ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ދުވަހު ހުޅުމާލޭގެ ބޮޑު މިސްކިތުގެ ބިންގާ އެޅުމަށް ތައްޔާރުވަނީ

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ދުވަހު ހުޅުމާލޭގެ ބޮޑު މިސްކިތުގެ ބިންގާ އެޅުމަށް ތައްޔާރުވަނީ

2 hours ago - 09:42
Advertisement
Advertisement

ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް، ސަރުކާރުން ހުޅުމާލޭގައި ތަރައްޤީކުރާ ބޮޑު މިސްކިތުގެ ބިންގާ އެޅުމަށް މަސައްކަތްކުރަމުންދާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.


ވަޒީރު ޑރ. ޝަހީމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުޅުމާލޭގައި ބިނާކުރާ މި ބޮޑު މިސްކިތް ވެގެންދާނީ ރާއްޖޭގެ އިސްލާމީ ޙަޟާރަތުގެ މުއްސަނދި ތާރީޚާއި ފަރުމާވެރިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ރަމްޒުކޮށްދޭނެ ބިނާއަކަށް ކަމަށެވެ. އަދި މި މަރުކަޒަކީ އީމާންކަމާއި، ޢިލްމާއި، އިސްލާމީ ވަޙްދަތާއި މުޖުތަމަޢުގެ މުހިންމު ހަބަކަށް ވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


އަންނަ މަހު ފާހަގަކުރާ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މިސްކިތުގެ ބިންގާ އެޅުމަށްޓަކައި ވުޒާރާއިން ފުރިހަމަކުރަންޖެހޭ ހުރިހާ ތައްޔާރީތަކެއް ވަމުން އަންނަކަން ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، މި މަރުކަޒު ވެގެންދާނީ 900 އަހަރުވީ ދިވެހިންގެ އިސްލާމީ ތާރީޚާއި، އީމާންތެރިކަމާއި، ޢިލްމީ ޚިދުމަތްތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭނެ އަގުހުރި ތަރިކައަކަށް ކަމަށެވެ.


ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި އިޢުލާންކުރެއްވި މި މަޝްރޫޢަކީ ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހި ގުޅޭ ސަރަޙައްދުގައި ތަރައްޤީކުރާ މިސްކިތެކެވެ. މި މިސްކިތް އެޅުމަށް ބޭނުންވާ ބިން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ރަސްމީކޮށް ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.


މި ބޮޑު މިސްކިތް އެޅުމަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ސަޢޫދީ ޢަރަބިއްޔާގެ މަޝްހޫރު އަލްރާޖިޙީ ކުންފުންޏާއެކު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ޚާއްޞަ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.
މިސްކިތުގެ އިތުރުން، އެ ސަރަޙައްދުގައި ކީރިތި ޤުރުއާނާ ބެހޭ ޚާއްޞަ މަޢުރަޒަކާއި، އިސްލާމީ އެކި ޚިދުމަތްތަކަށް ބޭނުންވާ ޒަމާނީ ގިނަ ވަސީލަތްތަކެއް ޤާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement