ހއ. ބާރަށުގައި 116 މިލިއަން ރުފިޔާގެ ބަނދަރާއި ޖެޓީ ތަރައްގީ ކުރުމުގެ މަޝްރޫއެއް ފަށައިފި
މިއަދު ހއ. ބާރަށުގައި ޖެޓީއާއި ބަނދަރު ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދިއުމަށްޓަކައި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗާ އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި މަޝްރޫއަކީ ހއ. ބާރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބަނދަރުގެ ދަތިކަން ހައްލުކޮށް، ދަތުރުފަތުރުގެ ފަސޭހަތައް އިތުރުކޮށްދޭނެ މުހިންމު މަޝްރޫއެއް ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗާ އިން ބުނެއެވެ.
މިއަދު ބޭއްވުނު މި ރަސްމިއްޔާތުގައި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓާ އޮފް ސްޓޭޓް އިސްމާއީލް ހަމީދު އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ މުހައްމަދު ޖަމްޝީދު އެވެ.
މި މަޝްރޫއުގެ ޖުމްލަ އަގަކީ 116,913,546.72 ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 540 ދުވަހެވެ.
މި މަޝްރޫއުގެ ދަށުން ހއ. ބާރަށުގައި ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ނެރު ފުންކުރުމާއި، އަލަށް ހަދާ ބަނދަރުގެ ފަޅު ފުންކުރުން ހިމެނެއެވެ. މީގެ އިތުރުން ނެރުފައިކަށި ގާއިމުކުރުމާއި، އެއްގަމުތޮށި ލުމުގެ މަސައްކަތްވެސް ކުރިއަށް ގެންދެވޭނެއެވެ. ދޯނިފަހަރު އަރުވައި ބޭލުމަށް ރޭމްޕް ގާއިމުކުރުމާއި، ޑިންގީ އެޅުމަށް ކޮންކްރީޓް ޖެޓީއެއް ގާއިމުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ހިމެނެއެވެ. ބަނދަރުގެ ދެފަރާތުގެ ވެލިގަނޑު ހިފެހެއްޓުމަށް ރިވެޓްމަންޓް ޖެހުމާއި، ސޭންޑްފިލްޑް ބްރޭކްވޯޓާ ގާއިމުކުރުންވެސް ހިމެނެއެވެ. ބަނދަރުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، މޫރިން ބޯއީ ހަރުކުރުމާއި، ބަނދަރު ބައްތި އަދި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގައި ހިމެނެއެވެ.
ރިއެކްޝަންސް

