މަސައްކަތް ލަސްވެދާނެތީ ފުވައްމުލަކުގައި ތާރުއަޅަން ސަބް ކޮންޓްރެކްޓަރެއް ހޯދަނީ: މިނިސްޓަރު މުއްޠަލިބް
ފުވައްމުލައް ސިޓީގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކުރަމުންދާ ކަމަށާއި، މި މަސައްކަތް އަވަސްކުރުމަށްޓަކައި ސަބް ކޮންޓްރެކްޓަރެއް ހޯދުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާ ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިން (އިއްބެ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މެންބަރު އިއްބެ ފާހަގަކުރެއްވި ގޮތުގައި، ފުވައްމުލައް ސިޓީގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ކުރާތާ 2 އަހަރު ވެގެންދިޔައިރު ވެސް އެންމެ މަގެއްގައި ވެސް ތާރު އެޅިފައި ނުވާތީ އެކަމަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ފެށޭނީ ކޮން ދުވަހަކުންތޯ މެންބަރު އިއްބެ ވަނީ ސުވާލު ކުރައްވާފައެވެ.
މެންބަރު އިއްބެގެ ކަންބޮޑުވުންތަކާ ގުޅިގެން މިނިސްޓަރު މުއްޠަލިބް ވިދާޅުވީ، މަގުތަކުގައި ތާރުއެޅުމަށްޓަކައި މިވަގުތު އެމްޓީސީސީން އެއްވަގުތެއްގައި އެހެން ރަށްރަށުގައި ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން، ފުވައްމުލަކުގެ މަސައްކަތް ލަސްވެދާނެތީ އެކަން ހައްލުކުރުމަށްޓަކައި، ސަބް ކޮންޓްރެކްޓް ކޮށްގެން އެ މަސައްކަތް ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް އެމްޓީސީސީން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ، ތާރުއެޅުމަކީ މަގު ހެދުމުގެ އެންމެ ފަހުގެ މަރުހަލާ ކަމަށެވެ. އަދި ތާރުއެޅުމުގެ ކުރިން މަގުތަކުގެ ދެފަރާތުގެ ސައިޑް ވޯކްސް އާއި ބިމުގެ އަޑިން ކުރަންޖެހޭ އަންޑަރގްރައުންޑް މަސައްކަތްތައް ފުރިހަމަކުރަން ޖެހޭ ކަމަށާއި، އެ މަސައްކަތްތައް އެމްޓީސީސީން މިހާރު ވެސް ކުރަމުން އަންނަ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ފުވައްމުލައް ސިޓީގެ މަގުތަކުގައި ތާރު ނޭޅި ގިނަ ދުވަސްތަކެއް ވެގެންދިއުމުގެ ސަބަބުން ދަތުރުފަތުރު ކުރުމުގައި ރައްޔިތުންނަށް އަންނަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހެމުންނެވެ.
ރިއެކްޝަންސް

