އެތެރޭގެ މުޢާމަލާތްތަކުގައި ހަމައެކަނި ރުފިޔާ ބޭނުންކޮށް ތަންފީޒުކޮށްފިނަމަ ޑޮލަރުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިދާނެ: ގަވަރުނަރު މުނައްވަރު
ރާއްޖޭގެ އިޤްތިޞާދީ މެކްރޯ އަސާސްތައް (ފަންޑަމެންޓަލްސް) ހިފެހެއްޓުމާއެކު، އެތެރޭގެ ހުރިހާ މުޢާމަލާތްތަކެއްގައި ހަމައެކަނި ދިވެހި ރުފިޔާ ބޭނުންކުރަން ފަށައި އެކަން ފުރިހަމައަށް ތަންފީޒުކޮށްފިނަމަ، ޤައުމަށް ކުރިމަތިވެފައިވާ އެމެރިކާ ޑޮލަރުގެ ތާށިކަމަށް ދާއިމީ ޙައްލެއް ލިބިދާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ޑޮލަރުގެ މައްސަލަ ޙައްލުކުރެވޭނީ ސަރުކާރުތަކުން ފަހަތަށް ނުޖެހި ހަރުދަނާ ފިޔަވަޅުތަކެއް އަޅައިގެން ކަމަށް އެމްއެމްއޭގެ ކުރީގެ ގަވަރުނަރު ޢަލީ ހާޝިމް ކުރިން ވިދާޅުވި ވާހަކަފުޅަކަށް އިޝާރާތް ކުރައްވަމުން ގަވަރުނަރު މުނައްވަރު ވިދާޅުވީ، ހަމައެކަނި ރުފިޔާ ބޭނުންކުރުމުގެ ސިޔާސަތު ނުވަތަ "ޑީ-ޑޮލަރައިޒޭޝަން" ކާމިޔާބުވާނީ އިޤްތިޞާދުގެ މައިގަނޑު އަސާސްތައް އެކުއެކީގައި ހަމައަކަށް އެޅުވިގެން ކަމަށެވެ. އެގޮތުން އެހެން މެކްރޯ އިޤްތިޞާދީ އަސާސްތައް ހިފެހެއްޓިފައިވާނަމަ، ހަމައެކަނި ދިވެހި ރުފިޔާ ބޭނުންކުރަން ފަށައި ތަންފީޒުކުރުމުން މި މައްސަލަ ޙައްލުކުރެވިދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި ނަމަވެސް، އެކަމުގެ އިތުރު ތަފްޞީލެއް ނުދެއްވައެވެ.
އިޤްތިޞާދީ ތަޖުރިބާކާރުން ފާހަގަކުރައްވާ ގޮތުގައި، ރާއްޖޭގައި ޑޮލަރުގެ ތާށިކަން ޙައްލުކުރުމަށްޓަކައި މާލީ ހަރުދަނާ އުޞޫލުތަކެއް ގެންގުޅުން ލާޒިމެވެ. އޭގެ ތެރޭގައި، އިތުރުވާ ދިވެހި ރުފިޔާގެ ސަބަބުން ބޭރު ފައިސާއަށް އޮންނަ ޑިމާންޑް ބޮޑުވިޔަ ނުދިނުމަށްޓަކައި ދައުލަތުގެ ރިކަރަންޓް ޚަރަދުތައް ކުޑަކުރުމާއި، މަރުކަޒީ ބޭންކުން ފައިސާ ޗާޕުކުރުން ހުއްޓާލުން ހިމެނެއެވެ. އަދި އިޤްތިޞާދުގައި އިތުރުވެފައިވާ ފައިސާ އަނބުރާ ނަގައި، ބޭރު ފައިސާގެ ސާފު ރިޒާވް މަތިކުރުމާއި، ފަތުރުވެރިކަމުގެ ރިސޯޓުތައް ފަދަ ބޮޑު އާމްދަނީއެއް ހޯދާ ފަރާތްތަކުން ބޭރު ފައިސާ ރާއްޖެއަށް އެތެރެކުރުމުގެ ޤަވާޢިދުތައް ހަރުކަށިކޮށް ތަންފީޒުކުރަންޖެހޭ ކަމަށްވެސް ތަޖުރިބާކާރުން ދެކެއެވެ.
އެމްއެމްއޭއިން ޤަބޫލުކުރާ ގޮތުގައި ރާއްޖޭގެ އެތެރޭގެ މުޢާމަލާތްތަކުގައި ޑޮލަރުގެ ބަދަލުގައި ރުފިޔާ ބޭނުންކުރުން މަޖުބޫރުކުރުމަކީ ޑޮލަރަށް އޮންނަ ޑިމާންޑް ދަށްކުރުމަށް އެޅިދާނެ ވަރަށް މުހިންމު ފިޔަވަޅެކެވެ.
މި މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީގެ ވަކި މިންވަރެއް ރާއްޖޭގެ ބޭންކުތަކަށް މާރުކުރުން މިހާރު ވަނީ މަޖުބޫރުކޮށްފައެވެ. އެގޮތުން، ކެޓަގަރީ "އޭ" ގެ ރިސޯޓުތަކުން އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު ނުވަތަ ޖުމްލަ އާމްދަނީގެ 20 އިންސައްތަ މާރުކުރަންޖެހޭއިރު، ކެޓަގަރީ "ބީ" ގެ ގެސްޓްހައުސްތަކާއި ސަފާރީތަކުން ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރު މާރުކުރަންޖެހެއެވެ.
މުނައްވަރު ފާހަގަކުރެއްވި ގޮތުގައި ރިސޯޓުތަކަށް ލިބޭ ޑޮލަރު ރާއްޖޭގެ މާލީ ނިޒާމުގެ ތެރޭގައި ދައުރުވުމަކީ މުޅި އިޤްތިޞާދަށް އޭގެ ފައިދާކުރާނެ ކަމެކެވެ. އަދި މި ފިޔަވަޅުތަކާއެކު ރާއްޖޭގެ ރިޒާވަށް އެދެވޭ ކުރިއެރުމެއް ލިބެމުންދާކަން ތަފާސްހިސާބުތަކުން ދައްކައެވެ.
ރާއްޖޭގެ އިޤްތިޞާދަކީ މައިގަނޑު ގޮތެއްގައި ފަތުރުވެރިކަމަށް ބަރޯސާވާ، އަދި ކާތަކެއްޗާއި އާންމު މުދަލުގެ ބޮޑު ބައެއް ބޭރު ޤައުމުތަކުން އިމްޕޯޓްކުރަންޖެހޭ އިޤްތިޞާދަކަށް ވާތީ، ޑޮލަރުގެ ދައުރުވުން ހަރުދަނާކުރުމަކީ ރާއްޖޭގެ މާލީ ނިޒާމުގެ ހަމަޖެހުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ރިއެކްޝަންސް





