ވިލިމާލޭގެ ބިމާ ގުޅޭގޮތުން މަޝްވަރާކުރަން ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުން ހޫނުވެއްޖެ

ވިލިމާލޭގެ ބިމާ ގުޅޭގޮތުން މަޝްވަރާކުރަން ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުން ހޫނުވެއްޖެ

59 minutes ago - 09:40
Aug 22, 2026 - 09:43
Advertisement
Advertisement

ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކުރުމުގެ ނަމުގައި، އެ އަވަށުގެ ބިމާބެހޭ މުހިންމު ނިންމުންތަކެއް ނިންމުމަށް މަދު ބަޔަކާއެކު މާލެ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުން ވަރަށް ބޮޑަށް ހޫނުވެއްޖެއެވެ.


މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުން ހޫނުވީ، ވިލިމާލޭގެ ބިމުގެ ޕްލޭނާ ގުޅޭގޮތުން މަޝްވަރާކުރުމަށް ގިނަ ރައްޔިތުންނަށް އެކަށީގެންވާ ފުރުޞަތު ނުދީ، މަދު ބަޔަކު ހިމަނައިގެން އެފަދަ ބޮޑު ނިންމުމެއް ނިންމަން އުޅުމުންނެވެ. މި ބައްދަލުވުމުގައި 100 އެއްހާ މީހުންވެސް ހަމަނުވާކަން ފާހަގަކޮށް، ބައްދަލުވުމަށް ދިޔަ އާންމުން ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ.


ހިތްހަމަނުޖެހުން ފާޅުކުރި ރައްޔިތަކު ބުނި ގޮތުގައި، އިންތިޚާބު ދުވަސްވަރު ވޯޓު ހޯދަން ރައްޔިތުން ކައިރިއަށް އައި ނަމަވެސް، މަޤާމަށް އިންތިޚާބުވުމަށްފަހު ރައްޔިތުން އުޅޭ ހާލު ބެލުމުގައި ސިޓީ ކައުންސިލުން ވަނީ އިހުމާލުވެފައެވެ. އަދި ބިމާ ބެހޭ ޕްލޭނެއް ފަދަ މުހިންމު ކަމެއް ކުރިއަށް ގެންދަންވާނީ މިއަށްވުރެ ފުޅާ ދާއިރާއެއްގައި ގިނަ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން ކަމަށްވެސް އޭނާ ބުންޏެވެ.


މީގެއިތުރުން ބައްދަލުވުމުގައި ވާހަކަދެއްކި އެހެން މީހަކު ވަނީ، ވިލިމާލޭގައި ފްލެޓް އެޅުމަށްޓަކައި ގަސް ކެނޑުމާ ދެކޮޅަށް އަޑުއުފުލި ފަރާތްތަކާ ސިޓީ ކައުންސިލުން ބައްދަލުކުރިއިރު، އެ އަވަށުގެ އާންމު ރައްޔިތުންނާ ބައްދަލުނުކުރާ ކަމަށް ބުނެ ފާޑުކިޔާފައެވެ. އަދި ސިޔާސީ ޕާޓީ (އެމްޑީޕީ) ގެ ހަރަކާތްތަކަށް މޭޔަރަށް ވަޑައިގެންނެވުނު ނަމަވެސް، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެހުމަށް ވަގުތު ނުވާކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރިއެވެ. އަދި ސަރުކާރުން ރައްޔިތުންނަށްޓަކައި ކުރާ ކަންކަމަށް ހުރަސްއެޅުމަކީ ވިލިމާލޭގެ ރައްޔިތުންނަށް އެޅޭ ހުރަހެއް ކަމަށާއި، މި ބައްދަލުވުމަށް އެމްޑީޕީގެ ކައުންސިލަރުން ވަޑައިނުގެންނެވީ ރައްޔިތުންގެ ފާޑުކިޔުން އަމާޒުވާނެތީ ކަމަށްވެސް ބައެއް ރައްޔިތުން ބުންޏެވެ.


މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި ބައްދަލުވުމުގައި ރައްޔިތުން ވަރަށް ބޮޑަށް ރުޅިގަދަވެ އަޑުގަދަކުރީ، މޭޔަރާ ބައްދަލުކުރުމުގެ ނަމުގައި ބޭއްވި މި ބައްދަލުވުމަކީ ވިލިމާލޭގެ މުހިންމު ބިންތަކާމެދު މަދު ބަޔަކު ގޮތް ނިންމުމަށް ރޭވި ކަމެއްގެ ގޮތުގައި ފެނިގެން ދިއުމުންނެވެ. އަދި މި ބައްދަލުވުމުގައި ވިލިމާލެއާމެދު ސިޓީ ކައުންސިލުން ވެފައިވާ އެކިއެކި އިހުމާލުތަކުގެ ވާހަކަ ދައްކައި، ރައްޔިތުން ވަނީ ކައުންސިލްގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement