
ވަރަށްބޮޑަށް ތައްޔާރުވުމަށްފަހު އެމްޑީޕީގެ ކުޅުދުއްފުށި ދަތުރާއި ޖަލްސާވެސް ފަސްކޮށްފި
ފަސްކުރީ މޫސުން ވަރަށްބޮޑަށް ގޯސްވުމުން
ވަރަށްބޮޑަށް ތައްޔާރުވުމަށްފަހު އެމްޑީޕީގެ ކުޅުދުއްފުށި ދަތުރާއި ޖަލްސާވެސް ފަސްކޮށްފިއެވެ. ދަތުރާއި ޖަލްސާ ފަސްކުރިކަން އެޕާޓިން އިއުލާނުކުރީ ފުރަން ގަޑިއިރަކަށްވުރެވެސް ކުޑަވި ފަހުންނެވެ. ކުޅުދުއްފުށި ބާދުޝާހު ބޯޓްގައި ޖަލްސާއަށް މާލެއިން ދާ މީހުން ފުރަން ކަނޑައަޅާފައި އޮތީ މިރޭ 10:00 ގައެވެ.
ބޯޓް މިއަދު މާލެ އައުމުން އެމްޑީޕީގެ މެމްބަރުން ވަނީ ގައުމީ ދިދައާއި ޕާޓީގެ ދިދައިން ބޯޓް ޒީނަތްތެރިކޮށްފައެވެ. އަދި ވަރަށްބޮޑަށް ޖަލްސާއާއި ދަތުރު ޕްރޮމޯޓް ކުރިއެވެ. ނަމަވެސް މިރޭ އެމްޑީޕީން ބުނީ ދަތުރު ކުރިއަށްގެންދަން މޫސުން ތަން ނުދޭތީ ފަސްކުރަން ޖެހިފައިވާ ކަމަށެވެ.
"މިރޭ ބާދުޝާހު ބޯޓުން ކުރަން ހަމަޖެހިފައިވާ ދަތުރު މޫސުން ތަން ނުދިނުމުގެ ސަބަބުން ވަނީ ފަސްކުރެވިފައި އަދި ދަތުރަށް ފުރާ ގަޑި ފަހުން ހާމަކުރޭވެނެ. މޫސުން ތަންދޭނަމަ ހޮނިހިރު ދުވަހުގެ ރޭ ކުޅުދުއްފުށި ސިޓީގައި ޖަލްސާ އޮންނާނެ."
ކުޅުދުއްފުށި ޖަލްސާ ބާއްވަން ތާވަލްކޮށްފައިވަނީ މާދަމާ ރެއެވެ. ޖަލްސާ ބާއްވާ ސަރަހައްދުވެސް ވަނީ ތައްޔާރުކޮށްފައެވެ. ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު މިއަދު ވަނީ ކުޅުދުއްފުށްޓަށް ވަޑައިގެންފައެވެ. މަތިން އެމަނިކުފާނާއެކު ރައްޔިތުންގެ މަޖިލިހުގެ މިދިޔަ ދައުރު ނިމުނު އިރު ރައީސްއަކަށް ހުންނެވި މުޙައްމަދު އަސްލަމްއާއި އެހެން ބައެއް ސީނިއަރ ބޭފުޅުން ވަޑައިގެންނެވިއެވެ.
އެމްޑީޕީން ކުޅުދުއްފުށީގައި ބާއްވާ ޖަލްސާއަކީ އެޕާޓިއަށް 20 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ފުރަތަމަ ބޮޑު ޖަލްސާއެވެ.
ރިއެކްޝަންސް






