންވަރު ގިނަކަމުންނެވެ. އެއާއެކު އެމަސައްކަތުން ލިބޭ ހިތްހަމަ ޖެހުމާއި މުޖުތަމައަށް އޭގެ ސަބަބުން ކުރާ އެދެވޭ ހެޔޮ އަސަރާއި ބަދަލުތައް މާބޮޑެވެ. މިއީ އެފަދަ ތަޖުރިބާތަކެއްގެ ވާހަކައެވެ. އެފަދަ ދަތުރެއްގެ ވާހަކައެވެ. ހިސާބު މުދައްރިސް އަބްދުﷲ ރާޒީ ޓީޗިންގެ ތެރެއަށް ކުރި ދަތުރާއި އެދަތުރުގައި ވެރިރަށް ދޫކޮށް އުފަން ވަޒަނަށް ކުރި ދަތުރުން ލިބިދޭ ފިލާވަޅުތަކެވެ.

ގޮންޖެހުންތަކާއި ދިރިއުޅުމުގެ ޚަރަދުތައް ބޮޑު މާލޭގެ ހަލަބޮލި ދިރިއުޅުން ދޫކުރައްވައި، ގާތްގަނޑަކަށް ވިއްސަކަށް އަހަރަށްފަހު އުފަންރަށް، ފުވައްމުލަކަށް ދިރިއުޅުން ބަދަލުކުރެއްވީ ޏ.އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވަން އުޅުއްވި ދުވަސްވަރު ކަނޑައެޅި އަޒުމާ އެއްގޮތަށް ތައުލީމީ ދާއިރާއިން އަމިއްލަ ފަސްގަނޑަށް ޚިދުމަތް ކުރެއްވުމުގެ މަތިވެރި އަޒުމުގައެވެ.

ގްރޭޑް ހަތެއްގައި ކިޔަވާވިދާޅުވިއިރު އެންމެ އުނދަގޫވި މާއްދާ ކިޔަވާ މިޖީލުގެ ދަރިވަރުންނަށް އެއީ ފަސޭހައިން ކިޔަވާލެވޭނެ މާއްދާއެއްގެ ގޮތުގައި ކިޔަވައިދެއްވުން އެއީ އޭރުވެސް ރާޒީގެ އަމާޒެއްގެ ގޮތުގައި ހެއްދެވިއެވެ.

Advertisement
Advertisement

ޔުނިވަރސިޓީ ތައުލީމަށްފަހު އަމިއްލަ ރަށަށް ބަދަލުވެވަޑައިގެންނެވީ ހަލަބޮލި މާލޭގައި މުދައްރިސެއްގެ ރަސްމީ ވަޒީފާ އަދާކުރައްވަމުން އިތުރު އާމްދަނީ ހޯއްދެވުމަށް ކުރެއްވި މަސައްކަތް ރަށަށް ބަދަލުކުރައްވައި ރަށުގައި ކިޔަވާ ކުދިންނަށް އެ ޚިދުމަތް ފޯރުކޮށްދެއްވުމަށް އޮތް ޝައުގެއްގެ ބޮޑު ކަމުންނެވެ.

"ރަށަށް ބަދަލުވެވުނީ އެވަގުތަށް ޔުނިވަރސިޓީ އިލްމުގެ ތެރެއިން ކުރިޔަށްދާން ކަޑައަޅާފައިވާ އިލްމު ހޯދައި އަދި އިތުރަށް ޔުނިވަރސިޓީގެ ޕްރޮގްރާމެއްގެ ތެރެއިން ރަސްމީ ކިޔެވުން ކުރިޔަށް ދެން ގެންދަން އެންމެ ރަގަޅީ އަމިއްލަ ގޮތުން މަސައްކަތެއްފަށައި އޭގެ ކާމިޔާބީއާ ހަމައަށް ދެވުމަށްފަހުގައި ކަން ގަބޫލުކޮށް އަމިއްލަ މަސައްކަތެއް ފަށައި ކުރިޔަށްދެވެން ފެށި ހިސާބުން ކޮވިޑް ރާއްޖެއަށް އައުމާއިއެކު އަމިއްލަ މަސައްކަތް މަޑުޖެހުމާއި މިހާރު ލިބިފައި ހުރި ތައުލީމާއި ތަޖުރިބާގެ ބޭނުން ކޮށްގެން ރަށަށް ރަގަޅު ޚިދުމަތް ކުރަން އެންމެ ރަނގަޅު ގޮތަކީ ރަށަށް ބަދަލުވުން ކަމުގައި ގަބޫލު ކުރެވިގެން" ހިސާބު ޓީޗަރު ޢަބްދުﷲ ރާޒީ ވިދާޅުވިއެވެ.

