ގޭސް ވަޅަށް ޙަމަލާ ދިނުމުން އީރާނުން ގަލްފުގެ ސަރަހައްދުތަކަށް މިސައިލް ހަމަލާތަކެއް ދީފި
ޞަހްޔޫނީ ދައުލަތުން އީރާނުގެ 'ދެކުނު ޕާސް' ގޭސް ދަނޑުތަކަށް ދިން ނުރައްކާތެރި ހަމަލާގެ ބަދަލުހިފުމުގެ ގޮތުން، ގަލްފް ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ސައޫދީ އަރަބިއްޔާ އަދި ގަތަރުގެ ހަކަތައިގެ ވަސީލަތްތަކަށް އީރާނުން ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފިއެވެ.
ޔަހޫދީންނާއި އެމެރިކާ ގުޅިގެން ފެށި މި ހަނގުރާމަ މުޅި ސަރަހައްދަށް ފެތުރިފައިވާއިރު، ދުނިޔޭގެ އިގްތިސާދީ މުހިންމު މަގެއް ކަމުގައިވާ ހުރްމުޒް ކަނޑުއޮޅި މިހާރު ވަނީ ބަންދުވެފައެވެ. މީގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ބޮޑު ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.
އީރާނުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، މި ހަމަލާތަކަކީ އެމެރިކާގެ ފުރިހަމަ ތާއީދާއެކު ސަހްޔޫނީން ހިންގި ޖަރީމާތަކަށް ދެވޭ ހައްގު ރައްދެކެވެ. މި ހަމަލާތަކުގެ ތެރެއިން ގަތަރުގެ ރާސު ލިއްފާން ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ސައޫދީ އަރަބިއްޔާއިން ބުނެފައިވަނީ ރިޔާޟަށް އަމާޒުކޮށް އީރާނުން ފޮނުވާލި ހަތަރު ބެލިސްޓިކް މިސައިލެއް އެ ގައުމުގެ ދިފާއީ ނިޒާމުން ހުއްޓުވައި ވައްޓާލާފައިވާ ކަމަށެވެ.
މީގެ އިތުރުން، އެކުވެރި އަރަބި އިމާރާތުގެ (ޔޫއޭއީ) އަލް-ހަޞްނު ތެޔޮ ވަޅަށާއި ސައޫދީ އަރަބިއްޔާގެ ތެޔޮ ސާފުކުރާ ދެ ކާރުޚާނާއަކަށް ކުރިއަށް އޮތް ތަނުގައި ހަމަލާދޭނެ ކަމުގެ އިންޒާރުވެސް އީރާނުން ވަނީ ދީފައެވެ.
މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ. އެގޮތުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު މިހާރު ވަނީ 108 އެމެރިކާ ޑޮލަރަށްވުރެ މައްޗަށް އުފުލިފައެވެ. އަދި އެމެރިކާގެ ބާޒާރުގައި ޑީސަލް ލިޓަރެއްގެ އަގު 5 ޑޮލަރަށްވުރެ މައްޗަށް އަރައި، އާންމު ދިރިއުޅުމަށް ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.
މި ހަމަލާތަކާއެކު މުޅި މެދުއިރުމަތީގެ މަސްރަހު ވަނީ ނުތަނަވަސްވެ، ބޮޑު ހަނގުރާމައެއްގެ ބިރުވެރިކަން މުޅި ދުނިޔެއަށް ފެތުރިފައެވެ.
ރިއެކްޝަންސް





