ހޯމް މިނިސްޓްރީގެ ކުރީގެ ބޮޑެތި މަޝްރޫއުތަކެއްގައި މާލިއްޔަތު ގަވާއިދާ ޚިލާފު އެތައް އަމަލެއް ހިންގާފައިވާކަން އޮޑިޓުން ހާމަވެއްޖެ
ހޯމް މިނިސްޓްރީން 2022 އަދި 2023 ވަނަ އަހަރު ހިންގި ބައެއް ބޮޑެތި މަޝްރޫއުތަކުގައި، ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފަށް ގިނަ ކަންތައްތަކެއް ހިންގާފައިވާކަން އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މި މަޝްރޫއުތައް ހިންގާފައިވަނީ ކުރީގެ ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲގެ ދައުރުގައެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މާލޭ ޖަލު އުވާލުމަށްފަހު ގައިދީން ބަދަލުކުރުމަށްޓަކައި އަވަސް މަސައްކަތެއްގެ ގޮތުގައި ބަލައިގެން، މާފުށީ ޖަލުގައި 50 ގޮޅީގެ ހައި-ސެކިއުރިޓީ ވިންގެއް އެޅުމަށާއި، އިތުރު 18 ގޮޅި އަދި ސެކިއުރިޓީ ޕޯސްޓެއް އެޅުމަށް ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އާ ސިންގަލް ސޯސް އުސޫލުން ހަވާލުކުރީ 45.4 މިލިއަން ރުފިޔާއަށެވެ. ނަމަވެސް، އެއްބަސްވި މުއްދަތަށް މަސައްކަތް ނިމިފައެއް ނުވެއެވެ. އެ މަޝްރޫއުގެ ތެރެއިން ނިމިފައިވަނީ ހަމައެކަނި 18 ގޮޅީގެ މަސައްކަތް ކަމުގައި ވިޔަސް، މި ދެ މަސައްކަތަށް ޕޮލްކޯއިން ހުށަހެޅި ބިލްތަކަށް މިނިސްޓްރީން ވަނީ ޖުމްލަ 34.6 މިލިއަން ރުފިޔާ ދައްކާފައެވެ. އަދި ޕޮލްކޯއިން ވާދަވެރި މާހައުލަކުން ހޯދުމެއް ނެތި ސަބްކޮންޓްރެކްޓަރަކަށް މި މަސައްކަތް ހަވާލުކޮށްފައިވާ ކަމަށާއި، ބީއޯކިޔުއާއި ކުރެހުމުގައި ހުރި ތަފާތުތަކުގެ ސަބަބުން އަގުތައް ބޮޑުކޮށް ހިމަނާފައިވާ ކަމަށްވެސް އޮޑިޓުން ފާހަގަކުރިއެވެ.
މާފުށީ ޖަލުގެ މައްސަލައިގައި އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ކަމަކީ، 50 ގޮޅީގެ މަސައްކަތް ކުރުމަށް ކަނޑައެޅި ސަރަޙައްދުގައި ހުރި އިމާރާތެއް ތަޅާލައި ސައިޓް ސާފުކުރުމުގެ އަގުގެ ގޮތުގައި ބީއޯކިޔުގައި ހިމަނައިގެން 2,920,082 (ދެ މިލިއަން ނުވަލައްކަ ވިހިހާސް އަށްޑިހަ ދެ) ރުފިޔާ ޕޮލްކޯއަށް ދޫކޮށްފައިވުމެވެ. ނަމަވެސް، މަސައްކަތް ހަވާލުކުރުމުގެ ކުރިން 2022 ޖެނުއަރީ 20 ގައި ނަގާފައިވާ ފޮޓޯތަކުން އެ ސަރަހައްދުގައި އެއްވެސް އިމާރާތެއް ނެތްކަން ސާފުކޮށް އެނގެން އޮތް ކަމަށް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން އެ ފައިސާއަކީ ދައުލަތުން ހަރަދުކުރަން ނުޖެހި ދައްކާފައިވާ ފައިސާއެއް ކަމަށް ބަލައި، އެ ފައިސާ ޕޮލްކޯ އަތުން އަނބުރާ ހޯދުމަށާއި، މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމަށް އޮޑިޓާ ޖެނެރަލް ވަނީ ލަފާދެއްވާފައެވެ.
މީގެ އިތުރުން، ދ. ކުޑަހުވަދޫ ޖުވެނައިލް ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރު އިމާރާތްކުރުމަށް ރޯޑް ޓެކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ 21.5 މިލިއަން ރުފިޔާއަށް ހަވާލުކުރިއިރު، އެ މަސައްކަތް އެއްބަސްވުމާ އެއްގޮތަށް ފުރިހަމަ ނުވަނީސް ވަނީ ބަލައިގެންފައެވެ. އެތަނުގެ ސީލިންގާއި ދޮރުތަކަށް ފެންވަދެ ހަލާކުވުމުގެ ސަބަބުން އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެ ތަން މަރާމާތުކުރުމަށް އިތުރަށް 5.1 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޓީސީސީގެ އެސެސްމަންޓުން ދައްކައެވެ. މަސައްކަތް ފުރިހަމަ ނުވަނީސް ބަލައިގަތުމުގެ ސަބަބުން، ގެރެންޓީ މުއްދަތުގައި ކޮންޓްރެކްޓަރު ލައްވައި އެކަންކަން ރަނގަޅުކުރުމުގެ ފުރުސަތު ދައުލަތަށް ވަނީ ގެއްލިފައެވެ.
ހދ. ނޭކުރެންދޫ ކަރެކްޝަނަލް ފެސިލިޓީގެ މަސައްކަތަށް ބަލާއިރު، ޗޮއިސް ޕްރައިވެޓް ލިމިޓެޑަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި 15.3 މިލިއަން ރުފިޔާ ދޫކުރި ނަމަވެސް، އެޑްވާންސް ގެރެންޓީގެ މުއްދަތު ހަމަވުމުގެ ކުރިން މުއްދަތު އިތުރުކޮށްފައެއް ނުވެއެވެ. އަދި ކޮންޓްރެކްޓަރު މަސައްކަތް ކުރިއަށް ނުގެންދިޔުމުން އެއްބަސްވުން ބާތިލުކުރިއިރު، އަނބުރާ ދައުލަތަށް ލިބެންޖެހޭ 2.2 މިލިއަން ރުފިޔާ އަދިވެސް ހޯދިފައި ނުވާކަމަށާއި، މި ފައިސާ އަނބުރާ ހޯދުމަށް ސިޓީ ފޮނުވުން ފިޔަވައި އެކަށީގެންވާ އެއްވެސް ޤާނޫނީ ފިޔަވަޅެއް މިނިސްޓްރީން އަޅާފައި ނުވާކަން އޮޑިޓުން ވަނީ ފާހަގަކޮށްފައެވެ.
މާލިއްޔަތު ގަވާއިދު ބަޔާންކުރާ ގޮތުގައި ކޮންޓްރެކްޓެއްގެ އަގަށް 15 އިންސައްތައަށް ވުރެ ކުޑަ ބަދަލެއް ގެނެވޭނީވެސް ބިޑް ކޮމިޓީގެ ހުއްދައާއެކުގައެވެ. ނަމަވެސް މާފުށީ ޖަލާއި، ކުޑަހުވަދޫ ސެންޓަރާއި، ހޯރަފުށީ ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ އެއްބަސްވުންތަކުގެ އަގު، ބިޑް ކޮމިޓީގެ އެއްވެސް ހުއްދައަކާ ނުލައި ޖުމްލަ 1.5 މިލިއަން ރުފިޔާއިން ވަނީ ބޮޑުކޮށްފައެވެ. އަދި 2023 ވަނަ އަހަރު މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ޑްރޯން ޝޯ ބްލޫ ސްޓްރައިޕްސް ޓްރޭޑިންގް ޕްރައިވެޓް ލިމިޓެޑާ 1.1 މިލިއަން ރުފިޔާއަށް ހަވާލުކުރީ ވާދަވެރި މާހައުލަކުން ނޫން ކަމަށާއި، ސިންގަލް ސޯސް އުސޫލުން ހަވާލުކުރި ސަބަބު ލިޔުމުން ބަޔާންކޮށް ބަލަހައްޓާފައި ނުވާކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މި ހުރިހާ މައްސަލަތަކާ ގުޅިގެން، މާލިއްޔަތު ގަވާއިދާ ޚިލާފުވި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށާއި، ދައުލަތަށް ގެއްލުނު ފައިސާތައް އަނބުރާ ހޯދުމަށް އޮޑިޓާ ޖެނެރަލް ވަނީ ދާޚިލީ ވުޒާރާއަށް އަންގަވާފައެވެ.
ރިއެކްޝަންސް

