ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ޤަވާއިދުތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުންދަނީ: ބީސީސީ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ޤަވާއިދުތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުންދަނީ: ބީސީސީ

2 hours ago - 09:49

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ ގުޅުންހުރި ރެގިއުލޭޓަރީ ފްރޭމްވޯކްތައް ރިވިއުކޮށް، ގެންނަންޖެހޭ މުހިންމު އިޞްލާޙުތައް ގެނައުމަށްޓަކައި ކަމާގުޅޭ އިދާރާތަކާއެކު ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ޒިޔާއު މުޙައްމަދު ވިދާޅުވެއްޖެއެވެ.


ރާއްޖޭގައި ފާހަގަކުރާ ވިޔަފާރިވެރިންގެ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ޚާއްޞަ ބަޔާނެއްގައި ޒިޔާއު ވިދާޅުވީ، ދިވެހި ވިޔަފާރިވެރިންގެ ސާބިތުކަމާއި އީޖާދީ ވިސްނުމަކީ ޤައުމުގައި އައު ވަޒީފާތައް އުފައްދައި، އިޤްތިޞާދީ ކުރިއެރުމާއި އިޖުތިމާޢީ ލާބައަށް މަގުފަހިކޮށްދޭ މައިގަނޑު އަސާސް ކަމަށެވެ. އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ އިރުޝާދާއި، ތަމްރީނާއި، މާކެޓް ފުރުޞަތުތައް ފަހިކޮށްދިނުމުގައި ބީސީސީން އަބަދުވެސް ދެމިއޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


ޒިޔާއު ފާހަގަކުރެއްވި ގޮތުގައި، ޤަވާއިދުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމުގެ އިތުރުން، މެދުފަންތީގެ ވިޔަފާރިތައް އިތުރު ހަރުފަތަކަށް ގެންދިއުމަށް ބޭނުންވާ ކަންކަން ދެނެގަނެ، އެކަންކަން ފަހިކޮށްދިނުމަށް ޚާއްޞަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. މިއީ އިޤްތިޞާދުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދައުރު ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.


ދުނިޔޭގެ ވިޔަފާރީގެ މޮޑެލްތަކަށް އަންނަމުންދާ ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން ޒިޔާއު ވިދާޅުވީ، ޓެކްނޮލޮޖީގެ ކުރިއެރުމާއެކު ފަންނުވެރިންނާއި، ޑިޒައިނަރުންނާއި، ޑިވެލޮޕަރުން އަދި ފްރީލާންސަރުންނަށް އީޖާދީ ޚިޔާލުތައް ދެމެހެއްޓެނިވި ވިޔަފާރިތަކަށް ބަދަލުކުރުމުގެ ފުރުޞަތު މިހާރު ތަނަވަސްވެފައިވާ ކަމަށެވެ. ޚާއްޞަކޮށް، ރާއްޖެ ފަދަ ޖަޒީރާ ޤައުމަކަށް ޑިޖިޓަލް އަދި "ކްރިއޭޓަރ އިކޮނޮމީ" އަކީ ޒުވާނުންނަށް ބައިނަލްއަޤްވާމީ ބާޒާރުތަކަށް ވާސިލުވުމަށް ލިބޭ އަގުހުރި ރަނުގެ ފުރުޞަތެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ސަރުކާރުގެ ޑިޖިޓަލް ސިޔާސަތުގެ ދަށުން ތަރައްޤީކުރާ "ކްރިއޭޓަރ ހަބް" ގެ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ދިވެހި އުފެއްދުންތެރިންނަށް ލިބޭނެ މަގުފަހިކުރުމުގެ މަސައްކަތް ކުރިއަށްދާކަން ޒިޔާއު ހާމަކުރެއްވިއެވެ.


ވިޔަފާރިވެރިޔަކު ހުރި ރަށަކީ ނުވަތަ ތަނަކީ އޭނާއަށް ލިބެންޖެހޭ ފުރުޞަތުތަކަށް އެޅޭ ހުރަހަކަށް ވެގެންނުވާނެ ކަމަށް ވިދާޅުވެ، ވިޔަފާރީގެ އަޒުމުގައި ތިބި ޒުވާނުން މިހާރު ފަހިވަމުންދާ ފުރުޞަތުތަކުގެ ބޭނުން ފުރިހަމައަށް ހިފުމަށް ޒިޔާއު އިލްތިމާސްކުރެއްވިއެވެ. އަދި ރާއްޖޭގެ ވިޔަފާރީގެ މުސްތަޤްބަލު ބައްޓަންކުރުމުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބީސީސީ އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow