ހަކުރުބައްޔަށް ފަރުވާ ހޯދާ މީހުންގެ އަދަދު 7،000 އިން މައްޗަށް

ހަކުރުބައްޔަށް ފަރުވާ ހޯދާ މީހުންގެ އަދަދު 7،000 އިން މައްޗަށް

13 hours ago - 16:16

ރާއްޖޭގައި ހަކުރުބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު 7،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށާއި، މިއީ ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތަކުގައި މީހުން މަރުވާ ތިންވަނައަށް އެންމެ އާންމު ސަބަބު ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ކޮންމެ އަހަރެއްގެ ނޮވެމްބަރު 14 ގައި ފާހަގަކުރާ ދުނިޔޭގެ ހަކުރުބަލީގެ ދުވަހާ ގުޅިގެން އެޗްޕީއޭ އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި:

  • ޓައިޕް 2 ޑައިބެޓީސް: ދިރިއުޅުމުގެ ވައްޓަފާޅިއާއި ފަލަވުމުގެ ސަބަބުން މި ބާވަތުގެ ހަކުރުބަލި ޖެހިގެން 7،000 އަށް ވުރެ ގިނަ މީހުން އަންނަނީ ފަރުވާ ހޯދަމުންނެވެ.
  • ޓައިޕް 1 ޑައިބެޓީސް: ހަށިގަނޑުގައި އިންސިއުލިން އުފައްދައިނުދޭ މި ބައްޔަށް 300 އެއްހާ މީހުން ފަރުވާ ހޯދަ އެވެ.
  • މާބަނޑު ދުވަސްވަރު ހަކުރު މަތިވުން: މި ހާލަތާ ގުޅިގެން އަހަރަކު ގާތްގަނޑަކަށް 250 މީހުން ފަރުވާ ހޯދާ ކަމަށް ރެކޯޑުތަކުން ދައްކަ އެވެ.

ރާއްޖޭގައި އަހަރެއްގެ މައްޗަށް މަރުވާ މީހުންގެ ބޮޑު އިންސައްތައެއް—ގާތްގަނޑަކަށް 85 ޕަސެންޓް—ހިއްސާކުރަނީ ގައިންގަޔަށް ނާރާ ބަލިތަކެވެ.

މިފަދަ ބަލިތައް އިތުރުވުމުގެ މައިގަނޑު އެއް ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ދުންފަތުގެ އިސްތިއުމާލުކުރުމެވެ. ސްޓެޕް ސާވޭގެ ނަތީޖާއިން ދައްކާ ގޮތުގައި ރާއްޖޭގެ ފިރިހެނުންގެ 35.6 ޕަސެންޓް އަދި އަންހެނުންގެ 7.6 ޕަސެންޓް ދުންފަތް ބޭނުންކުރާއިރު، އުމުރުން އެންމެ އަށް އަހަރުގެ ކުދިން ވެސް ދުންފަތުގެ ވަބާގައި ޖެހިފައިވާކަން ވަނީ ފާހަގަވެފައެވެ.

"ހަކުރުބަލިން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އަޅަމާ" މި ޝިއާރުގެ ދަށުން މިއަހަރުގެ ދުވަސް ފާހަގަކުރާއިރު، ދުޅަހެޔޮ ކާނާ ކެއުމަށާއި، ގަވާއިދުން ކަސްރަތުކުރުމުގެ އިތުރުން ދުންފަތާ ދުރުހެލިވުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ސްކްރީން ކުރުމަށް ވެސް އެދިފައިވެއެވެ.

ހަކުރުބަލި ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން އެކުލަވާލާފައިވާ "ނެޝަނަލް މަލްޓިސެކްޓޯރަލް އެކްޝަން ޕްލޭން 2023-2031" ގެ ދަށުން، ޕްރައިމަރީ ހެލްތު ކެއާގެ ތެރެއިން ހާއްސަ މެނޭޖްމަންޓް ޕްރޮޓޮކޯލެއް ތައާރަފުކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

މި ދުވަހާ ގުޅުވައިގެން ހޭލުންތެރިކަން އިތުރުކުރުމަށް މިއަދު "މޯލްޑިވްސް ސްވިމްސް ފޯ ޑައިބެޓީސް" ގެ ނަމުގައި ފެތުމުގެ ހަރަކާތެއް ކުރިއަށް ގެންދާއިރު، އަންނަ އާދީއްތަ ދުވަހު ހާއްސަ ފޯރަމެއް ބޭއްވުމަށާއި ރ. އަތޮޅުގައި ސްކްރީނިން ޕްރޮގްރާމްތަކެއް ހިންގުމަށް ވެސް ވަނީ ތާވަލުކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow