ޑޮލަރުގެ މުއާމަލާތްތަކަށް ދިމާވި ލަސްތައް އަންނަ ހަފުތާ ނިމެންވާއިރަށް ހައްލުވާނެ: ބީއެމްއެލް

ޑޮލަރުގެ މުއާމަލާތްތަކަށް ދިމާވި ލަސްތައް އަންނަ ހަފުތާ ނިމެންވާއިރަށް ހައްލުވާނެ: ބީއެމްއެލް

1 hour ago - 07:58

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ކުރިއަށްގެންދާ ޑޮލަރުގެ މުއާމަލާތްތަކާއި ޓްރާންސްފާތަކަށް ދިމާވެފައިވާ ލަސްތައް ހައްލުކޮށް، އަންނަ ހަފުތާ ނިމެންވާއިރަށް އެ މުއާމަލާތްތައް އާންމު ހާލަތަކަށް ގެނެވޭނެ ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.


މިކަން ހާމަކޮށް ބީއެމްއެލްއިން ބުނީ، ރުފިޔާ އެކައުންޓްތަކުން ޑޮލަރު ވިއްކައިގެން ރާއްޖެއިން ބޭރުވާ ފައިސާގެ މިންވަރު މިދިޔަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 33.33 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން، މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އެވްރެޖްކޮށް މަހެއްގެ މައްޗަށް 81.6 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، ޖުމްލަ 653 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މި ނިސްބަތުން ކުރިއަށްދާނަމަ އަހަރު ނިމޭއިރު ވިއްކާ ޑޮލަރުގެ އަދަދު ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.


ތަފާސްހިސާބުތަކަށް ބަލާއިރު މަހެއްގެ މައްޗަށް މައިގަނޑު ގޮތެއްގައި ޑޮލަރު ދޫކުރެވިފައިވާ ނިސްބަތަކީ:

ޑެބިޓް އަދި ކްރެޑިޓް ކާޑު މުއާމަލާތްތަކަށް: 38 މިލިއަން ޑޮލަރު
ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) އަށް: 27 މިލިއަން ޑޮލަރު
ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް: 9.4 މިލިއަން ޑޮލަރު
ސިއްޙީ އަދި ތަޢުލީމީ ބޭނުންތަކަށް: 7.3 މިލިއަން ޑޮލަރު

ބީއެމްއެލްއިން ފާހަގަކުރި ގޮތުގައި ބޭންކަށް މާރުކުރެވޭ ޑޮލަރާ އަޅާބަލާއިރު، މި މިންވަރަށް ރުފިޔާއިން ޑޮލަރު ވިއްކައިގެން ބޭރުވުމަކީ ދެމެހެއްޓެނިވި ކަމެއް ނޫނެވެ. އަދި ސެޕްޓެންބަރު މަހަކީ އާންމުކޮށްވެސް ޑޮލަރުގެ ތާށިކަން އެންމެ ބޮޑުވާ އެއް މަސް ކަމަށްވުމުން، ފާއިތުވި ދެ ހަފުތާގައި ޓީޓީ އާއި ބޭންކުތަކުގެ މެދުގައި ކުރެވޭ ޑޮލަރުގެ މުއާމަލާތްތަކަށް ވަނީ ލަސްތަކެއް ކުރިމަތިވެފައެވެ.


ނަމަވެސް، ޑޮލަރުގެ ހަރަދުތައް ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް އީ-ކޮމާސް މުއާމަލާތްތައް ލިމިޓްކޮށް، ޒަރޫރީ ބޭނުންތަކަށް އިސްކަންދޭން ފެށުމުން، ޑޮލަރުގެ އައުމާއި ދިޔުން އެއްހަމައެއްގައި ހިފެހެއްޓުމަށް މަގުފަހިވެފައިވާ ކަމަށް ބޭންކުން ބުނެއެވެ. މި ފިޔަވަޅުތަކާއެކު އަންނަ ހަފުތާ ނިމުމުގެ ކުރިން މުއާމަލާތްތައް ހެދުމުގައި ހޭދަވާ ވަގުތު އާންމު ހާލަތަކަށް ގެނެވޭނެ ކަމުގެ ޔަގީންކަން ބީއެމްއެލްއިން ވަނީ ދީފައެވެ.


މީގެއިތުރުން ބީއެމްއެލްއަކީ މާލީ ގޮތުން ނުހަނު ހަރުދަނާ ބޭންކެއްކަން ފާހަގަކޮށް، ބޭންކުން ބުނީ މިހާރު ދިމާވެފައިވާ ހާލަތަކީ ޑޮލަރުގެ ޑިމާންޑާއި ސަޕްލައިއާ ދެމެދު އުފެދިފައިވާ ވަގުތީ ނުތަނަވަސްކަމެއް ކަމަށެވެ. އަދި ކަސްޓަމަރުންނާއި މުޅި އިގްތިސާދުގެ މަސްލަހަތު ހިމާޔަތްކުރުމަށް އަބަދުވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށްވެސް އެ ބޭންކުން ބުންޏެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow