ރައީސްގެ ޕާކިސްތާން ދަތުރުފުޅުގައި ޚާއްޞަ ބިޒްނަސް ފޯރަމެއް ބާއްވަނީ: 12 އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ހަވާސާގައި، ދެ ޤައުމުގެ ވިޔަފާރިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ޚާއްޞަ އިންވެސްޓްމެންޓް ފޯރަމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.
މި މަހުގެ 20 އިން 22 އަށް ކުރައްވާ މި ދަތުރުފުޅަކީ ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅެކެވެ. މިއީ ފާއިތުވި 11 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ރައީސަކު އެ ޤައުމަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅުވެސް މެއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުން އަދި ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ދަތުރުފުޅުގައި ރައީސް ޑރ. މުޢިއްޒު އެ ޤައުމުގެ ރައީސް އާސިފް ޢަލީ ޒަރްދާރީއާ ބައްދަލުކުރައްވާނެއެވެ. އަދި އެމަނިކުފާނުގެ ޝަރަފުގައި ބާއްވާ ރަސްމީ ޖާފަތެއް އޮންނާނެއެވެ. މީގެއިތުރުން، ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއެކު ދެބޭފުޅުން ވަކިންނާއި، ދެ ޤައުމުގެ ވަފުދުތަކުގެ މެދުގައި ބާއްވާ ރަސްމީ މަޝްވަރާތައް ވެސް ކުރިއަށްދާނެއެވެ.
މި މަޝްވަރާތަކުގައި ވިޔަފާރިއާއި، އިންވެސްޓްމެންޓާއި، ޞިއްޙަތާއި، ތަޢުލީމާއި، ފަތުރުވެރިކަމާއި، ދަނޑުވެރިކަމުގެ އިތުރުން ދިފާޢީ އަދި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި މޫސުމީ ބަދަލުތަކާ ގުޅޭ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ މެދު މަޝްވަރާކުރެވޭނެއެވެ. އަދި އެކި ދާއިރާތައް ތަރައްޤީކުރުމަށްޓަކައި މުހިންމު 12 އެއްބަސްވުމަކާއި ފަހުމުނާމާއެއްގައި ދެ ޤައުމުގެ ދެމެދުގައި ސޮއިކުރުމަށް ވަނީ ނިންމާފައެވެ.
އިޤްތިޞާދީ ގުޅުންތައް ފުޅާކުރުމުގެ ގޮތުން ދެ ޤައުމުގެ ވިޔަފާރިވެރިން ބައިވެރިވާ 'ޕާކިސްތާން-މޯލްޑިވްސް ބިޒްނަސް ފޯރަމް' އެއް ވެސް މި ދަތުރުފުޅުގެ ތެރެއިން އޮންނާނެއެވެ. މި ފޯރަމަކީ ދެމެހެއްޓެނިވި ގޮތެއްގައި އައު ފުރުޞަތުތައް ފަހިކޮށްދިނުމަށް އެޅޭ ބާރަކަށް ވެގެންދާނެއެވެ.
ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރައްވާ މި ދަތުރުފުޅުގެ ސަބަބުން، ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ އެކުވެރި އަދި އަޚުވަންތަ ގުޅުން އައު ހަރުފަތަކަށް އުފުލި، އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
ރިއެކްޝަންސް





