ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުހުގެ އަސަރުކުރާތި ސަމާލުވުމަށް އިލްތިމާސްކޮށްފި
ރާއްޖޭގެ އެކި އަތޮޅުތަކަށް ދުންފުހުގެ އަސަރު ކުރަމުންދާތީ، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން ހާއްސަ ސަމާލުކަމެއް ދީގެން ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ވަނީ އިލްތިމާސްކޮށްފައެވެ. ވައިގެ ސާފުމިންވަރު ދަށްވެފައިވާތީ، ނޭވާލާ ނިޒާމަށާއި ހިތުގެ ބަލިތައް ހުންނަ ފަރާތްތަކަށް ސިއްހީ ގޮތުން ނުރައްކާވެދާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭއިން ހާމަކުރެއްވި ގޮތުގައި، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވާރަމެންޓްގެ ހާއްސަ ލިންކުން ނުވަތަ "އައިކިއު އެއާ ވިޝުއަލް" އެޕްލިކޭޝަން މެދުވެރިކޮށް އެ ސަރަހައްދެއްގެ ވައިގެ ސާފުމިންވަރު އާންމުންނަށް ބަލައިލެވޭނެއެވެ.
އެގޮތުން ށ. ފުނަދޫގައި ވައިގެ ނުރައްކާތެރި މިންވަރު ނުވަތަ (އޭކިއުއައި)ގެ މިންވަރު 158 ގައި ހުރި އިރު ހދ. ކުޅުދުއްފުށީގައި މި އަދަދުހުރީ 165 ގައެވެ. އެޗްޕީއޭއިން ބުނީ މި އޭކިއުއައި 151-200 އާ ދެމެދުގެ ރޭންޖެއްގައި ހުރުމަކީ ސިއްހީ ގޮތުން ނޭދެވޭ އަސަރުކުރުމާއި، ފުއްޕާމެއާއި ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާ އެންމެންނަށް ވެސް ބޮޑު ރޭންޖެއްކަމަށެވެ.
މީގެއިތުރުން ކ. މާލޭގައި މި އަދަދު ހުރީ 127 ގައެވެ. އެޗްޕީއޭއިން ބުނީ މި ލެވެލްގައި ނާޒުކު ހާލަތުގައިވާ ފަރާތްތަކަށާއި އެހެން މީހުންނަށްވެސް ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑުކަމަށެވެ.
މިވަގުތު ވައިގެ ކޮލިޓީ އެންމެ ރަނގަޅު އަދި ސިއްހަތަށް ނުރައްކަލެއް ނެތް ކަމަށް ދައްކަނީ ފުއްވަމުލައް އަދި އައްޑޫ ސިޓީގައެވެ.
ރިއެކްޝަންސް





