ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް: ގާސިމް
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރާއްޖޭގެ ސިޔާސީ ހަމަޖެހުމާއި އިޤްތިޞާދަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޤާސިމް އިބްރާހިމް މިހެން ވިދާޅުވީ، ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވައި، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރުކުރުމަށް ޤާނޫނުއަސާސީއަށް ގެނައި އިސްލާހާ ގުޅިގެން، އަންނަ އޭޕްރިލް މަހު ނެގުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެކްސްގައި ކުރެއްވި ޓުވީޓެއްގައި ޤާސިމް ވިދާޅުވީ، 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ސިޔާސީ މަޝްރަޙް ބަދަލުވަމުން އައި ގޮތަށް ބަލާއިރު، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ކުރަން ލަސްވެފައިވާ ކަމެއް ކަމަށެވެ. ވެރިކަމަށް އަންނަ ކޮންމެ ސަރުކާރަކުންވެސް މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ވެރިކަމުގެ ފުރަތަމަ ހަ މަސްދުވަސް ހޭދަކުރަން ޖެހުމަކީ ހަޤީޤަތެއް ކަމަށާއި، އޭގެ ސަބަބުން ސަރުކާރުގެ މަސައްކަތްތަކަށް ހުރަސް އެޅޭކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ކުރީގެ މަޖިލީސްތަކުން ސަރުކާރަށް ޖެއްސުންކޮށް، ބަޖެޓް ހާވިޔާކޮށްލުމާއި، ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން މަސައްކަތް ކޮށްފައިވާކަން ޤާސިމް ހަނދާންކޮށްދެއްވިއެވެ. އޭނާ ވިދާޅުވީ 2019 އަދި 2023 ގެ އިންތިޚާބުތަކުގައި ރައްޔިތުން ވެރިކަން ހިންގާ ޕާޓީއަށް ބޮޑު މެޖޯރިޓީއެއް ދީފައިވާ ކަމަށާއި، ދެ އިންތިޚާބު އެކުއެކީގައި ބޭއްވުމުން ސިޔާސީ ނިޒާމުގައި އުފެދޭ ހަމަނުޖެހުންތަކާއި ކޮރަޕްޝަންގެ ތުހުމަތުތައް ކުޑަވެގެންދާނެ ކަމަށެވެ.
އިޤްތިޞާދީ ގޮތުން ލިބޭ ފައިދާތަކަށް އަލިއަޅުއްވާލައްވަމުން ޤާސިމް ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށްލުމުން ރައްޔިތުންގެ ޓެކްސް ފައިސާއިން 120 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ. އެ ފައިސާ ރައްޔިތުންގެ އެހެން ބޭނުންތަކަށް ހޭދަކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަންނަ އޭޕްރިލް މަހުގެ ކުރީކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާ އެކު ކުރިއަށްދާ ފެންނަ ނުފެންނަ ވޯޓުގައި، މި ބަދަލު ގެނައުމަށް "ފެންނަ" ކަމަށް ވޯޓު ދެއްވުމަށް ޤާސިމް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައިވެއެވެ.
ރިއެކްޝަންސް



