ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް މެސީ
ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑާ، އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އަރާ ހަމަކޮށްފިއެވެ.
މެސީ މި ރެކޯޑު ގާއިމްކުރީ މިހާރު ކުރިއަށްދާ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާއިން ކުޅުނު ފުރަތަމަ މެޗުގައެވެ. ގްރޫޕް ޖޭގައި އަލްޖީރިއާއާ ދެކޮޅަށް ކުޅުނު މި މެޗު 0-3 އިން އާޖެންޓީނާ ކާމިޔާބުކުރިއިރު، މެޗުގެ ތިން ލަނޑުވެސް ޖަހައިދިނީ މެސީއެވެ. މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި މެސީ ހެދި ފުރަތަމަ ހެޓްރިކެވެ.
މި ތިން ލަނޑާއެކު ވޯލްޑް ކަޕްގައި މެސީ ޖެހި ޖުމްލަ ލަނޑުގެ އަދަދު ވަނީ 16 އަށް އަރާފައެވެ. މިއާއެކު އޭނާ މިވަނީ ޖަރުމަނުގެ ލެޖެންޑް މިރޮސްލާވް ކްލޯޒޭ ހަދާފައިވާ ރެކޯޑާ އަރާ ހަމަކޮށްފައެވެ. ކްލޯޒޭ 16 ލަނޑު ޖެހީ ހަތަރު މުބާރާތުން ކަމަށްވާއިރު، ހަވަނަ ވޯލްޑް ކަޕްގައި ކުޅެމުންދާ މެސީ މި އަދަދަށް ލަނޑު ހަމަކުރީ ހަ މުބާރާތުންނެވެ.
މެސީގެ ވޯލްޑް ކަޕްގެ ލަނޑުތަކަށް ބަލާއިރު، އޭނާ އެންމެ ފުރަތަމަ ލަނޑެއް ޖެހީ 2006 ވަނަ އަހަރުއެވެ. އޭގެ ފަހުން 2014 ވަނަ އަހަރު 4 ލަނޑު، 2018 ގައި 1 ލަނޑު، އަދި އާޖެންޓީނާ ތަށި އުފުލާލި 2022 ވަނަ އަހަރުގެ މުބާރާތުގައި 7 ލަނޑު ވަނީ ކާމިޔާބުކޮށްފައެވެ. މިހާތަނަށް އޭނާ ޖެހި 16 ލަނޑުގެ ތެރެއިން 8 ލަނޑަކީ ކުޅުމުގެ ތެރެއިން ޖެހި ލަނޑުތަކެވެ. ބާކީ ލަނޑުތަކުގެ ތެރެއިން 7 ލަނޑު ޕެނަލްޓީން ޖެހިއިރު، އެއް ލަނޑު ޖެހީ ހިލޭ ޖެހުމަކުންނެވެ.
މި މުބާރާތަކީ މެސީގެ ފަހު ވޯލްޑް ކަޕަށް ވުން ގާތްއިރު، ކްލޯޒޭގެ ރެކޯޑު މުގުރާލައި އެކަނި އެއްވަނައަށް އެރުމުގެ ފުރުސަތު މެސީއަށް މިވަނީ ވަރަށް ބޮޑަށް ހުޅުވިފައެވެ. އާޖެންޓީނާއިން މުބާރާތުގައި ކުޅޭ ދެވަނަ މެޗުގައި މި މަހުގެ 22 ވަނަ ދުވަހުގެ ރޭ ނުކުންނާނީ އޮސްޓްރިއާއާ ދެކޮޅަށެވެ.
ރިއެކްޝަންސް



