ފުވައްމުލަކު ސިޓީގެ ކަރަންޓުގެ ޚިދުމަތާ ސްޓެލްކޯއިން ރަސްމީކޮށް ޙަވާލުވެއްޖެ
ފުވައްމުލަކު ސިޓީގައި ދެމުން އައި ކަރަންޓުގެ ޚިދުމަތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ދަށަށް ރަސްމީކޮށް ބަދަލުކޮށް، އެ ޚިދުމަތް އެ ކުންފުނިން ދޭން ފަށައިފިއެވެ.
ފުވައްމުލަކުގައި ސްޓެލްކޯގެ އޮޕަރޭޝަންތައް ރަސްމީކޮށް އިފްތިތާޙު ކުރުމުގެ ގޮތުން މިއަދު އެ ސިޓީގައި ވަނީ ޚާއްޞަ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޤައުމީ ދިދަ ނަންގަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރެވެ. އަދި އެ ކުންފުނީގެ ދިދަ ނަންގަވައިދެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާއިޝަތު މުޒްނާއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވީ، ރާއްޖޭގެ ޔުޓިލިޓީ ޚިދުމަތްތައް ޒަމާނީ ފެންވަރަކަށް ތަރައްޤީ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ތަޞައްވުރުގެ ދަށުން، ފެނަކައިގެ ޚިދުމަތްތައް ސްޓެލްކޯއާ ޙަވާލުކުރުމަކީ ފުވައްމުލަކުގެ ތަރައްޤީއަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ސްޓެލްކޯއިން ކަނޑައަޅާފައިވާ މަތީ މިންގަނޑުތަކާ އެއްވަރަށް އެ ސިޓީގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ހުރިހާ މުވައްޒަފުންވެސް ގުޅިގެން މަސައްކަތް ކޮށްދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ޚަރަދުތައް ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ފެނަކަ ކޯޕަރޭޝަން އުވާލައި، އެ ކުންފުނިން ދެމުންދިޔަ އަސާސީ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށާފައެވެ. މި ބަދަލުގެ ދަށުން ސްޓެލްކޯއިން މިހާރު ވަނީ އައްޑޫ ސިޓީގެ އިތުރުން ހއ. އަތޮޅުގެ ރަށްތަކުގެ ކަރަންޓު ޚިދުމަތާ ވެސް ރަސްމީކޮށް ޙަވާލުވެފައެވެ.
ރިއެކްޝަންސް

