އައްޑޫ އިޤްތިޞާދީ މަހާސިންތާ: 500 އަށްވުރެ ގިނަ ފަރާތުން ބައިވެރިވުމަށް ރަޖިސްޓްރީވެއްޖެ

އައްޑޫ އިޤްތިޞާދީ މަހާސިންތާ: 500 އަށްވުރެ ގިނަ ފަރާތުން ބައިވެރިވުމަށް ރަޖިސްޓްރީވެއްޖެ

2 hours ago - 10:35
May 12, 2026 - 10:36

އައްޑޫ ސިޓީއަކީ ވިޔަފާރިވެރިންގެ ހަބެއްގެ ގޮތުގައި ތަރައްޤީކޮށް، އެ ސިޓީގެ އިޤްތިޞާދަށް ހަލުވި ބަދަލުތަކެއް ގެނައުމަށްޓަކައި ސަރުކާރުން ބާއްވާ ޚާއްސަ މަހާސިންތާގައި ބައިވެރިވުމަށް މިހާތަނަށް 500 އަށްވުރެ ގިނަ ފަރާތުން ރަޖިސްޓްރީވެފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ހާމަކުރައްވައިފިއެވެ.


ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ބަޔާނުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ދެއްވާފައިވާ އިސްކަމުގެ ދަށުން ބާއްވާ މި މަހާސިންތާ އޮންނާނީ މި މަހުގެ 13 އަދި 14 ވަނަ ދުވަހުއެވެ.


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، އައްޑޫ ސިޓީއަށް "އެކްސްލެރޭޓެޑް ޑިވެލޮޕްމެންޓެއް" ނުވަތަ ހަލުވި ތަރައްޤީއެއް ގެނައުމަށްޓަކައި 2027 އިން 2029 އަށް ޚާއްސަ އިނާޔާތްތަކެއް ދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. މި މަހާސިންތާ ބޭއްވުމުގެ މައިގަނޑު ބޭނުމަކީ ވިޔަފާރިވެރިންގެ ހުރި ކަންބޮޑުވުންތަކާއި އެފަރާތްތަކުން އެންމެ ބޭނުންވާ ކަންކަން ދެނެގަތުމެވެ.


"ވަޒީރުންގެ މަޖިލީހުގައި ވަރަށް ބޮޑަށް އެ ވާހަކަތައް ދެކެވި، ކޮބާތޯ ރަނގަޅު ނަތީޖާއެއް ނެރުމަށް އައްޑޫއަށް ޚާއްސަކޮށްގެން ދެވިދާނެ އިނާޔަތްތަކަކީ ކޮބާތޯ ކުރެވޭނެ ކަންތައްތައް ދެނެގަތުމަށް. މިސާލަކަށް ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، އެސްއެމްއީ އަދި ރީޓެެއިލްފަދަ ދާއިރާތަކަށް ޚާއްސަ ކަންތައްތަކެއް ކޮށްދިނީމަ އެ އަތޮޅުގައި ވިޔަފާރީގެ ކުރިއެރުމެއް އަންނަ ކަންތައްތައް ދެނެގަތުމުގެ މަސައްކަތްތައް ކުރުމަށް މަސައްކަތް ފެށުން،" ވަޒީރު ވިދާޅުވިއެވެ.


މި މަހާސިންތާގައި އައްޑޫގައި ތިބި ވިޔަފާރިވެރިންގެ އިތުރުން، މާލޭގައި ތިބި އައްޑޫގެ ވިޔަފާރިވެރިންނާއި، ފަތުރުވެރިކަމާއި އިމާރާތްކުރުން ފަދަ ދާއިރާތަކުގެ ފަންނީ ބޭފުޅުން ބައިވެރިވާނެއެވެ. މީގެ އިތުރުން ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުގެ އިސް ބޭފުޅުންނާއި އައްޑޫ ސިޓީގެ އިލްމީ ބޭފުޅުންވެސް މި ޑައިލޮގްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި މަހާސިންތާގައި ކުރެވޭ މަޝްވަރާތަކަށްފަހު، ވަޒީރުންގެ މަޖިލީހުގައި އެކަންކަން ދިރާސާކޮށް، ދޭނެ އިނާޔަތްތައް ކަނޑައަޅާނެއެވެ. އަދި މިއީ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށްގެންދާ މަސައްކަތެއް ކަމަށާއި، އައްޑޫގައި މި މޮޑެލް ކާމިޔާބުކަމާއެކު ތަންފީޒުކުރެވިއްޖެނަމަ، ރާއްޖޭގެ އެހެން ސަރަހައްދުތަކަށްވެސް މިފަދަ އިޤްތިޞާދީ މޮޑެލްތައް ތަޢާރަފްކުރުމަކީ ސަރުކާރުގެ ބޮޑު މަޤްސަދެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow