ރާއްޖޭގެ އިގުތިސާދުގައި އެންމެ އިސް ދައުރެއް އަދާކުރާނީ އުފެއްދުންތެރި ރައްޔިތުން: މިނިސްޓަރު ސައީދު

ރާއްޖޭގެ އިގުތިސާދުގައި އެންމެ އިސް ދައުރެއް އަދާކުރާނީ އުފެއްދުންތެރި ރައްޔިތުން: މިނިސްޓަރު ސައީދު

2 hours ago - 09:07

ދިވެހިރާއްޖޭގެ އިގުތިސާދު ކުރިއެރުވުމުގައި އެންމެ އިސް އަދި މުހިންމު ދައުރެއް އަދާކުރާނީ ރާއްޖޭގެ އުފެއްދުންތެރި ރައްޔިތުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.


މިނިސްޓަރު ސައީދު މިހެން ވިދާޅުވީ "މޯލްޑިވްސް އެކްސްޕޯ 2026" ގެ އިނާމު ދިނުމަށް މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.


މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އިގުތިސާދު މިހާރަށްވުރެ މަތީ ހަރުފަތަކަށް ގެންދިއުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވަނީ ވަރަށް ހާއްސަ އަދި ސާފު ތަސައްވުރެއް ކަމަށެވެ. އެގޮތުން އިގުތިސާދީ ގޮތުން ދިމާވެފައިވާ އެކި ކަހަލަ ގޮންޖެހުންތަކާއެކު ވެސް ގައުމު ކުރިއަށް ގެންދާނެ ސާފު މަގުޗާޓެއް އެމަނިކުފާނުގެ އެބައޮތް ކަމަށާއި، ރާއްޖެއިން ބޭރުން ލިބެންހުރި ތަރައްގީގެ ފުރުސަތުތައް ފަހިކުރުމަށް ރައީސް ރެޔާއި ދުވާލު އިރުޝާދު ދެއްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.


މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ވަނީ ވަށާޖެހޭ ގޮތެއްގައި އިންވެސްޓްމެންޓުތައް ހޯދުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައި ކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން އެންމެ ކުދި ވިޔަފާރިތަކުން ފެށިގެން ބޮޑެތި އިންވެސްޓްމެންޓްތަކަށް ވެސް ބޮޑެތި ފައިދާތަކެއް ލިބޭނެ ފަދަ ކުރިއެރުންތަކެއް ހާސިލުކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.


ގައުމުގެ އިގުތިސާދީ ހަޔާތުގައި އުފެއްދުންތެރިންގެ ހިއްސާ ބޮޑުކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، 2030 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ އިގުތިސާދުގެ 15 އިންސައްތަ ހިއްސާކުރަންވާނީ 'ކްރިއޭޓީވް އިކޮނޮމީ' ނުވަތަ އުފެއްދުންތެރި އިގުތިސާދުން ކަމަށް ރައީސް ޑރ. މުއިއްޒު ކަނޑައަޅުއްވާފައިވާ ކަމަށެވެ. އަދި މިހާރު ސަރުކާރުން ކުރިއަށްދަނީ އެ ލަނޑުދަނޑި ހާސިލުކުރުމުގެ މަގުގައި ކަމަށްވެސް ވިދާޅުވި އެވެ.


"ރާއްޖޭގެ އިގުތިސާދުގައި އެންމެ އިސްދައުރެއް، އެއްވެސް ޝައްކެއް ނެތި އަދާކުރާނީ ރާއްޖޭގެ އުފެއްދުންތެރި ރައްޔިތުން. އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ނުވަތަ އަލަށް ވިޔަފާރިއަށް ވަދެވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކަށް ބިނާކުރަނިވި ޚިޔާލުތަކެއް ގެންގުޅުއްވާ އެ ޚިޔާލުފުޅު ކޮންމެސްކަހަލަ ނަފާވެރިކަމަކަށް ބަދަލުކުރަން ބޭނުންފުޅުވާނެ ޒުވާން ސިކުނޑުތަކެއް. އެބޭފުޅުންނަށްޓަކައި ރައީސްގެ ތަސައްވުރަށް ކުރެއްސެވީ 2030 ވަނަ އަހަރު އަންނަންވާއިރު، ރާއްޖޭގެ އުފެއްދުންތެރިކަމުގެ، ކްރިއޭޓީވް އިކޮނޮމީގެ އިންސައްތައިން %15 ހިއްސާކުރަން އެމަނިކުފާނު ބޭނުންފުޅުވާ ކަމަށް،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.


މި އަހަރު ބޭއްވި އެކްސްޕޯއާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިއީ މީގެ ކުރިން ރާއްޖޭގައި ނުބޭއްވޭހާ ފުޅާ ދާއިރާއެއްގައި އަދި ކާމިޔާބުކަމާއެކު އިންތިޒާމު ކުރެވުނު މައުރަޒެއް ކަމަށެވެ. އެގޮތުން ހިސާބުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ވޭތުވެދިޔަ އަހަރުގެ މައުރަޒުގައި 240 ފަރާތަކުން ބައިވެރިވި ނަމަވެސް، މިއަހަރު އެ އަދަދު ވަނީ 600 އަށް އުފުލިފަ އެވެ.


މީގެއިތުރުން، މި އަހަރުގެ މައުރަޒަށް ހުށަހެޅި އުފެއްދުންތަކުގެ އަދަދު 4،400 އަށް އަރާފައިވާއިރު، މައުރަޒު އިންތިޒާމުކުރި ޑިސްޓްރިކްޓްތަކުގެ އަދަދު ވެސް މިހާރު 7 އަށް އިތުރުކުރެވިފައިވާ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow