ޣައްޒާއަށް މިއަދު ދަތުރުފަށާ ގްލޯބަލް ސުމޫދް ފްލޮޓީލާގެ މިޝަން އާ ބެހޭގޮތުން އެނގެން ބޭނުންތަ!
ގްލޯބަލް ސުމޫދް ފްލޮޓީލާގެ ޕޯސްޓަރެއް

ޣައްޒާއަށް މިއަދު ދަތުރުފަށާ ގްލޯބަލް ސުމޫދް ފްލޮޓީލާގެ މިޝަން އާ ބެހޭގޮތުން އެނގެން ބޭނުންތަ!

50 އަށް ވުރެ ގިނަ ބޯޓް ޣައްޒާ ބްލޮކޭޑް ފުނޑާލުމަށް ދަތުރުކުރާނެ

14 hours ago - 16:57
Aug 31, 2025 - 17:02

އިޒްރާއިލްއިން ޣައްޒާގައި ޤާއިމްކޮށްފައިވާ 18 އަހަރުވީ ޣައިރުޤާނޫނީ 'ބްލޮކޭޑް ފުނޑާލާ' އިޒްރާއިލްއިން ބަނޑަށް ޖައްސުވާފައިވާ ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީގެ ދޮރުތައް ހުޅުވުމުގެ މަޤްޞަދުގައި ބައިނަލްއަޤުވާމީ ބޮޑު ފްލީޓެއް މިއަދު ކަނޑުމަގުން ޣައްޒާއަށް ދިއުމަށް ފުރާނެއެވެ. 

މި ގާފިލާގައި 50ށް ވުރެ ގިނަ އުޅަނދު ކަނޑުމަގުން ދަތުރުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މައި ބޯޓް މިއަދު ސްޕެއިންގެ ބާސެލޯނާއިން ފުރާނެއެވެ. އެކި ސަރަހައްދުން ބޯޓްތައް މެޑިޓެރޭނިއަން ކަނޑުން ބައްދަލުކުރާއިރު އަންނަ މަހު 4 ވަނަ ދުވަހު ތޫނިސް އިން ގިނަ ބޯޓްތަކެއް ފުރުމަށް ވަނީ ހަމަޖެހިފައެވެ. ބެލެވޭ ގޮތުގައި ބާސެލޯނާއިން ފުރާ ބޯޓްވެސް ތޫނިސްގައި ބަނދަރުކުރާނެއެވެ.  ތޫނިސް އިން ނައްޓާލުމަށްފަހު 7 ނޫނީ 8 ދުވަހުގެ ތެރޭގައި ޣައްޒާއަށް ބަނދަރުކުރެވޭނެކަމަށް ލަފާކޮށްފައިވެއެވެ.

މުޅިންވެސް އާންމުން ދަތުރުކުރާ މި އުޅަނދުތަކުގައި ޒަރޫރީ އިންސާނީ އެހީއާއެކު ދުނިޔޭގެ ގިނަ ގައުމުތަކުން ޑޮކްޓަރުންނާއި, އިންސާނީ ހައްގުތަކުގެ ދިފާއުގައި މަސައްކަތްކުރާ އެކްޓިވިސްޓުންގެ އެތައްސަތޭކަ ބަޔަކު ބައިވެރިވާނެއެވެ.

މި މިޝަން ރާވާ ހިންގަނީ ގްލޯބަލް ސުމޫދް ފޮލޮޓީލާ ކިޔާ ހަތަރު ޖަމާއަތެއް ގުޅިގެން އުފައްދާފައިވާ މޫވްމެންޓަކުންނެވެ. މިއީ ކަނޑުމަގުން އިންސާނިއްޔަތު ކަމުގެ ބިޔަ މެސެޖާއެކު ދަތުރުކުރާ މިފަދަ އެންމެ ބޮޑު ގާފިލާއެެވެ. އެ ޖަމާއަތުން ބުނާގޮތުގައި ޖުމްލަ 44 ގައުމަކުން މިހަރަކާތާ ވަނީ ގުޅިފައެވެ. މާނައަކީ އެ ގައުމުތަކުގެ އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބައިވެރިވުމެވެ. ފަހަރެއްގައިވެސް ސަރުކާރުތަކުގެ ބައިވެރިވުން އޮތުމެއް ނޫނެވެ. 