ކޮވިޑުގެ އާލަމީ ވަބާގައި މުޅި ދުނިޔެ ހުއްޓުނު ވަގުތު އުފަން ރަށަށް ރާޒީ މިސްރާބު ޖެއްސެވީ އެކަމުގައި ގޮންޖެހުންތަކެއް ހުންނާނެކަން ގަބޫލުކުރައްވައިގެންނެވެ. ސްކޫލްތައް ބަންދުކޮށްފައި އޮތުމުން ރަސްމީ ވަޒީފާއެއް ލިބުމުގައި ކުރިމަތިވި ދަތިތައް ރާޒީ ފާހަގަ ކުރެއްވިއެވެ. އެހެން ނަމަވެސް ފެންވަރު ރަނގަޅު ޓީޗަރުން ބޭނުންވެފައި އޮތް ފުވައްމުލަކުން ހިސާބު ޓީޗަރެއްގެ ވަޒީފާ ލިބުން ލަހެއް ނުވިއެވެ.

ރާޒީ ވިދާޅުވި ގޮތުގައި ވިއްސަކަށް އަހަރަށްފަހު މުޅި ދިރިއުޅުން ރަށަށް ބަދަލުކޮށް އާންމު ހާލަތަށް އައީ ގާތްގަނޑަކަށް އަހަރެއްހާ ދުވަހުންނެވެ. އުފަން ރަށަށް ޚިދުމަތް ކުރެއްވުމަށް ނިންމަވައިގެން ރަށަށް ބަދަލުވެވަޑައިގަތުމުން އެކުވެރިންގެ އިތުރުން ތައުލީމީ ދާއިރާގެ ގިނަ ބަޔަކު ވަނީ އެނިންމެވުމަށް މަރުހަބާ ކިޔައި ރަށް ދޫކޮށް ވަޑައިނުގެން ތައުލީމީ ދާއިރާއިން ރަށަށް ޚިދުމަތް ކުރުމަށް މަޑު ކުރުމަށް ހިތްވަރު ދީފައެވެ. އަދި ތައުލީމީ ދާއިރާއާއި ރަށަށް ޚިދުމަތް ކުރުމަށް ހުރި އިތުރު ފުރުސަތުތައްވެސް ރައްޓެހިންގެ ފަރާތުން ދިޔައީ ފަހިވަމުންނެވެ.

މިހާރު އަމިއްލަ ޓިއުޝަން ސެންޓަރެއް ހަދައި އެތަނަކީ ހިސާބު ޢިލްމުގައި ކުރިއަށްދާން ބޭނުންވާ ކުދިންނަށް އޮތް އެންމެ ފަހި މާހައުލު ކަމުގައި ރާޒީ ވަނީ ހައްދަވާފައެވެ. ދަރިވަރުންނާ އަބަދުވެސް ވަރަށް ގާތްކަމެއް ބާއްވަމުން އަންނަ ހިސާބު ޓީޗަރު ފާހަގަ ކުރެއްވި ގޮތުގައި އިތުރު ހަރަކާތްތަކުގައި ބައިވެރިވެ އުޅުމަށް ދަރިވަރުންގެ މެދުގައި އޮންނަ ފޯރިއާ ޖޯޝާ އެއްވަރަށް ރަނގަޅު ނަތީޖާއެއް ހޯދުމަށް ކުދިން ކުރާ މަސައްކަތާއި ކުރާހޭދަ ފާހަގަ ކުރެއްވޭ ކަމަށެވެ. ރާޒީ ފާހަގަ ކުރެއްވި ގޮތުގައި ރަށުގައި ވީ ކުޑަ ދުވަސްކޮޅުގައިވެސް ސްކޫލް ނިންމާ ދަރިވަރުންވެސް ވަރަތް ގާތް ގުޅުމެއް ބާއްވަމުން ގެންދެއެވެ. އަދި އެއީ އޭނާ ދެކޭ ގޮތުގައި ކްލާސް ރޫމުގެ ތެރޭގައި ދަރިވަރުންނާއެކު ބޭއްވުނު ގުޅުން ރަނގަޅު ކަމުގެ ހެއްކެކެވެ.

ރާޒީ ވިދާޅުވީ ޓީޗަރެއްގެ ހައިސިއްޔަތުން ނުވަތަ މުޖުތަމައު ބިނާ ކުރުމުގެ މަސައްކަތުގައި އުޅޭ މީހެއްގެ ހައިސިއްޔަތުން ރަށުގެ މުޖުތަމައުއާމެދު ފޮނި އުއްމީދުތަކެއް ކުރެވޭ ކަމަށެވެ. އެގޮތުން އޭނާ ކިޔަވައިދެއްވާ ދަރިވަރުންނަކީ ތަޢުލީމީ ގޮތުން ކުރިއަރާފައިވާ، އަޚްލާޤީ ގޮތުން ރަނގަޅު، އަދި މުޖުތަމަޢަށް ފައިދާހުރި ބަޔަކަށް ވެގެން ދިއުމަށް ވަރަށް ބޮޑަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ކޮންމެ ދަރިވަރަކީވެސް ވަކި ހުނަރުތަކަކާއި ޤާބިލުކަމެއް ލިބިފައިވާ ކުއްޖަކަށް ވީތީ އެ ކުދިންގެ ހުނަރުތައް ދެނެގަނެ، އެ ހުނަރުތައް ތަރައްޤީކޮށް، އެ ކުދިންގެ ފުރިހަމަ ޤާބިލުކަމާއިއެކީ ކުރިއަރައިދާތަން ދުށުމަކީ އަމިއްލަ ވަޒަނުގެ ކުރިމަގަށްޓަކައި ދެކޭ ވަރަށް ބޮޑު ހުވަފެނެއް ކަމަށް ރާޒީ ވިދާޅުވިއެވެ.

ރާޒީ ފާހަގަ ކުރެއްވި ގޮތުގައި ދަރިވަރުން ހަމައެކަނި ފޮތުގެ ތަޢުލީމަށް އަހުލުވެރިވުމުގެ ބަދަލުގައި، ދިރިއުޅުމުގެ ހުނަރުތަކާއި އަމަލީ ތަޖުރިބާތަކަށްވެސް އަހުލުވެރިވެގެން ދިއުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ހެޔޮ ގޮތުގައި ވަގުތު ބޭނުންކުރުމާއި މުވާސަލާތުކުރުމުގެ ހުނަރާއި ދަތި ހާލަތްތަކުގައި ރަނގަޅު ނިންމުންތައް ނިންމުމުގެ ޤާބިލުކަން އިތުރުކުރުން މުހިންމު ކަން ފާހަގަކުރެއްވިއެވެ.

ދިގު މެދުކެނޑުމަކަށްފަހު ރަށަށް ބަދަލުވުމުން ލިބުނު ހިތްހަމަޖެހުމާއެކު ރަށުގެ ދިރިއުޅުމުގައި ހުރި ފޮނިމީރު ކަމުގެ އިހުސާސް ބޮޑުކަންވެސް ރާޒީ ފާހަގަ ކުރެއްވިއެވެ. އެގޮތުން ރަށުގެ ހަމަހިމޭން މާހައުލާއި ތަނަވެސް ގެދޮރާއި ތާޒާ މޭވާއާއި ތަރުކާރީ ހެޔޮ އަގުގައި ލިބެންހުރުމާއި އިގްތިޞާދީ ގޮތުންވެސް މާލެއާ އަޅާ ބަލާއިރު މާ ބޮޑަށްވެސް ރަނގަޅުކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން ރާޒީވަނީ ރަށުން ބޭރުގައި ތިއްބެވި ރަށަށް ނިސްބަތްވާ ޓީޗަރުންނަށް ޚާއްސަ މެސެޖެއް ދެއްވާފައެވެ.

 "ރަށުން ބޭރުގައި ތިއްބެވި ރަށަށް ނިސްބަތްވާ ޓީޗަރުންނަށް ދަންނަވާލަން އޮތީ ތަނެއް ކުރިއަރައި ދިއުމަށް ކުރެވޭނެ އެންމެ ރަނގަޅު އިންވެސްޓްމަންޓަކީ އެ ތަނެއްގެ ތައުލީމަށް ކުރެވޭ އިންވެސްޓްމަންޓޭ. ޚާއްސަކޮށް ބެއިސިކް އެޑިއުކޭޝަން ރަނގަޅު ކުރުމަށް އެހީތެރިވުމަކީ އެއީ އެތަނަކަށް ކޮށްދެވޭނެ އެންމެ އަގުހުރި ޚިދުމަތަށް ވެގެންދާނެޔޭ. ރަށުގެ ސެކަންޑަރީ ތައުލީމުގެ ނަތީޖާ މިހާރަށްވުރެވެސް ރަނގަޅު ވެގެން ދިއުމަކީ ރަށުގެ ތަރައްގީ ބާރުސްޕީޑްގައި ކުރިޔަށް ދިއުމަށް މަގު ފަހިކޮށްދޭނެ ކަމަކަށްވާތީ ރަށުގެ ކުރިއެރުމަށާއި އަދި އަމިއްލަ ކުރިއެރުމަށްވެސް އުޖާލާކަން ގެނެސްދެން އޮތް އެންމެފަހި ގޮތަކީ ރަށަށް އައިސް ރަށުގެ ތައުލީމީ ކުރިމަގަށް މަސައްކަތްކޮށް ދިނުން. ހުރިހާ ޓީޗަރުންވެސް ރަށަށް ބަދަލުވެ އެންމެން އެކީ ރަށަށް ޚިދުމަތް ކުރުމަކީ އުފަލެއްގެ ގޮތުގައި ދެކެގެން މަސައްކަތް ކުރަމާ ހިނގާށޭ ޓީޗަރުންނަށް ދަންނަވާލަން އޮތީ." ރާޒީ ވިދާޅުވިއެވެ.

ވިހި އަހަރަށް ފަހު އަމިއްލަ ރަށަށް ބަދަލުވާން ރާޒީ ޖެއްސެވީ ހަމައެކަނި ހިސާބު އަދަދުތަކެއް ނޫންކަން އޭނާ ރަށުގެ ދަރިވަރުންނަށް ދެއްވަން ފެށި ހިސާބު ފިލާވަޅުތަކުން ފަހުމު ވެއެވެ. ހިސާބު ކިޔަވަން ފެށީވެސް އުނދަގުލުންނެވެ. މާލޭގެ ދިރިއުޅުން ބަދަލު ކުރުންވެސް ވީ އުނދަގޫ ކަމަކަށެވެ. ނަމަވެސް ރަށަށް ބަދަލުވުމާއި ހިސާބު ޢިލްމު ފެތުރުމުގައި މިއަދު އޮތީ ދަރިވަރުންނާއެކު ހިނިތުން ވުމާއި އުފާވެރިކަމެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow