ތިނަދޫ ސިޓީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 4 މީހަކު ހައްޔަރުކޮށްފި
ގދ. ތިނަދޫ ސިޓީގައި ފުލުހުން ކުރިއަށް ގެންދިޔަ ޚާއްޞަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއަށްގެންދިޔަ މި އޮޕަރޭޝަނަކީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި، އަޕާ ސައުތު ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަންސްގެ އިތުރުން ތިނަދޫ ސިޓީ ޕޮލިސް ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
މި އޮޕަރޭޝަންގެ ތެރެއިން ތިނަދޫ ސިޓީގެ ހަތަރު ގެއެއް ބަލައިފާސްކޮށްފައިވާއިރު، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ:
އަޙްމަދު ހާޝިމް (36އ)، މިނިވަން އައްސޭރި / ގދ. ތިނަދޫ
އަތޫފް އަޙްމަދު (25އ)، ވެހަފުލާ / ގދ. ތިނަދޫ
ނާޖިދު ޢަބްދުﷲ (42އ)، ވިލާޑީލައިޓް / ގދ. ތިނަދޫ
މުޙައްމަދު ޝާއިފް ޖަލީލް (18އ)، ފުސްފަރާގެ / ގދ. ގައްދޫ
ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި، މި އޮޕަރޭޝަނުގައި އަތުލައިގަތް މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 6.3 ގުރާމެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ އެންމެންގެ ބަންދަށް ވެސް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
ރިއެކްޝަންސް





