ރަސްމާލޭ ފަދަ ރިއަލް އެސްޓޭޓް ތަންތަނުގައި ބަނގުރަލާއި އޫރުމަސް މަނާކޮށް، ރިއަލް އެސްޓޭޓް ބިލު މަޖިލީހަށް ހުށަހަޅައިފި
ރަސްމާލެ ފަދަ އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނުތަކުގައި ބަނގުރަލާއި އޫރުމަސް އެތެރެކުރުމާއި ވިއްކުން މަނާކުރާ ގޮތަށް އެކުލަވާލާފައިވާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާނެވެ. މިއީ ރާއްޖޭގެ ރިއަލް އެސްޓޭޓް ދާއިރާ ތަރައްޤީކޮށް ހިންގުމަށް ޚާއްޞަކޮށްގެން އެކުލަވާލެވޭ ފުރަތަމަ ޤާނޫނެވެ.
މި ޤާނޫނުގެ ދަށުން ރިއަލް އެސްޓޭޓް ވިޔަފާރިތައް ރެގިއުލޭޓް ކުރުމަށްޓަކައި ޚާއްޞަ އިދާރާއެއް އުފައްދާނެއެވެ. އަދި ރިއަލް އެސްޓޭޓްގެ ގޮތުގައި ވިއްކާ ބިންތަކާއި ޢިމާރާތްތަކުގެ ޔުނިޓުތަކުގެ ދަފްތަރެއް ޤާއިމުކޮށް، ޑިވެލޮޕަރުންނާއި ބްރޯކަރުންނާއި އޭޖެންޓުން އަދި ވެލުއަރުންނަށް ލައިސަންސް ދިނުމުގެ ނިޒާމެއް ހަމަޖެހިގެންދާނެއެވެ. މީގެއިތުރުން، ޢިމާރާތްކޮށް ނުނިމެނީސް ޔުނިޓުތައް ގަންނަން ފަރާތްތަކުން ދައްކާ ފައިސާއަށް ޤާނޫނީ ރައްކާތެރިކަން މި ބިލުގެ ސަބަބުން ކަށަވަރުވެގެންދާނެއެވެ.
ރަސްމާލޭގައި ވޯޓާ ފްރަންޓަކާއި މެރީނާއެއް އެޅުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ހިންގާ ބޮޑު މަޝްރޫޢު ނިމި، ޚިދުމަތް ދޭން ފެށި ނަމަވެސް އެތަނުގައި ބަނގުރާ، އޫރުމަސް އަދި ކެސީނޯ ފަދަ ކަންކަން ނުހުންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ވެސް ވިދާޅުވެފައެވެ.
މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ހިމެނޭ މުހިންމު ބައެއް މާއްދާތަކުގެ ތެރޭގައި:
77 ވަނަ މާއްދާގެ (ރ): މި މާއްދާގެ ދަށުން ކަނޑައަޅާ ޒޯނުގައި ތަރައްޤީކުރާ ތަންތަނަށް އަދި އެތަނުގައި ހިންގާ ވިޔަފާރިތަކަށް ނުވަތަ އެތަނުގައި ދިރިއުޅޭ ފަރާތްތަކަށް، ބަނގުރަލާއި، ބަނގުރާ އެކުލެވޭ ތަކެއްޗާއި، އޫރުމަހާއި، އޫރުމަސް އެކުލެވޭ ތަކެއްޗާއި، އޫރުމަހުން އުފައްދާ ތަކެތި އިމްޕޯޓްކުރުމަށް ނުވަތަ ވިއްކުމަށް ނުވަތަ ބޭނުންކުރުމުގެ ހުއްދައެއް ނޯންނާނެއެވެ.
78 ވަނަ މާއްދާގެ (ހ): އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނެއްގެ ގޮތުގައި ކަނޑައަޅާ ސަރަޙައްދެއް މާސްޓަރ ޑިވެލޮޕަރަކަށް ކުއްޔަށް ދެވޭނީ ގިނަވެގެން 99 އަހަރުގެ މުއްދަތަކަށެވެ.
81 ވަނަ މާއްދާގެ (ހ): މިފަދަ ޒޯނެއްގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ މުދަލާއި ޚިދުމަތުން ޓެކްސް ނަގާނީ ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުން ޓެކްސް ނަގާ ރޭޓުގައެވެ.
89 ވަނަ މާއްދާގެ (މ): ޒޯނަކުން ޕްރޮޕަޓީއެއް ގަތުމަކުން، އެ ގަންނަ ބޭރުގެ ފަރާތަކަށް ދިވެހިރާއްޖޭގެ ރައްޔިތަކަށް ވުމުގެ އެއްވެސް ޙައްޤެއް ނުލިބޭނެއެވެ.
93 ވަނަ މާއްދާގެ (ށ): އިޒްރޭލުގެ އެއްވެސް ރައްޔިތަކަށް، ނުވަތަ އެ ޤައުމުގެ ރައްޔިތުންގެ ޙިއްޞާއެއް ނުވަތަ މިލްކުވެރިކަމެއް އޮންނަ އެއްވެސް ކުންފުންޏަކަށް މި ޒޯނުތަކުން ޕްރޮޕަޓީއެއްގެ ލީސްހޯލްޑް ރައިޓްސް ވިއްކުމާއި، ބިން ސަބްލީސް ކުރުން ވަނީ ކަނޑައެޅިގެން މަނާކޮށްފައެވެ.
95 ވަނަ މާއްދާގެ (ހ): ވަކި އެއް ޤައުމެއްގެ ރައްޔިތުންނަށް ނުވަތަ ކުންފުނިތަކަށް ޒޯނުން ދޫކުރެވޭނީ ޖުމްލަ ބިމުގެ ނިސްބަތުން އެންމެ ގިނަވެގެންވެސް %25 (ފަންސަވީސް އިންސައްތަ) އެވެ.
96 ވަނަ މާއްދާގެ (ހ): މި ޒޯނުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާނީ ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުންނެވެ.
98 ވަނަ މާއްދާ: ރާއްޖޭގެ ޤާނޫނުތަކާ ޚިލާފު އެއްވެސް ކަމެއް އަދި ރާއްޖޭގެ ސިޔާދަތާއި އިސްތިޤްލާލަށް ގެއްލުންވާފަދަ އެއްވެސް ޢަމަލެއް ޑިވެލޮޕަރަށް ނުކުރެވޭނެއެވެ. އަދި އިސްލާމީ ޝަރީޢަތުގައި ޙަރާމްކުރައްވާފައިވާ ޖުވާ ކުޅުން ފަދަ އެއްވެސް ކަމަކަށް ޒޯނުގެ ތެރެއިން ފުރުޞަތު ނުދެވޭނެ ކަމަށާއި، އިސްލާމްދީން ފިޔަވައި އެހެން ދީންތަކުގެ ޝިޢާރުތައް ފާޅުކުރުމާއި، އެހެން ދީންތަކަށް އަޅުކަންކުރާ ތަންތަން ހެދުމަކީ މަނާކަމެއްގެ ގޮތުގައި މި މާއްދާގައި ވަނީ ބަޔާންކޮށްފައެވެ.
މި ބިލު ޤާނޫނަކަށް ވުމުން، ރާއްޖޭގައި ހިންގާ ރިއަލް އެސްޓޭޓް ބޮޑެތި މަޝްރޫޢުތައް ހިންގުމުގައި އިސްލާމީ އުޞޫލުތަކާއި ޤައުމީ މަޞްލަޙަތު ފުރިހަމައަށް ހިމާޔަތްކުރެވިގެންދާނެއެވެ.
ރިއެކްޝަންސް