Advertisement

6 ބައްރަކުން 44 ގައުމުން ބައިވެރިން މި ޤާފިލާއާ ގުޅިފައި ވާއިރު އޭގެތެރޭގައި އޮސްޓްރޭލިއާ, ބްރެޒިލް, ދެކުނު އެފްރިކާ އަދި ވިލާތުގެ ގިނަ ގައުމުތަކުން ބައިވެރިންވަނީ  ހަރަކާތާއި ގުޅިފައެވެ. ސުމޫދް ނުސަންތަރާގެ ކުޑައިގެ ދަށުން މެލޭޝިއާއިން އެންމެ ބޮޑު ރޯލެއް އޭޝިއާ ސަރަހައްދުން މިކަމުގައި އަދާކުރާއިރު އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެއަކީވެސް މި ޤާފިލާގެ ފަހުރުވެރި ބައިވެރިއެކެވެ.

ގްލޯބަލް ސުމޫދު ފްލޮޓީލާ އުފެދިފައިވާ ގޮތް;

  • ގްލޯބަލް މޫވްމަންޓް ޓު ޣައްޒާ: ކުރިން ކިޔާގޮތުން މިއީ ގްލޯބަލް މާޗް ޓު ޣައްޒާއެވެ. މިއީވެސް ހަމަ އާދައިގެ ރައްޔިތުން ގުޅިގެން ޣައްޒާ ބްލޮކޭޑް ނައްތާލުމަށް އުފައްދާ މަސައްކަތްކުރަމުންދާ ޖަމާއަތެކެވެ.
  • ފްރީޑަމް ފްލޮޓީލާ ކޯލިޝަން (އެފްއެފްސީ): މިއީ ކަނޑުގެ މިފަދަ މިޝަންތައް ހިންގުމުގައި 15 އަހަރުގެ ތަޖުރިބާއާއެކު އެންމެ ފަހުންވެސް ޣައްޒާ ބްލޮކޭޑްއާ ޗެލެންޖްކުރުމަށް އުޅަނދުތައް ފޮނުވި ޖަމާއަތެވެ. މިއަހަރުގެ ތެރޭގައި ވެސް އެފްއެފްސީގެ ތިން އުޅަނދެއް (ކޮންސައިންސް, މެޑްލީން އަދި ހަންޑަލާ) ވަނީ ޣައްޒާގެ ބްލޮކޭޑް ނައްތާލުމަށް ވިލާތުން ޣައްޒާއަށް ދަތުރުކޮށްފައެވެ. ނަމަވެސް ކޮންމެފަހަރަކުވެސް އިޒްރާއިލްއިން އެ ބޯޓްތަކަށް އަރައިގަނެ އޭގައި ތިބި އެންމެން ވަނީ ރަހީނުކޮށްފައެވެ. މިފަހަރު އެފްއެފްސީން އޮޕްރޭޝަނަލް ސަޕޯޓް އަދި މުޅި ދަތުރުގެ އެންމެހާ ކަންކަމުގައި އެއްމެ އިސްކޮށް ބައިވެރިވާނެއެވެ.
  • މަޤްރެބް ސުމޫދު ފްލޮޓީލާ: ކުރިން ކިޔާގޮތުންނަމަ މިއީ ސުމޫދް ކޮންވޯއީ އެވެ. އިރުމަތީ އެފްރިކާގައި ޤާއިމްކޮށްފައިވާ މިޖަމާއަތަކީ ފަަލަޞްޠީނުގެ ހައްޤުގައި ގިނަ މިޝަންތަކެއް ހިންގާފައިވާ ޖަމާއަތެކެވެ.
  • ސުމޫދް ނުސަންތަރާ: މިއީ މެލޭޝިއާގެ އިސް ނެގުމުގެ ދަށުން އިތުރު 8 ގައުމަކާއެކު ޣައްޒާގެ ހިޞާރު ނައްތާލާ އިންސާނީ އެހީއަށް ޣައްޒާ ބަންދުކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނައުމަށް އުފައްދާފައިވާ ޖަމާއަތެކެވެ

ކުރިންވެސް ފާހަގަކުރި ގޮތަށް މިއީ އެއްވެސް ޤައުމެއްގެ ސަރުކާރަކުން ބާރުލިބިގެން ނުވަތަ ތާއީދުކޮށްގެން ހިންގާ ހަރަކާތެއް ނޫނެވެ. މިކަމުގެ އަޑީގައި ސިޔާސީ ފަރާތެއް ނުވަތަ ނުފޫޒުގަނަ މީހަކުވެސް ނެތެވެ. މިއީ ފަލަޞްޡީނަށްޓަކައި އިންސާނިއްޔަތުކަން ދުނިޔެއިން އަދި މަރުނުވާ ކަމުގެ ހެއްކެއްގެ ގޮތުގައި ތިބި ކެރޭ މަދު މީސްކޮޅެއްގެ އަމިއްލަ އެދުމެއްނެތް ލޯތްބެވެ. 

މިކަން އިންތިޒާމްކުރުމުގައި ތިބީ ޑޮކްޓަރުންނާއި, އާޓިސްޓުންނާއި, ދަތުރުވެރިންނާއި ޑޮކްޓަރުން, އަދިވެސް  އެފަދަ ޕްރޮފެޝަން ތަކުގައި ތިބި އާންމުންނެވެ.

މި ހަރަކާތުގެ ސްޓިއަރިން ކޮމިޓީގައި ހިމެނެނީ މަޝްހޫރު ތިމާވެށި އެކްޓިވިސްޓް ގްރޭޓާ ތަމްބާގް, ހިސްޓޯރިއަން ކްލޭނިކީ އަލެޒެޕޯލޫ, އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޔާސްމީން އަޗަރް, ސޯޝަލް އެންވަޔަރަމެންޓަލިސްޓް ތިއާގޯ އަވީލާ, ޕޮލިޓިކަލް ސައިންޓިސްޓް އަދި ޤާނޫނީ ވަކީލު މެލަނީ ޝްވޭޒާ, ސޯޝަލް ސައިންޓިސްޓް ކަރެން މޮއީނިހަން, ސައިސިސިސް މަރީއާ އެލީނާ ޑެލިއާ, ފަލަޞްޠީނުގެ އެކްޓިވިސްޓް ސައިފް އަބޫކެޝެކް, އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މުޙައްމަދު ނާދިރް އަލް-ނޫރީ ގެ އިތުރުން އިތުރު ހަތަރު ނފަރާތެކެވެ. މީގެ ތެރެއިން ބައެއް ފަރާތްތަކަކީ އެފްއެފްސީފެ ބޯޓް މެޑްލީންގައި ޣައްޒާއަށް ދަތުރުކޮށް އިޒްރާއިލްގެ ޖަލުތަކުގައި އަނިޔާ ދިން ފަރާތްތަކެވެ. 

މި ހަރަކާތާ ގުޅުމަށް އެތައްހާސް ބަޔަކު ވަނީ ރަޖިސްޓްރީކޮށްފައެވެ. ނަމަވެސް ބޯޓްތަކުގައި ދަތުރުކުރާނީ އޭގެ ތެރެއިން މަދު ދެތިންސަތޭކަ މީހުންނެވެ. 

ފުރާނީ ކޮންއިރަކުން!

މައިބޯޓް ފުރުމަށް ހަމަޖެހިފާއިވާ ބާސެލޯނާގެ ކެޓަލޯނިއާގެ ބަނދަރުގައި ސްޓިއަރިން ކޮމިޓީން މިއަދު ވަނީ ނޫސްކޮންފަރެންސް އެއް ބާއްވާފައެވެ. ބައެއް ބޯޓްތަކަށް އަދި ފުރުމުގެ ކްލިއަރެންސް ސަލާމަތީ ބައެއް ސަބަބުތަކާހެދި ލިބިފައެއް ނުވެއެވެ. މިއަދު ރާއްޖެގަޑިން ހަވީރުގެ ވަގުތެއްގައި މައިބޯޓް ބާސެލޯނާއިން ނައްޓާލުމުގެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ކުރިއަށެވެ. 3000 ކިލޯމީޓަރު (1620 ނޯޓިކަލް މޭލު) ގެ ރާސްތާއަކަށް ފަހު ޣައްޒާއަށް ބޯޓްތައް ފޯރުމަށް 7 ނޫނީ 8 ދުވަސް ހޭދަވާނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow