ދިވެހިންނަށް ޚާއްސަ ވިޔަފާރީގެ ދާއިރާތަކުގައި ހަރަކާތްތެރިވި ބޭރުގެ 28 ކުންފުންޏެއް އުވާލައިފި
ދިވެހިންނަށް ޚާއްސަކޮށްފައިވާ ވިޔަފާރީގެ ދާއިރާތަކުގައި ހަރަކާތްތެރިވުމަށް ރަޖިސްޓްރީކޮށްފައިވާ ބޭރުގެ 28 ކުންފުންޏެއް އުވާލައިފިއެވެ.
މި ކުންފުނިތައް އުވާލާފައިވަނީ ކުންފުނިތަކާ ބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރަރ އޮފް ކޮމްޕެނީސްއަށް ލިބިފައިވާ ބާރުގެ ދަށުން، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިންނެވެ. އަދި އުވާލި ކުންފުނިތަކުގެ ލިސްޓު އެ ވުޒާރާއިން މިހާރު ވަނީ ޢާންމުކޮށް ޝާއިއުކޮށްފައެވެ.
މި ފިޔަވަޅު އަޅާފައިވަނީ 2024 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤު ކުރެއްވި އައު ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން އެކުލަވާލައި، މިދިޔަ އަހަރު ޝާއިއުކުރި "ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަރމެންޓްސް" ނުވަތަ ދިވެހިރާއްޖޭގައި އިންވެސްޓް ކުރުމުގެ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
އިޤްތިޞާދީ ވުޒާރާއިން ވިދާޅުވީ، ދިވެހިންނަށް ޚާއްސަކުރި ވިޔަފާރިތަކުގައި މިހާރުވެސް އިންވެސްޓްކޮށްފައިވާ ފަރާތްތަކަށް ގެއްލުން ނުވާނެހެން، އެ ދާއިރާތަކުން ނިކުތުމަށް ނުވަތަ ފުރުސަތު އޮތް އެހެން ދާއިރާތަކަށް ބަދަލުވުމަށް މުއްދަތެއް ދެވުނު ކަމަށެވެ. އަދި ބޭރުގެ މި ކުންފުނިތައް އުވާލާފައިވަނީ މިކަމާ ގުޅޭ އެންމެހައި އިޖުރާއަތްތަކާއި ޤާނޫނީ ހަމަތައް ފުރިހަމަކުރުމަށްފަހުގައެވެ.
އައު އިންވެސްޓްމެންޓް ޝަރުތުތަކުގެ މައިގަނޑު އަސާސަކީ ދިވެހިން ކުރިއަރަމުން އަންނަ ދާއިރާތައް ދިވެހިންނަށް ޚާއްސަކުރުމާއި، ބޭރުގެ ތަޖުރިބާ ބޭނުންވާ ދާއިރާތަކުން ބޭރުގެ އިންވެސްޓަރުންނަށް ފުރުސަތު ފަހިކޮށްދިނުމެވެ. މީގެ އިތުރުން، ބައެއް ދާއިރާތަކުގައި ދިވެހި ހިއްސާދާރަކާ ނުލައި ވިޔަފާރި ނުކުރެވޭ ގޮތަށް އަދި ޖޮއިންޓް ވެންޗަރ އުސޫލުން ފުރުސަތުތައް ވަނީ ކަނޑައަޅާފައެވެ.
މި އުސޫލުގެ ދަށުން ދިވެހިންގެ ޤާބިލުކަން އިތުރު ދާއިރާތައް ކަމަށްވާ ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި، ލޮޖިސްޓިކްސް، ކަނޑު ދަތުރުފަތުރުގެ ޚިދުމަތް، ބަންކަރިންގެ ޚިދުމަތް، 15 މިލިއަން ޑޮލަރުން ދަށުގެ ކޮންސްޓްރަކްޝަން މަޝްރޫޢުތައް އަދި 100 މިލިއަން ޑޮލަރުން ދަށުގެ ރިއަލް އެސްޓޭޓް މަޝްރޫޢުތަކުގައި ބޭރު ފަރާތްތަކަށް އިންވެސްޓް ކުރުމުގެ ފުރުސަތު ވަނީ ހަނިކޮށް ނުވަތަ ދިވެހިންނަށް ޚާއްސަކޮށްފައެވެ.
ރާއްޖޭގެ ފޮރިން އިންވެސްޓްމެންޓް ޤާނޫނަށް 45 އަހަރަށް ފަހު ބޮޑެތި ބަދަލުތަކެއް ގެނެސް އައު ޤާނޫނެއް އެކުލަވާލުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި އިންވެސްޓަރުންނަށް ފަހި މާހައުލެއް ޤާއިމުކޮށްދިނުމާއެކު، ދިވެހި ވިޔަފާރިވެރިންނަށް ވާދަވެރި މާހައުލެއްގައި ކުރިއަށްދިއުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް އިޤްތިޞާދީ ވުޒާރާއިން ފާހަގަކުރެއެވެ.
ރިއެކްޝަންސް

