އިދިކޮޅުގެ 'ގައުމީ ހަރަކާތް' އެއްވުމަށް ފިނި ތަރުޙީބެއް!
ކުރީގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އިސްކޮށް ހުންނަވައިގެން ހިންގަވާ "ގައުމީ ހަރަކާތް" ގެ ފަރާތުން ރޭ މާލޭގައި ބޭއްވި އެއްވުމަށް އާންމުންގެ ފަރާތުން ވަރަށް ފިނި ތަރުހީބެއް ލިބި، އެއްވުމަށް ހާޒިރުވީ އެންމެ 300 ވަރަކަށް މީހުން ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މި އެއްވުމަކީ ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ގުޅިގެން ރަސްމާލޭގެ ބައެއް ތަރައްގީކުރުމަށް ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް އަޑުއުފުލުމަށް ބޭއްވި އެއްވުމެކެވެ. މި އެއްވުން އިންތިޒާމުކޮށް، ފާއިތުވި އެތައް ހަފުތާއެއް ވަންދެން މީޑިއާތަކުގައާއި މީސްމީޑިއާގައި ވަރުގަދަ ކެމްޕޭނެއް ކުރިއަށް ގެންދިޔައެވެ. އަދި މި އެއްވުމުގައި އިމްރާން އަބްދުﷲ ގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެމްޑީޕީގެ އިސް ލީޑަރުން ބައިވެރިވެވަޑައިގެންނެވި ނަމަވެސް، އެއްވުމަށް ހާޒިރުވި މީހުންގެ އަދަދު އިންތިހާއަށް މަދުކަން ވަނީ ފާހަގަކުރެވިފައެވެ.
ރަސްމާލެ މަޝްރޫއާ ގުޅިގެން ސިޔާސީ މައިދާނުގައި ބޮޑެތި ބަހުސްތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައި، އިދިކޮޅުގެ އެންމެ އިސް ލީޑަރުން އެއް ސްޓޭޖަކުން ފެނިގެންދިޔަ ނަމަވެސް އެއްވުމަށް މީހުން ނުނިކުތުމުން ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ. ހާއްސަކޮށް، ރައްޔިތުން މަގުތަކަށް ނެރެ ބޮޑު ސިޔާސީ ބާރެއް ދެއްކުމުގެ ގާބިލުކަން އިދިކޮޅު ފަރާތްތަކާއި މި ހަރަކާތް އިންތިޒާމުކުރި ފަރާތްތަކުގެ ކިބައިގައި މިހާރު ހުރި މިންވަރާމެދު ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.
މި އެއްވުމަކީ ހާއްސަކޮށް އިމްރާން އަބްދުﷲ ގެ ސިޔާސީ ހަޔާތަށް ވަރަށް މުހިންމު އިވެންޓެކެވެ. ސަބަބަކީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ކުރީގެ ސަރުކާރު ބަލިވެ ވެރިކަން ބަދަލުވި ފަހުން، މިއީ އޭނާ ރާއްޖޭގެ ސިޔާސީ އެއްވުމަކުން އަމަލީ ގޮތުން ފެނިގެންދިޔަ ފުރަތަމަ ފަހަރަށް ވާތީއެވެ. ވެރިކަން ބަދަލުވުމާއެކު ރާއްޖެ ދޫކުރައްވައި ތައިލެންޑުގެ ބެންކޮކަށް ދިރިއުޅުން ބަދަލުކުރައްވައި ވިޔަފާރީގެ ކަންކަމުގައި އުޅުއްވުމަށްފަހު، "ގައުމީ ހަރަކާތް" ގެ ނަމުގައި އޭނާ ފެއްޓެވި މި މަސައްކަތަކީ ސިޔާސީ މައިދާނަށް އަލުން އެނބުރި ވަޑައިގަތުމަށް ކުރެއްވި މަސައްކަތެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. ނަމަވެސް މިރޭގެ އެއްވުމުން ފެނިގެންދިޔަ މަންޒަރުތަކާއެކު، އާންމުންގެ ތަރުހީބު މި ހަރަކާތަށް ނެތްކަން ވަނީ ހާމަވެފައެވެ.
ރިއެކްޝަންސް

