ސްމާޓް އައިޑީ ކާޑު ތަޢާރަފުކޮށް، ސޮވްރިން ކްލައުޑް ޑޭޓާ ސެންޓަރެއް ޤާއިމުކުރަނީ
ސަރުކާރުގެ ޚިދުމަތްތައް ހޯދުން ފަސޭހަކޮށްދިނުމުގެ ގޮތުން "ސްމާޓް އައިޑީ ކާޑު" ތަޢާރަފުކުރުމަށާއި، ޤައުމުގެ ޑިޖިޓަލް ރައްކާތެރިކަން ކަށަވަރުކުރުމަށް "ނެޝަނަލް ސޮވްރިން ކްލައުޑް ޑޭޓާ ސެންޓަރު" ޤާއިމުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރުގެ ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރ އޮފް ފައިނޭންސް ޙަސަން ޒަރީރު ވިދާޅުވީ، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އަވަސްކޮށް، ކޮރަޕްޝަން ނައްތާލައި، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަޢުލަތުގެ އިދާރާތަކުގެ ހިންގުން ދެފުށްފެންނަ ގޮތަށް ބަދަލުކުރުމަށް ފެށި "މޯލްޑިވްސް 2.0" މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް މުހިންމު ތަޞައްވުރެއް ކަމަށެވެ. އެގޮތުން، މި ތަޞައްވުރުގެ ދަށުން އެކި ދާއިރާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ފުރިހަމައަށް ޑިޖިޓަލައިޒްކުރެވިގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ، ޚިދުމަތްތައް ހޯދުމުގައި އާންމުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ގެނެސްދޭނެ ޒަމާނީ "ޑިޖިޓަލް އައިޑެންޓިފިކޭޝަން ސިސްޓަމް" ނުވަތަ "ސްމާޓް އައިޑީ ކާޑު" އަންނަ އަހަރުގެ ތެރޭގައި ތަޢާރަފުކުރެވިގެންދާނެ ކަމަށެވެ. މީގެއިތުރުން، ދިވެހިރާއްޖޭގެ ޑިޖިޓަލް ރައްކާތެރިކަން ހަރުދަނާކޮށް ކަށަވަރުކުރުމަށްޓަކައި ސޮވްރިން ކްލައުޑް ޑޭޓާ ސެންޓަރު ޤާއިމުކުރުމުގެ މަސައްކަތް ވެސް ބަޖެޓުގައި ހިމަނައިގެން ކުރިއަށްގެންދާނެ ކަމަށް ވިދާޅުވިއެވެ.
ޓެކްނޮލޮޖީގެ ދާއިރާއިން ގެންނަ މިފަދަ އިންޤިލާބީ ބަދަލުތަކުގެ އިތުރުން، ވެރިރަށް މާލޭގެ ޓްރެފިކް ނިޒާމު ޒަމާނީ ފެންވަރަށް ބެލެހެއްޓުމަށްޓަކައި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން މަގުމަތީގެ ޓްރެފިކް ބަލަހައްޓާ "ސްމާޓް ޓްރެފިކް އެންފޯސްމަންޓް ސިސްޓަމް" އެއް ޤާއިމުކުރުން ވެސް ބަޖެޓުގައި ވަނީ ހިމަނާފައެވެ.
މިނިސްޓަރު ޒަރީރު އިތުރަށް ވިދާޅުވީ، މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް، މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ އަދި އަމާން ދިރިއުޅުމުގެ ވެއްޓެއް ކަށަވަރުކޮށްދިނުމުގެ ގޮތުން "ގްރޭޓަރ މާލެ ޓްރާންސްޕޯޓް މޮބިލިޓީ ޕްލޭން" އަންނަ އަހަރުގެ ތެރޭގައި ޢަމަލީގޮތުން ތަންފީޒުކުރަން ފަށާނެ ކަމަށެވެ.
ރިއެކްޝަންސް

